ބިމުގެ ބައްޓަމާ ބެހޭގޮތުން އިސްލާމީ ނަޒަރަކުން ހަމަހަމަކޮށް ސާފުކޮށް ބަޔާންކުރުން: ބިމުގެ ފަތިކަމާއި ވަށްކަން

ޤުރުއާނުގައި ބިމަކީ އޭގެ ބައްޓަމުގައި ފަތި އެއްޗެއްކަން ނުވަތަ ބޯޅަ އެއްޗެއްކަން ނުވަތަ ވަށް އެއްޗެއްކަން ކަނޑައެޅިގެން ބަޔާންކޮށްދޭ ސީދާ ނުވަތަ ސާފު ޞަރީޙަ ހެއްކެއް އޮތްކަމަކަށް ނުފެނެ އެވެ. އެހެނަސް، ފިޠުރީ ގޮތުން އަހަރެމެން މަގުމަށްޗަށް ނުކުންނަ ހިނދު، އަހަރެމެންނަށް ލޮލަށް ފެންނަ ގޮތުގައި ބިން ފެންނަނީ އަހަރެމެން ހިނގާއިރު ފަތިކޮށް، ތަނަވަސް އަދި ފެތުރިފައިވާ ނަތެއް ގޮތުގައެވެ. އެކަމަކު، އުޑުމަށްޗަށް ވަށައިގެން ބަލާއިރު ބިން ފެންނަނީ ވަށް ކޮށެވެ. އެއީ އިންސާނުންގެ ޢާންމު ފެނުމުގެ ތަޞައްވުރެވެ. ވުމުން ބިމަކީ ވަށް އަދި ފަތި އެއްޗެއް ކަމުގައިވުން އެކަށީގެންވެ އެވެ. ތެއްޔެއްގެ މަތި ވަށް ވެފައި ފަތި އެއްޗެއްގެ ގޮތުގައިވާ ފަދައިން ނެވެ. ބިމަކީ ވަށް އެއްޗެއްކަމަށް ބުނުމަކީ އެއީ ފަތި އެއްޗެއްކަށްވުން މަނާ ކުރާ ކަމެއްވެސް ނޫނެވެ. އެހެނަސް، މި މައްސަލައަކީ އަހަރެމެންގެ އީމާންކަން ކަނޑައަޅާ ކަމެއް ނޫން ނެވެ. އަދި މިއީ ދީނުގެ ތަނބުތަކުގެ ތެރެއިން ކަމެއްވެސް ނޫނެވެ. ބިމަކީ ފަތި އެއްޗެއްނަމަ، ﷲ އަށް ޙަމްދު ހުއްޓެވެ. ބިމަކީ ވަށް އެއްޗެއްނަމަ ވެސް، ﷲ އަށް ޙަމްދު ހުއްޓެވެ. އަދި ދެގޮތުގައިވާ އެއްޗެއް ނަމަވެސް ﷲ އަށް ޙަމްދު ހުއްޓެވެ. އެކަމަކު ނުކުރާނެ ކަމަކީ ނާސާ، ނަޞޯރާއިން ނާއި ޔަހޫދީންގެ ސަރުކާރުތައް ބިމާއި ހަދަށް ދިއުމާއިމެދު ދައްކާ ކޮންމެ ވާހަކައެއް ލޯ މަރައިން ޤަބޫލުކުރުމެވެ. ޣައިރު މުސްލިމުން ދައްކާ ސީޖީއައި ވީޑިއޯ ފޮޓޯއަށް އެކަނި ނިސްބަތްވެ ބިން އެއީ ބޯޅައެއް ނުވަތަ ގްލޯބެއް ކަމުގައި ދެކޭ މީހެއް ކަމުގައި ނުވާނަމެވެ. ބޯޅައެއް ކަމުގައި ބުނުމާއި ވަށްކޮށް ބުނުމަކީ އެއީ ތަފާތު ދެކަމެކެވެ.

ބޯޅަ ބިމުގެ ވިސްނުމުގެ ތާރީޚީ އަސްލު


ބިމަކީ ބޯޅައެއްކަމަށް ފުރަތަމަ ބުނީ ޔޫނާނީ ފަލްސަފާވެރިން، މިސާލަކަށް ޕައިތަގޯރަސް، ޕްލޭޓޯ އަދި އެރިސްޓޯޓަލް އެވެ. މިއީ ހިޖުރައިގެ 1000 އަހަރު ކުރިން ދުނިޔޭގައި އުޅުނު ބައެކެވެ. މި ވިސްނުން އެމީހުންނަށް އައީ ނަބީބޭކަލުންނާއި ރަސޫލުބޭކަލުންގެ ފަރާތުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ހަމަ ޔަޤީނުން ވެސް އެމީހުންގެ ދަޢުވާ ބިނާވެފައި އޮތީ ވަޙީގެ މައްޗަށް ނޫން ނެވެ. އެމީހުން އެހެން ބުނީ އިރާއި ހަނދާއި ތަރިތައް ފެންނަނީ ބޯޅައެއް ކަމަށްވާތީ، ބިންވެސް ބޯޅައެއް ކަމަށް ހީކޮށްގެން ނެވެ. މިކަން ސާބިތުކޮށްފައެއް ނެތެވެ. ޤަބޫލުކުރެވޭ ގޮތުގައި ޔޫނާނީ ފަލްސަފާއާއި ހިސާބު ޢިލްމުގެ މަޤާމު ޤަދީމީ ޢިލްމުތަކުގައި މަތިވެރިވެފައި އޮތުމުގެ ސަބަބުން އެމީހުންގެ ޚިޔާލުތައް ރޯމަނު އަދި ބައިޒަންޓައިން އިމްޕަޔަރުތަކުގައި ފެތުރުނު ފަހުން، ޢައްބާސީ ޚިލާފަތުގެ ދުވަސްވަރު، ޚާއްޞަކޮށް ބަޣްދާދުގެ ބައިތުލް ޙިކްމާ ފަދަ ތަންތަނުގައި ހިންގުނު ތަރުޖަމާކުރުމުގެ މަސައްކަތްތަކުގެ ތެރެއިން އެންމެ ފަހުން އިސްލާމީ ބިންތަކަށްވެސް އައީ އެވެ.


އިހުގެ ނަޞާރާއިންނާއި ޔަހޫދީންގެ ފަތި ބިމުގެ ޢަޤީދާ


ކުރީގެ ގިނަ ކްރިސްޓިއަން ޗަރޗް ފާދަރުން އަދި ޔަހޫދީ ރާހިބުން ޙަޤީޤަތުގައި ޤަބޫލުކުރެއްވީ ބިމަކީ ފަތި އެއްޗެއްކަމަށެވެ. އެބައިމީހުންގެ ބަދަލުކުރެވިފައިވާ ފޮތްތަކުގައި ސީދާ ބަޔާންވެފައިވާ ގޮތަށެވެ. މިއީ ޔޫނާނީ ކޮސްމޮލޮޖީ ޔޫރަޕަށް އަލުން ތަޢާރަފުވުމުގެ ކުރިން ސަތޭކަ އަހަރުތަކެއް ވަންދެން އެންމެ ޢާންމު ވިސްނުމެވެ. ޔަހޫދީ ފަތްފުތްތަކުގައި ކުރީގެ ރާހިބުންގެ ލިޔުންތަކުގައިވެސް ބިން ބަޔާންކޮށްފައިވަނީ ފަތިކޮށް އަދި ތަނބުތަކެއްގެ މައްޗަށް ބިންނާފައިވާ އެއްޗެއްގެ ގޮތުގައެވެ. ބެބިލޯނިއަން ތަލްމުދުގައި ބަޔާންކޮށްފައިވަނީ ފަތި ބިމެއްގެ ވާހަކަ އެވެ.

ޝައިޚް މުޤްބިލް ބިން ހާދީ އަލްވާދިޢީގެ އިންސާފުވެރި ނަޒަރު


ސުވާލު: ބިމަކީ ބޯޅައެއްތޯ ނުވަތަ ފަތި އެއްޗެއްތޯ؟ އަދި وَإِلَى الْأَرْضِ كَيْفَ سُطِحَتْ ﷲ “އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟” [އަލްޣާޝިޔާ 20] މި އާޔަތުގެ މާނައަކީ ކޮބައިތޯ؟

ޝައިޚް މުޤްބިލް ގެ ޖަވާބު: “ޢިލްމުވެރިން މިކަމުގައި ޚިލާފުވެފައިވެއެވެ. ގިނަ ޢިލްމުވެރިން ވިދާޅުވެފައިވަނީ ބިމަކީ ފަތި އެއްޗެއްކަމަށެވެ. އަދި އަބޫ މުޙައްމަދު އިބްނު ޙަޒްމް، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ، އަލްޙާފިޡު އިބްނު ކަޘީރު އަދި އެބޭފުޅުންނާއެކު އެހެން ބަޔަކު ވިދާޅުވެފައިވަނީ ބިމަކީ ވަށް އެއްޗެއް ކަމުގައެވެ. ޤުރުއާނާއި ސުންނަތުން ބިމަކީ ބޯޅައެއްކަން ނުވަތަ ނޫންކަން ސާފުކޮށް އަދި ފާޅުކަން ބޮޑު ގޮތެއްގައި ސާބިތުވާ ހެއްކެއް ނެތެވެ. ބިމަކީ ފަތި އެއްޗެއްކަމަށް ބުނާނަމަ، އަހަރެމެންނަށް ފެންނަ ގޮތުގައި ފަތިކޮށް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އަދި އޭގެ ކައިރިތައް ބޮޅުވެފައި ހުރުމަކީވެސް އެކަށީގެންވާ ކަމެކެވެ. އެބަހީ ބޯޅައަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ. މި މައްސަލައިގައި ސާފު ހެއްކެއް ނެތުމުން، މިކަން ރުޖޫޢަވާންވާނީ ޙަޤީޤަތަށާއި މާއްދީ ގޮތުން ފެންނަ ގޮތަށެވެ. ފާޅުވެގެންވާ ގޮތުގައި، އަބޫ މުޙައްމަދު އިބްނު ޙަޒްމް، ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އަދި އެބޭފުޅުންގެ މަގުގައި ދަތުރުކުރެއްވި ބޭފުޅުންނަކީ ކެތްތެރި، ޙިކުމަތްތެރި އަދި ފުޅާ ވިސްނުމެއް ގެންގުޅުއްވި ބޭފުޅުންނެވެ. އަދި އެބޭފުޅުން ދެކެވަޑައިގަތީ އަދި ޤަބޫލުކުރެއްވީ ބިމުގެ ކައިރިތައް ވަށްވެފައިވާ ކަމަށެވެ. ﷲގެ ޙިމާޔަތާއި ނަޞްރު އެދެމެވެ.

ހަމައެހެންމެ، މި އާޔަތުގައި وَإِلَى الْأَرْضِ كَيْفَ سُطِحَتْ “އަދި ބިން ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟” މިއިން އެއްވެސް ކަމެއް (ބިން ފަތިވުން ނުވަތަ ބޯޅަވުން) ނަފީކޮށް ދޮގުކުރާ އެއްޗެއް ނެތެވެ. (މަޞްދަރު: “ޔަމަނީ ޔުނިވަރސިޓީގެ ޖިއޮލޮޖިކަލް ސުވާލުތައް” މި ނަމުގައިވާ އޯޑިއޯ ޓޭޕް)


ފަތި ބިމުގެ ވިސްނުމަށް ޤުރުއާނުން ލިބޭ ހެކި


ބިމަކީ ފަތި އެއްޗެއްކަމަށް ޤަބޫލުކުރާ މީހުން ޙަވާލާދެނީ ޤުރުއާނުގައި ބިމާ ގުޅޭގޮތުން ބޭނުންކޮށްފައިވާ ސަރީޙަ ބަސްތަކަށެވެ.


1. ފިރާޝް (فِرَاشًا) – ތަންމައްޗެއް، އެނދެއް (އެއީ ފަތި އެއްޗެކެވެ.)

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. الَّذِي جَعَلَ لَكُمُ الْأَرْضَ فِرَاشًا وَالسَّمَاءَ بِنَاءً وَأَنزَلَ مِنَ السَّمَاءِ مَاءً فَأَخْرَجَ بِهِ مِنَ الثَّمَرَاتِ رِزْقًا لَّكُمْ ۖ فَلَا تَجْعَلُوا لِلَّهِ أَندَادًا وَأَنتُمْ تَعْلَمُونَ “އެކަލާނގެއީ، ތިޔަބައިމީހުންނަށްޓަކައި ތަންމައްޗެއް ކަމުގައި ބިން ލައްވައި، އަދި ބިނާއެއްކަމުގައި އުޑު ލައްވައި، އުޑުން ފެން ވެއްސަވައި، އެއިން ތިޔަބައިމީހުންނަށް ރިޒްޤެއްކަމުގައި މޭވާގެ ބާވަތްތައް ނެރުއްވި ރަސްކަލާނގެއެވެ. ފަހެ، (އެކަލާނގެ ޚާލިޤުވަންތަކަން) ތިޔަބައިމީހުން ދެނެތިބެ، ﷲއަށް ޝަރީކުންތަކެއް ތިޔަބައިމީހުން ނުލާށެވެ!.”


2. މިހާދު (مِهَادًا) – ތަންމައްޗެއް

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. أَلَمْ نَجْعَلِ الْأَرْضَ مِهَادًا ތަންމައްޗެއް ކަމުގައި، ތިމަންރަސްކަލާނގެ ބިން ނުލައްވަންހެއްޔެވެ؟

مهاد” (މިހާދު): މި ބަހުގެ މާނައަކީ ފަތުރުއްވައިދެއްވި ތަން، ނުވަތަ އޮށޯވެވޭ ތަން، ނުވަތަ އަރާމުކޮށް ހުރެވޭ ތަނެވެ.


3. ބިސާޠު (بِسَاطًا) – ފެތުރިފައިވާ އެއްޗެއް

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. وَاللَّهُ جَعَلَ لَكُمُ الْأَرْضَ بِسَاطًا  “އަދި ﷲ ތިޔަބައިމީހުންނަށް ބިން ލެއްވީ ފަތުރުއްވައިދެއްވާފައިވާ ތަނެއްގެ ގޮތުގައެވެ.”

“بِسَاطًا” (ބިސާޠަން) = ފެތުރިފައިވާ ސަތަޙައެއް، ގޮނޑުދޮށެއް ފަދަ ފުޅާ ސަރަޙައްދެއް، ހަމަހަމަ ބިމެއް


4. މައްދު (مَدَدْنَاهَا) – ފުޅާކޮށްފައިވާ

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ] الحجر: 19 [“އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ.”

{وَهُوَ الَّذِي مَدَّ الْأَرْضَ وَجَعَلَ فِيهَا رَوَاسِيَ وَأَنْهَارًا} [الرعد: 3]

“އަދި އެކަލާނގެއީ، ބިން ފަތުރުއްވައި، އެ ބިމުގައި ހަރުލައި ހުންނަ ފަރުބަދަތަކާއި، ކޯރުތައް ލެއްވި ރަސްކަލާނގެއެވެ. “


5. ސުޠިޙަތް (سُطِحَتْ) – ފަތިކޮށް ފެތުރިފައިވާ

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. وَإِلَى الْأَرْضِ كَيْفَ سُطِحَتْ] الغاشية : 20 [ “އަދި ބިން ﷲ ފަތުރުއްވާފައިވަނީ، ކޮންފަދައަކުން ކަމާމެދު އެއުރެން ބިމަށް ނުބަލަނީހެއްޔެވެ؟”


މި ބަސްތައް ބޭނުންކޮށްފައިވަނީ މުޅި ބިމަށް (އަލްއަރްޟު) ނިސްބަތްކޮށް، ވަކި ސަރަޙައްދަކަށް ނޫންކަމަށްވާތީ، ނިންމާލެވޭ ނަތީޖާއަކީ ﷲ ބިން ސިފަކުރައްވާފައިވަނީ ފަތި، ފެތުރިފައިވާ، އަދި ފުޅާކޮށްފައިވާ އެއްޗެއްގެ ގޮތުގައި ކަމަށެވެ. ބިން ސިފަކޮށްފައިވަނީ ބޯޅައެއްގެ ގޮތުގައެއް ނޫނެވެ.


ބޯޅަ ބިމުގެ ވިސްނުން ބިނާވެފައިވަނީ އިސްތިދްލާލުގެ މައްޗަށް


ބިމަކީ ބޯޅައެއްކަމަށް ޙުއްޖަތު ޤާއިމުކުރާ މީހުން ބަރޯސާވަނީ ސީދާ ޤުރުއާނުގެ ޞަރީޙަ ބަސްތަކަށް ނޫނެވެ. އެހެނަސް، އެބަސްތަކުގެ އިސްތިދްލާލުގެ މައްޗަށެވެ.

އެމީހުން ޙަވާލާދެނީ ރޭދުވާ ބަދަލުވުމާއި، އެބަހީ ތަކުވީރު އާ ގުޅޭ އާޔަތްތަކަށެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ “އެކަލާނގެ އުޑުތަކާއި، ބިން ޙައްޤު ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު ޚިދުމަތްތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”

އެމީހުން ބުނާ ގޮތުގައި: މިފަދަ އޮޅުވުމަކުން ދޭހަވަނީ ބޮޅު ބައްޓަމެކެވެ. ބޮލުގައި ފޮތި އޮޅާލާ ފަދައިންނެވެ. މިއިން ބޮޅުކަން ދޭހަވެދާނެއެވެ. އަދި ރެއާއި ދުވާލު އެއްފަހަރާ ވުޖޫދުގައި ވާކަންވެސް ދޭހަވެދާނެއެވެ. އެހެނަސް، ބިމުގެ ބައްޓަން ޞަރީހަކޮށް ދޭހަ ނުވެއެވެ. އެކަން، ޝައިޚް މުޤްބިލް ސާފުކޮށްދެއްވާފައިވެއެވެ. މިއީ ސަރީޙަ ދަލީލުތަކެއް ނޫނެވެ. މި އިސްތިދްލާލު ބިނާވެފައިވަނީ މިފަދަ އޮޅުވުމެއް ހަމައެކަނި ބޯޅައެއްގައި ހިނގާނެ ކަމަށް ބެލުމުގެ މައްޗަށެވެ. އެކަމަކު މިއީ ހަމައެކަނި އޮތް ގޮތެއް ނޫނެވެ. އެހެންކަމުން މި އާޔަތްތަކުން ބިމަކީ ބޯޅައެއްކަން ކަނޑައެޅިގެން ސާބިތެއް ނުވެއެވެ.


ޝައިޚް ރަބީޢު ބިމަކީ ފަތި އެއްޗެއްކަމަށް ދެކެވަޑައިގަންނަވާ މުފައްސިރުންނާ ބެހޭގޮތުން ވިދާޅުވި ބަސްފުޅު


ޝައިޚް ރަބީޢު ބިން ހާދީ، ބިމަކީ ފަތި ތަނެއްކަމަށް ދެކޭ ޤުރުއާނުގެ މަޝްހޫރު ޢިލްމުވެރިންނާ ވިދާޅުވި އެވެ. “ޙަޤީޤަތުގައި، އިސްލާމީ ޝަރުޢީ ޢިލްމުވެރިން އަވަސްއަރުވާލައިގެން އަސްޓްރޮނޮމަރުން ނުވަތަ ތަރިވިދާ ބޭފުޅުންގެ ނަޒަރިއްޔާތަށް ޤަބޫލެއް ނުކުރައްވައެވެ. އެއީ އެބޭފުޅުންނަކީ މުސްލިމުންކަމުގައި ވިޔަސް މެއެވެ. ޖަލާލުއްދީން އަލްމަޙައްލީ ސޫރަތުލް ޣާޝިޔާގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. “އެކަލާނގެ ވަޙީބަސްފުޅު: كَيْفَ سُطِحَتْ ﷲ ‘…[ބިން] އެ ފެތުރިގެންވާ ގޮތް’ މިއިން ސާފުވަނީ ބިމަކީ ފަތި ތަނެއްކަމެވެ. މިއީ ޝަރުޢީ ޢިލްމުވެރިން ދެކޭގޮތެވެ. އަސްޓްރޮނޮމަރުން ބުނާހެން ބޯޅައެއް ނޫނެވެ. ނަމަވެސް މިހެން ބުނުމަކުން ޝަރީޢަތުގެ އަސާސްތަކުގެ ތެރެއިން އެއްވެސް އަސާސެއް ބާޠިލެއް ނުވެއެވެ.

ކިޔުންތެރިޔާ އެންމެ މަޝްހޫރު މުފައްސިރުންގެ ފޮތްތަކަށް ބަލައިފިނަމަ، އެ ފޮތްތަކުގައި ބިމަކީ ބޯޅައެއްކަމަށް ބުނެފައެއް ނުހުންނާނެއެވެ. އެހެންވީމާ މިހާރު މިކަމުގެ ސަބަބުން އެބޭފުޅުންގެ ދަރަޖަ ދަށްވެ، އެބޭފުޅުންނަކީ [ކިޔަވާފައިނުވާ] އަރަބި ބަދަވީންނާއި ތަހުޒީބުނުވާ މީހުން ނުވަތަ ޕްރިމިޓިވުން ކަމުގައި ބެލެވިދާނެތޯ؟ ހަމަ އެއްގޮތަކަށްވެސް ނޫނެވެ. ދެން އަދިވެސް އެއްގޮތަކަށްވެސް ނޫނެވެ. އަސްލު ޙަޤީޤަތަކީ، އަސްޓްރޮނޮމަރުން އެއީ އެ ޢިލްމުވެރިންގެ ކުރިމަތީގައި މާ މަތިވެރި ބައެއް ނޫނެވެ. އަދި މުސްލިމުން ނޫން މީހުންގެ ތެރެއިން އެކަމުގެ ޢިލްމުވެރިންގެ ވާހަކަ ދެއްކުމުގެ ޖާގައެއްވެސް ނެތެވެ.”
(މަޞްދަރު: މައުޤިފުލް ޣަޒާލީ މިނައްސުންނަތި ވަ އަހްލިހާ (ޞަފްޙާ 63))

އެމަނިކުފާނު އިތުރަށް ވިދާޅުވެފައިވަނީ ބިމަކީ ފަތި އެއްޗެއްކަމަށް ޤަބޫލުކުރުމަކުން ދީނުގެ އެއްވެސް ބައެއް ބާޠިލެއް ނުވާނެ ކަމަށެވެ.


އަންދަލުސްގެ މަޝްހޫރު ސަލަފީ ޢިލްމުވެރިޔާ އިމާމް އަބޫ މުޙައްމަދު އަލްޤަޙްޠާނީ އާއި ފަތި ބިން


އިމާމް އަބޫ މުޙައްމަދު އަލްޤަޙްޠާނީ رحمه الله تعالى އެމަނިކުފާނުގެ މަޝްހޫރު ނޫނިއްޔާ ޤަޞީދާގައި (ނިޔާވީ ހިޖުރައިން 385) ވިދާޅުވެފައިވަނީ:

“އިންޖިނިއަރު (އެބަހީ އަސްޓްރޮނޮމަރު) އަދި އޭނާއާ އެއްފަދަ އަސްޓްރޮލޮޖަރު/ފާލުބަލާ މީހާ ވަރަށް ބޮޑަށް ދޮގު ހަދައިފިއެވެ. އެ ދެމީހުންނަކީވެސް ﷲގެ ޢިލްމު އެނގޭކަމަށް ހަމައެކަނި ދަޢުވާކުރާ ބައެކެވެ. އެ ދެބައިމީހުންގެ ގާތުގައި ބިމަކީ ބޯޅައެކެވެ. އަދި އެ ދެބައިމީހުންވެސް މިކަމުގައި އެއްބަސްވެ އެކުވެގެންވެއެވެ. ފަހުމްތެރިކަމާއި ހަރުދަނާ ބުއްދި ލިބިފައިވާ މީހުންގެ ގާތުގައި ބިމަކީ ފެތުރިފައިވާ އަދި ފަތި އެއްޗެކެވެ. މިއީ ޤުރުއާނުގެ ސާފު އަދި ތެދު ހެކިތަކަށް ބިނާކޮށެވެ. ﷲ ބިން ހައްދަވާފައިވަނީ އިންސާނުންނަށް ފިރާޝެއްގެ (ފެތުރިފައިވާ ތަނެއްގެ) ގޮތުގައެވެ. އަދި އުޑުތައް ހައްދަވާފައިވަނީ އެންމެ ރަނގަޅު ގޮތުގައެވެ. ﷲ އަހަރެމެންނަށް އަންގަވާފައިވަނީ ބިމަކީ ފެތުރިފައިވާ އަދި ފަތި އެއްޗެއްކަމަށެވެ. އަދި މިކަން ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވާފައިވެއެވެ.”
(މަޞްދަރު: ނޫނިއްޔާ އޮފް އަލްޤަޙްޠާނީ)


މި ބަސްފުޅުތަކުން އެނގެނީ އިމާމް އަލްޤަޙްޠާނީ ބިމަކީ ފަތި އެއްޗެއްކަމަށް ދެކެވަޑައިގަންނަވާކަމެވެ. އެމަނިކުފާނު މިކަމަށް ޙުއްޖަތު ދެއްކެވީ ޤުރުއާނުގެ ނައްޞުތަކަށް ބިނާކޮށެވެ. އަދި ބިމަކީ ބޯޅައެއްކަމަށް ބުނާ މީހުންނަށް ރައްދު ދެއްވާފައިވެއެވެ.

ދުނިޔެއަކީ ބޯޅައެއް އެއްޗެއްކަމަށް އިޖުމާޢު ނަޤުލު ކުރެވިފައިވޭ؟

ޢަރަބި ބަހުގައި “އަލްކުރަތު” (الكرة) މި ބަހުގެ މާނައަކީ މިހާރު ބޭނުން ކުރާ މާނައިގައި “ބޯޅަ” އެއް ކަމުގައިވުން ލާޒިމެއް ނޫނެވެ. އޭގެ މާނައަކީ: الشيء المستدير أو المستدير الرأس – ބޮޅުވެފައިވާ، ވަށްވެފައިވާ، ނުވަތަ މަތި ބޮޅުވެފައިވާ އެއްޗެއް.


އޭގެ މާނައިގެ ތެރޭގައި ހިމެނެނީ:
– ބޯޅައެއްފަދަ ވަށް އެއްޗެއް

– މަތި ބޮޅުވެފައިވާ އެއްޗެއް – މިސާލަކަށް ތަށީގެ މަތިގަނޑު، ގުއްބު، ހެލްމެޓް، ނުވަތަ ބޮޅުވެފައިވާ ފަރުބަދައެއްގެ މަތި.
– އަނބުރާ އަންނަ ޙަރަކާތެއް – كَرَّ / يَكُرُّ މި މާއްދާއިން އަންނަ މާނައިގައި، އަނބުރާ އައުން، ތަކުރާރުވުން، ނުވަތަ ވަށައިގެން ދިއުން.

1. ލިސާނުލް ޢަރަބު – އިބްނު މަންޡޫރު (711 ހިޖުރީ)
الكرة: كل شيءٍ استدار فهو كرة. “ބޮޅުވެފައިވާ ނުވަތަ ވަށްވެފައިވާ ކޮންމެ އެއްޗަކީ ކުރަތެކެވެ.”

2. އައްޞިޙާޙު ފިލް ލުޣާ – އަލްޖައުހަރީ (393 ހިޖުރީ)
الكرة: الجُرْمُ المستدير. وتُطلق على الرَّجْعةِ بعد الفرار. “އަލްކުރަތު: ބޮޅުވެފައިވާ ޖިސްމެކެވެ. އަދި [ހަނގުރާމައިގައި] ފިލައިގެން ދިއުމަށްފަހު އަނބުރާ އައުމަށްވެސް ބުނެވެއެވެ.”

3. ތަހުޛީބުލް ލުޣާ – އަލްއަޒުހަރީ (370 ހިޖުރީ)، އިބްނު ފާރިސް (ވަފާތު: 395 ހިޖުރީ) “الدلالة على الرجوع والتكرار “މިއިން ދޭހަވަނީ އަނބުރާ އައުމާއި ތަކުރާރުވުމެވެ.”

އަދި އަލްއަޒުހަރީ، ތަހުޛީބުލް ލުޣާގައި، މި މަފްހޫމު ބަޔާންކުރައްވާފައިވެއެވެ. الكرة އާއި ބޮޅުވުމާއި ތަކުރާރުވާ ޢަމަލާ ގުޅުވައިދެއްވާފައިވެއެވެ، ޢަރަބި ބަހުގެ تَكْرَار (ތަކުރާރު) މި ބަހެވެ.

އިބްނުލް މުނާދީ، އިބްނު ޙަޒްމް، އަދި އިބްނު ކަޘީރު ފަދަ ޢިލްމުވެރިން: “الأرض مثل الكرة”
“ބިމަކީ ކުރަތެއް ފަދައެވެ.”

“އަލްކުރަތު” (الكرة) ޢިލްމުވެރިން މިފަދައިން ވިދާޅުވާއިރު، އޭގެ މާނައަކީ ކޮންމެހެން ބިމަކީ “ބޯޅައެއް” (ގްލޯބް ބޯޅަ ދުނިޔެ) ކަމަކަށް ވުން ލާޒިމެއް ނޫނެވެ. އޭގެ ބަދަލުގައި އެބޭފުޅުން މާނަކުރައްވަނީ ބިމަކީ ބައްޓަމުގައި ވަށް އެއްޗެއްކަމަށެވެ.

އިބްނު ކަޘީރު رحمه الله އަލްބިދާޔާ ވަންނިހާޔާގައި ވިދާޅުވިއެވެ. “އިބްނު ޙަޒްމާއި އިބްނުލް މުނާދީއާއި އަބުލް ފަރަޖު އިބްނުލް ޖައުޒީއާއި އެތައް ޢިލްމުވެރިންނެއް އުޑުތައް ވަނީ ވަށްކޮށް ގޮތުގައިކަމަށް އިޖުމާޢު ވެފައިވާކަމަށް ވިދާޅުވެފައިވެއެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އަބުލް ޙުސައިން އިބްނުލް މުނާދީ – رحمه الله އާ ބެހޭގޮތުން ވިދާޅުވިއެވެ. “އިމާމު އަބުލް ޙުސައިން އަޙްމަދު ބިން ޖަޢުފަރު އިބްނުލް މުނާދީ، އޭނާއަކީ އަޘަރުތައް ދެނެގަތުމާއި ދީނީ ޢިލްމުތަކުގެ އެކި ދާއިރާތަކުގައި ބޮޑެތި ފޮތްތައް ލިޔުއްވުމުން މަޝްހޫރު ޢިލްމުވެރިންގެ ތެރެއިން ބޭކަލެކެވެ. އޭނާއަކީ އިމާމު އަޙްމަދުގެ ޝާގިރުދުންގެ ދެވަނަ ޠަބަޤާގެ ބޭކަލެކެވެ. އޭނާ ވިދާޅުވިއެވެ. “އުޑު ވަނީ ވައްއެއްޗެގެ މިސާލުގައިކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފެއް ނެތެވެ. އަދި އޭނާ ވިދާޅުވިއެވެ. އެފަދައިން، ބިމާއި ކަނޑު ހިމެނޭގޮތަށް ބިމުގެ ހުރިހާ ބައިތަކެއް ވަނީ ވަށް އެއްޗެއްގެ މިސާލުގައިކަމަށް ޢިލްމުވެރިން އިޖުމާޢުވެފައިވެއެވެ.[1]

އޭނާ ވިދާޅުވިއެވެ. “މިކަމަށް ދަލީލުކުރަނީ އިރާއި ހަނދާއި ތަރިތައް އުދަރެސް ވުމާއި އޮއްސުން ބިމުގެ ހުރިހާ ހިސާބެއްގައި ތިބި މީހުންނަށް އެއް ވަގުތެއްގައި ނުފެންނަ ކަމެވެ. އިރުމަތިން އެ އެއްޗެހި ފެންނަނީ ހުޅަނގަށްވުރެ ކުރިންނެވެ. އޭނާ ވިދާޅުވިއެވެ.”[2]


އަބޫ މުޙައްމަދު އިބްނު ޙަޒްމް رحمه الله ވިދާޅުވިއެވެ. “ބިން ވަށްކަން ބަޔާންކުރުމުގެ މަޠްލަބު: އަބޫ މުޙައްމަދު ވިދާޅުވިއެވެ. މިއީ އަހަރެމެން އިރާދަކުރެއްވިއްޔާ އެބައިމީހުން އިޢުތިރާޟު ކުރި ބައެއް ކަންތައްތައް ބަޔާންކުރަން ފަށާ ހިސާބެވެ. އެބައިމީހުން ބުނެފައިވަނީ: ހަމަކަށަވަރުން ބިން ވަށްކަމުގެ މައްޗަށް ދަލީލުތައް ޞައްޙަވެފައިވެއެވެ. އަދި ޢާންމުން ބުނަނީ އެނޫން ގޮތަކަށެވެ. އަހަރެމެންގެ ޖަވާބަކީ -އަދި ﷲ ތަޢާލާގެ ޙަޟްރަތުން ތައުފީޤު އެދެމެވެ-: أئمة المسلمين المستحقين لاسم الإمامة بالعلم رضي الله عنهم لم ينكروا تكوير الأرض ޢިލްމުގެ އިމާމުކަމުގެ ނަމަށް ޙައްޤުވެގެންވާ މުސްލިމުންގެ އިމާމުންގެ ތެރެއިން އެއްވެސް ބޭކަލަކު -ﷲ އެބޭކަލުންނަށް ރުއްސުންލައްވާށި- ބިން ވަށްކަން (ބިމުގެ ތަކްވީރުކަން) އިންކާރު ކުރައްވާފައެއް ނުވެއެވެ. އަދި އެބޭކަލުންގެ ތެރެއިން އެއްވެސް ބޭކަލަކު އެކަން ދަފުޢުކުރުމަށް ބަސްފުޅެއް ވިދާޅުވިކަން ރިވާވެގެން އައިސްފައެއް ނުވެއެވެ. އަދި ކިއެއްތަ، ޤުރުއާނާއި ސުންނަތުން ބިން ވަށްކަމުގެ މައްޗަށް ދަލީލުތައް އައިސްފައިވެއެވެ…”.(އަލްފަޞްލު ފިލް މިލަލި ވަލް އަހްވާއި ވަންނިޙަލް 2/78)  [3]

އަދި އައްޝައިޚް އިބްނު ޢުޘައިމީން رحمه الله ވިދާޅުވެފައިވެއެވެ. “ޤުރުއާނާއި މިދުނިޔޭގައި ކަންހިނގާގޮތާ އަދި ޢިލްމުގެ އަހުލުވެރިންގެ ބަސްތަކުން ދުނިޔެއަކީ ވަށް އެއްޗެއްކަމަށް ދަލީލު ކޮށްދެއެވެ. ޤުރުއާނުގެ ދަލީލާމެދު ދަންނައެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. ﴿…يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ…﴾ [سورة الزمر ٥] މާނައީ: “… އެއިލާހު ދުވާލުގެ މައްޗަށް ރޭގަނޑު އޮޅާލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅާލައްވަތެވެ.”

تكوير އަކީ އެއްޗެއް އޮޅާލުމެވެ. ފަގުޑި އޮޅާލާ ފަދައިންނެވެ. ބިން މަތީ ރޭގަނޑާއި ދުވާލު ވިދިގެން އަންނަކަމީ އެނގިގެންވާ ކަމެކެވެ. މިއިން އެނގިގެންދަނީ ބިމަކީ ވަށް އެއްޗެއްކަމެވެ. އެހެނީ އެއްޗެއްގެ ވަށައިގެން ތިބާ އެއްޗެއް އޮޅާލުމުން، އެ އެއްޗަކީ ވަށް އެއްޗަކަށްވުން ލާޒިމުވެއެވެ. އެއެއްޗަކީ ބިން ކަމުގައިވުމުން ބިމަކީ ވަށް އެއްޗެއްކަން ދޭހަވެއެވެ.”

ބޯޅަކަމަށް ނަގާ އާޔަތުގައިވަނީ އިރު އަދި ހަނދު ދަވްރުކުރާ ވާހަކަ

ހަޤީޤަތުގައި އެ އާޔަތުގައި އެ ދައްކަނީ އިރާއި ހަނދު ތަކުރާރުކޮށް ދުނިޔެ ވަށާ ޤިޔާމަތާއިޖެހެންދެން ދައުރު ކުރާ ވާހަކައެވެ. ދުނިޔޭގެ ވަށްކަމުގެ ވާހަކަ ސީދާ ބަޔާންކޮށްފައިނުވެ އެވެ. އެކަން އެނގެނީ އާޔަތުގެ ފަހުބައިންނެވެ. އިރާއި ހަނދު ޚިދުމަތް ކުރުމުން އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އެމާނައިގައެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ﴿خَلَقَ السَّمَاوَاتِ وَالْأَرْضَ بِالْحَقِّ ۖ يُكَوِّرُ اللَّيْلَ عَلَى النَّهَارِ وَيُكَوِّرُ النَّهَارَ عَلَى اللَّيْلِ ۖ وَسَخَّرَ الشَّمْسَ وَالْقَمَرَ ۖ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۗ أَلَا هُوَ الْعَزِيزُ الْغَفَّارُ﴾ [سورة الزمر ٥] “އެކަލާނގެ އުޑުތަކާއި، ބިން ޙައްޤު ގޮތުގައި ހެއްދެވިއެވެ. އެކަލާނގެ ދުވާލުގެ މައްޗަށް ރޭގަނޑު އޮޅައިލައްވަތެވެ. އަދި ރޭގަނޑުގެ މައްޗަށް ދުވާލު އޮޅައިލައްވަތެވެ. އަދި އިރާއިހަނދު ޚިދުމަތްތެރިކުރެއްވިއެވެ. އެއިންކޮންމެ އެއްޗެއްމެ ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގާނެތެވެ. ދަންނާށެވެ! އެކަލާނގެއީ، ޢަޒީޒުވަންތަ ރަސްކަލާނގެއެވެ. ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެއެވެ.”

الإمام ابن جرير الطبري (224-310) رحمه الله ވިދާޅުވިއެވެ. ﷲ ގެ ބަސްފުޅު: وَسَخَّرَ الشَّمْسَ وَالْقَمَرَ “އަދި އިރާއި ހަނދު ޚިދުމަތްތެރިކުރެއްވިއެވެ.” މި ބަސްފުޅުގެ މާނައަކީ: ﷲ ތަޢާލާ އެކަލާނގެ އަޅުތަކުންނަށްޓަކައި އިރާއި ހަނދު ޚިދުމަތްތެރިކުރެއްވިއެވެ. އެއީ އެކަމުގެ ސަބަބުން އަހަރުތަކުގެ ޢަދަދާއި ހިސާބު އެނގުމަށާއި، އެބައިމީހުންގެ ދިރިއުޅުމުގެ މަޞްލަޙަތަށްޓަކައި ރޭގަނޑާއި ދުވާލު ވަކިކުރުމަށެވެ. كُلٌّ يَجْرِي لِأَجَلٍ مُّسَمًّى “ކޮންމެ އެއްޗެއްވެސް ކަނޑައެޅިފައިވާ މުއްދަތަކަށް ދުވެއެވެ.” މާނައަކީ: އިރާއި ހަނދު، މި ދެ އެއްޗެއްވެސް ކަނޑައެޅިފައިވާ މުއްދަތަކަށް ދުވެއެވެ. އެބަހީ ޤިޔާމަތް ޤާއިމްވުމާ ހަމައަށެވެ. އެއީ އިރު އޮޅާލެވި، ތަރިތައް އަނދިރިވެގެންދާ ހިސާބަށެވެ. އަދި ބުނެވިފައިވެއެވެ: މީގެ މާނައަކީ އެ ދެ އެއްޗަކަށްވެސް ވަކި މަންޒިލްތަކެއް ވާކަމެވެ. އެ މަންޒިލްތައް ފަހަނައަޅައި ނުދެއެވެ. އަދި އެއަށްވުރެ މަދުވެސް ނުވެއެވެ.”

އިރު ދުނިޔެވަށައިގެން ދަޥްރު ނުކުރާކަމަށް، އަދި އެއީ ހުއްޓިފައިވާ ސްޓޭޝަނަރީ އެއްޗެއްކަމަށް ބުނާ މީހާ އަކީ ކާފަރެއް

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ” އެކަލާނގެ ދުވާލުގެ ތެރެޔަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެޔަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު ޚިދުމަތްތެރިކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ދަވްރުކޮށް ހުރެތެވެ.”

އިމާމް އަލްޤުރުޠުބީ (ނިޔާވީ 671 ހިޖުރީ) -ރަޙިމަހުﷲ- ވިދާޅުވިއެވެ. “މުސްލިމުންނާއި އަހުލުލްކިތާބުން ޤަބޫލުކުރާ ގޮތަކީ ބިން ހުންނަނީ ސާބިތުވެ، ހަރުލާފައި ކަމަށެވެ.” [4]  

ޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް رحمه الله ވިދާޅުވިއެވެ. “މާތްވެގެންވާ ޤުރުއާނާއި، ނަބަވީ ޙަދީޘްތަކާއި، އިސްލާމީ ޢިލްމުވެރިންގެ އިޖުމާޢުއާއި، ފެންނަން ހުރި ޙަޤީޤަތްތަކުން ދަލީލުކުރަނީ އިރު ދަތުރުކުރަނީ އޭގެ މަދާރުގައި، ﷲ -ސުބުޙާނަހޫ ވަތަޢާލާ- އެކަލާނގެ އަމުރުފުޅަށް ކިޔަމަންވެގެންވާ ގޮތުގައި ކަމަށެވެ. އަދި ބިން ހުރީ ސާބިތުވެ، ހަރުލާފައި ކަމަށެވެ. ﷲ ވަނީ އެކަލާނގެ އަޅުތަކުންނަށްޓަކައި ބިން ފުޅާކުރައްވާފައެވެ. އަދި އެތަން އެބައިމީހުންނަށް އަރާމުކޮށް އޮށޯވެވޭ ގޮތަށް، އަދި ހަމަހަމަ ބިމެއްގެ ގޮތުގައި ލައްވާފައެވެ. އވާފައެވެ. އަދި އެބައިމީހުންނާއެކު ނުއުޅޭ ގޮތަށް، ފަރުބަދަތަކުން އެތަން ސާބިތުކުރައްވާފައެވެ.

މިނޫން ގޮތަކަށް ބުނެ، އިރު ހުންނަނީ ސާބިތުވެފައި ކަމަށާއި، [އޯބިޓް ގައި] ދަތުރު ނުކުރާ ކަމަށް ބުނާ މީހާ ވަނީ ﷲ އަށް ދޮގުހަދައި، އެކަލާނގެ މާތްވެގެންވާ ފޮތަށް ދޮގުހަދާފައެވެ. އެ ފޮތަކީ ކުރިއަށްވެސް ފަހަތަށްވެސް ބާޠިލުކަމެއް ނުވަންނާނެ، ޙިކުމަތްތެރި، ޙަމްދުލިބިވޮޑިގެންވާ ރަސްކަލާނގެ ވަޙީއެކެވެ.. މިފަދައިން ބުނާ ކޮންމެ މީހަކު ވަނީ ކުފުރުވެ، މަގުފުރެދިފައެވެ. އެހެނީ އެއީ ﷲ ގެ [ތެދުވެރިކަން] ދޮގުކުރުމެކެވެ. ޤުރުއާން ދޮގުކުރުމެކެވެ. އަދި ރަސޫލާ -ﷺ- ދޮގުކުރުމެވެ. އެހެނީ އެކަލޭގެފާނު ވަނީ ޞައްޙަ ޙަދީޘްތަކުގައި އިރު ދަތުރުކުރާކަން ބަޔާންކުރައްވާފައެވެ.” [5]

މިއީ ފަލަކީ ޢިލްމުވެރިންގެ ބަސްތަކާ ޚިލާފު ކަމެކެވެ. އެމީހުން ބުނަނީ އިރު ހުންނަނީ ހުއްޓިފައެވެ. އަދި ދުނިޔެ އިރު ވަށާ ދަވްރުކުރެއެވެ.

ޚުލާސާ:

  • ޤުރުއާނާއި ސުންނަތުން ބިމަކީ ބޯޅައެއްކަން (ގްލޯބެއްކަން) ސާބިތުކޮށްދޭ ސަރީޙަ ސާފު ނައްޞެއް ނުފެނެ އެވެ.
  • ބިމަކީ ވަށް އެއްޗެއްކަމަށް ޢިލްމުވެރިން ބުނަނީ އާޔަތްތަކުން ދަލީލު ނެރެގެންނެވެ.
  • ބިން ފަތިކޮށް ސިފަކުރާ އާޔަތްތަކެއް ވެއެވެ. އެކަމަކު އެއީ ބިމުގެ ޙަޤީޤީ ބައްޓަމަށްތޯ ނުވަތަ ފެންނަ ގޮތަށްތޯ އެއީ ބަޙުޘްކުރެވޭ ކަމެކެވެ.
  • ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ބިމަކީ ފަތި އެއްޗެއްކަމަށް، ނައްޞުތަކުގެ ސީދާ ބަހަށް ބިނާކޮށެވެ.
  • އަނެއްބައި ބޭފުޅުން އިސްތިދްލާލު ކުރައްވާފައިވަނީ ބިމަކީ ބޯޅައެއްކަމަށް، ޤިޔާސްކުރުމާއި މާއްދީ ގޮތުން ފެންނަ ގޮތަށް ބިނާކޮށެވެ.
  • އެހެންކަމުން، މި މައްސަލައަކީ ޢަޤީދާގެ މައްސަލައެއް ނޫނެވެ. އަދި ޝައިޚް މުޤްބިލް ވިދާޅުވި ފަދައިން: “މި މައްސަލަ ރުޖޫޢަވާނީ މާއްދީ ގޮތުން ފެންނަ ގޮތަށާއި ޙަޤީޤަތަށެވެ.”
  • މުހިންމު ކަމަކީ ވަޙީ ދޮގުކުރާ މީހުން އުފައްދާ ވާހަކަތައް ލޮލުމަރައިގެން ޤަބޫލުނުކުރުމެވެ. އަދި ޤުރުއާނުގެ ސަރީޙަ ބަސްތަކަށް ތަބަޢަވާ މުސްލިމުންނަށް މަލާމާތްނުކުރުމެވެ. އަދި ވަށް ކަމަށް ބުނާ ޢިލްމުވެރިންނަށް ވެސް ބަދުބަސް ނުބުމެވެ.
  • ޢިލްމުވެރިންގެ ބަސްތަކުންނާއި ޤުރުއާނާއިނުގެ އާޔަތްތަކުން ފެންނަ ގޮތުގައި ބިމަކީ ފަތި ފެތުރިފައިވާ ވަށް އެއްޗެކެވެ.
  • އިޖްމާޢު ނަޤުލު ކުރެވިފައިވަނީ ބިން ވަށްކަމާއި މެދުގައި ކަމަށް ބެލެވެއެވެ. ބިމަކީ ބޯޅައެއް ނުވަތަ ގްލޯބެއްކަމާއިމެދު ކަމުގައި ނުބެލެވެއެވެ.
  • މިއީ ޚިލާފީ މައްސަލައެކެވެ.

    وَاللَّهُ أَعْلَمُ

[1] وقال الإمام أبو الحسين أحمد بن جعفر بن المنادي من أعيان العلماء المشهورين بمعرفة الآثار والتصانيف الكبار في فنون العلوم الدينية من الطبقة الثانية من أصحاب أحمد لا خلاف بين العلماء أن السماء على مثال الكرة قال وكذلك أجمعوا على أن الأرض بجميع أجزائها من البر والبحر مثل الكرة.
قال ويدل عليه أن الشمس والقمر والكواكب لا يوجد طلوعها وغروبها على جميع من في نواحي الأرض في وقت واحد بل على المشرق قبل المغرب. قال فكرة الأرض مثبتة في وسط كرة السماء كالنقطة في الدائرة. يدل على ذلك أن جرم كل كوكب يرى في جميع نواحي السماء على قدر واحد فيدل ذلك على بعد ما بين السماء والأرض من جميع الجهات بقدر واحد فاضطرار أن تكون الأرض وسط السماء انتهى.

[3] وقال أبو محمد ابن حزم رحمه الله : ” مطلب بيان كروية الأرض :
قال أبو محمد وهذا حين نأخذ إن شاء الله تعالى في ذكر بعض ما اعترضوا به ، وذلك أنهم قالوا : إن البراهين قد صحت بأن الأرض كروية ، والعامة تقول غير ذلك ، وجوابنا وبالله تعالى التوفيق : أن أحداً من أئمة المسلمين المستحقين لاسم الإمامة بالعلم رضي الله عنهم لم ينكروا تكوير الأرض ، ولا يحفظ لأحد منهم في دفعه كلمة ، بل البراهين من القرآن والسنة قد جاءت بتكويرها … ” الفصل في الملل والأهواء والنحل” (2/78)

[4] މި ބަސްފުޅު އިމާމް އަލްޤުރުޠުބީ ވިދާޅުވެފައިވަނީ ސޫރަތުއް ރަޢުދުގެ 3 ވަނަ އާޔަތުގެ ތަފްސީރުގައެވެ.

[5] މި ބަސްފުޅު ޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް -ރަޙިމަހުﷲ- ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ފޮތް “الأدلة النقلية والحسية على جريان الشمس وسكون الأرض” (އިރު ދަތުރުކުރުމާއި ބިން ސާބިތުވެ ހުރުމުގެ މައްޗަށް ނަޤުލީ އަދި ޙިއްސީ ދަލީލުތައް) ގައެވެ. މި ފޮތް ޝާއިޢުކުރެވިފައިވަނީ 1402 ހިޖުރީ އަހަރުގައެވެ.