މައި ކޮންޓެންޓަށް ދާން
الله ﷲ ގެ ތަޥްޙީދު TAWHEEDH.COM
އިދްރީސް ހުސައިން

ޤުރުއާނާއި ސުންނަތުގައިވާ ﷲ ތަޢާލާގެ ޞިފަފުޅުތަކަށް އިންކާރުކޮށް، ދީނުގެ އަޞްލުތަކާ ޚިލާފަށް، ދިވެހި ރައްޔިތުންގެ ޒަމާންވީ ދީނީ އެއްބައިވަންތަކަން ނަގާލާނެ ޖަހްމިއްޔާގެ ކުފުރާއި ޒަންދަޤައިގެ ބާޠިލު ޢަޤީދާ ފަތުރާ އައްޑޫ ޙުސައިން ރަޝީދު އަޙުމަދާއި އިދްރީސް ޙުސައިނަށް، އައްޑޫގެ ދޮށީ އުމުރުގެ އިސްރަށްވެއްސެއްގެ ޢިލްމީ ރައްދެއް!

ޝައިޚް އިދުރީސް ޙުސައިން الله ތަޢާލާގެ ޞިފަފުޅުތައް ނަފީކޮށް ލިޔެފައިވާ “الحجة القاطعة على بطلان قول الخصم أن الله تعالى استقر على عرشه بذاته” (މާނައީ: ﷲ ތަޢާލާ އެއިލާހުގެ ޛާތުފުޅުން ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގެންވާކަމަށް ޚަޞްމު ބުނާ ބުނުން ބާޠިލުކަމުގެ މައްޗަށްވާ ކަނޑައެޅިގެންވާ ޙުއްޖަތް) މި ސުރުޚީގެ ދަށުގައި ލިޔެފައިވާ ލިއުމަށް حسين رشيد بن محمود ދީފައިވާ ރައްދު

ލިޔުނީ އިސްމާޢީލް ބިން ރަފީޤު މުޙައްމަދު 127 މިނެޓް

وَبِهِ نَسْتَعِينُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِٱللَّٰهِ ٱلْعَلِيِّ ٱلْعَظِيمِ

ހަތް އުޑުގެ މަތިން ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގެންވާ، އަދި އަޑުފުޅާއި ބަސްފުޅުން ޙަޤީޤީ ގޮތެއްގައި ވާހަކަދައްކަވައި ވަޙީކުރައްވާ މަތިވެރި ރައްބު، ﷲ ޖައްލަ ޖަލާލަހޫގެ މަދަދާ ނުލައި، އަމިއްލަ ޙާލަތު ބަދަލުކޮށް ގެއްލުމަކުން ރައްކާތެރިވުމުގެ އެއްވެސް ޙައުލެއް އަދި އާރެއްބާރެއް މި ނިކަމެތި އަޅާއަށް ލިބިގެން ނުވެއެވެ. އެއިލާހީ ހުރިހާ ކަމެއް ޙަޤީޤީގޮތެއްގައި އައްސަވައިވޮޑިގެންވާ އަދި ބައްލަވައިވޮޑިގެންވާ، އެއިލާހުގެ މޫނުފުޅު ރިވެތިވެގެންވާ، އަދި ދެއަތްޕުޅު ތަނަވަސްވެގެންވާ އިލާހެވެ. މި މަތިވެރި ރައްބުގެ ވާގިފުޅާ ނުލައި، ހެޔޮކަމެއް ކުރުމުގެ އެއްވެސް ޤުއްވަތެއް މި އަޅާއަށް ލިބިގެން ނުވެއެވެ. އަޅާ ވާގިއާއި މަދަދަށް އެދެނީ ހަމައެކަނި އެއިލާހުގެ ޙަޟްރަތުންނެވެ. އެއަށްފަހު، ބުނަމެވެ.

ދިވެހިރާއްޖޭގައި މިހާރު ބަޔަކު ދަނީ ފާޅުގައި ﷲ ތަޢާލާގެ ޞިފަފުޅުތަކަށް އިންކާރުކުރާ ޖަހުމިއްޔާއިންގެ ކުފުރާއި ޒަންދަޤައިގެ މަގުފުރެދިފައިވާ ބާޠިލު ޢަޤީދާ ފޭސްބުކާއި އެތަންމިތަނުގައި ފަތުރަމުންނެވެ.

ކުރީގެ ޢަދާލަތު ޕާޓީގެ ރައީސް އަދި މިހާރު އެމްޑީޕީގެ ފަހުލަވާނު، ޙުސައިން ރަޝީދު އަޙުމަދާއި އޭނާގެ އަޢުވާނުން ދަނީ ﷲ ގެ މައްޗަށް ބުހުތާނު ހަދަމުންނެވެ. ޔަހޫދީން، ޢީސާ عليه السلام އަކީ ﷲ ގެ ދަރިކަލެއް ކަމަށް ބުނެ ތައުރާތުގެ ނައްޞުތައް ބަދަލުކޮށް، ދީން އޮޅުވާލައި ނަޞޯރާއިން މަގުފުރެއްދި ފަދައިންނެވެ. އެބައިމީހުން ތިން އިލާހުންގެ ފިކުރު (ﷲ އަކީ އިލާހެއް، މަރިޔަމް އަކީ ﷲ، އަދި ޢީސާ އަކީ ﷲ ކަމަށް ބުނެ) ފެތުރުމަށް އެ ފޮތުގެ އާޔަތްތައް ބަދަލުކޮށް ތައުވީލުކުރި ބީދައިން، މިބައިމީހުން ވެސް ވަނީ ޤުރުއާނުގެ އާޔަތްތަކާއި، ސުންނަތާއި، އަހުލުއްސުންނަތް ވަލްޖަމާޢަތުގެ އަޞްލުތަކާއި ޢަޤީދާއާއި އިޖުމާޢު އޮޅުވާލާފައެވެ.

މި ކުފުރު މަޒުހަބު ފަތުރަމުންދާއިރު، މީނާ ދަނީ ޢިލްމުވެރިންނާމެދު ލަދުހަޔާތްކުޑަ، ބޭއަދަބީ އަދި އަޚްލާޤެއް ނެތް ގަމާރެއް ފަދައިން ވާހަކަދައްކަމުންނެވެ. އޭނާއާ މި ޖަހުމީ އަޤިދާ ފެތުރުމުގައި ބައިވެރިވާ އަނެއް ދެމީހުންނަކީ ކުރީގެ ޢަދާލަތުގެ އީ.އެން.ޓީ ޑޮކްޓަރު މަޢުރޫފް ޙުސައިނާއި އައްޑޫ އިދްރީސް ޙުސައިނެވެ.

ހުސައިން ރަޝީދު އަޙުމަދުގެ ޤުރުއާނުގެ އާޔަތްތަކަށް އިންކާރުކުރާ ޖަހުމިއްޔާ ކުފުރުގެ ބަސްތައް

ލިޔުން: ﷲ އީ ‘ކޮންތާކު’ ވޮޑިގެންވާ ފަރާތެއްކަމަށް އަޝްޢަރީންނާއި، މުޢުތަޒިލީންނާއި، ޖަހުމިއްޔާއިން އިންކާރުކުރުމަކީ އިސްލާމްދީނުގެ މިއްލަތުން ބޭރުކޮށްލަނިވި ބޮޑު ކުފުރެއް

މިއީ ﷲ ގެ ޝަރީޢަތާއި، ހަތަރު މަޛްހަބުގެ އިމާމުންގެ ގޮތާއި އަދި މުޅި އިސްލާމީ އުއްމަތުގެ އިޖުމާޢާ ކަނޑައެޅިގެން ޚިލާފު ޢަޤީދާއެކެވެ. އަދި މިއީ ދިވެހިރާއްޖޭގެ ޤާނޫނުތަކާވެސް ޚިލާފު ކަމެކެވެ. ރާއްޖޭގެ ޤާނޫނުތައް އަންގަނީ އަހުލުއްސުންނަތުގެ ޢަޤީދާ ފެތުރުމަށެވެ. ނަމަވެސް ޖަހުމިއްޔާ ޢަޤީދާއަކީ ސުންނީ ޢަޤީދާއާ މުޅިން އިދިކޮޅު ބާޠިލު ފިކުރެކެވެ. ކަންތައްތައް އިތުރަށް ގޯސްވެގެން ދިއުމުގެ ކުރިން، މި ބާޠިލު ފިކުރުތައް ފަތުރާ ފަރާތްތަކާމެދު ދައުލަތުގެ ވެރިންނާއި ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހެއެވެ.

قانون” (ޤާނޫނު) މި ލަފުޒަކީ “كانون” (ކާނޯން/ކާނޫން) އިން ބޭނުންކުރެވޭ ބަހެކެވެ. ކާނޯންގެ މާނައަކީ “ސީދާކުރާ ދަނޑި”، “މިންކުރާ ދަނޑި”، “އޮނިގަނޑު” ނުވަތަ “ފަތިގަނޑު” އެވެ. كانون (ކާނޫން) މި ލަފުޒު އައިސްފައިވަނީ ك ن ن (ކ-ނ-ނ) (ފޮރުވުން / ރައްކާތެރިކުރުން) މި ބަހަވީ އަޞްލުންނެވެ. كانون (ކާނޫން) އާ ގުޅޭ ބަސްތައް ކަމުގައި، كُن (ވުން)، كَون (ކައުނު)، كان (ވެއްޖެ)، مَكان (އިސްތިޤުރާރުވެ ހުއްޓިފައިވާ ތަން)، مَكْنُون (މަކްނޫން: ރައްކާތެރިކަމާއެކު ފޮރުވިފައިވާ / ފޮރުއްވަވާފައިވާ)، أَكِنَّة (އަކިންނާ: ފަރުދާތައް، ނިވާގަނޑުތައް، ނުވަތަ އައްޑަނަތައް)، أَكْنَنتُمْ (އަކްނަންތުމް: ފޮރުވުން / ސިއްރުކުރުން) އަދި كَوَّنَ (ވުޖޫދަށް ގެނައުން / އުފެއްދުން) ހިމެނެއެވެ.

ކާނޫނަކީ އިންސާނުންގެ އުޅުމާއި އަޚްލާޤު ސީދާކޮށް، ވަކި އުޞޫލުތަކެއްގެ ތެރޭގައި ހައްދެއްގައި ހިފަހައްޓައި، މައިތިރިކޮށް ބޯލެނބުވުމަށް، ނުވަތަ ބޮޑާކަމާއި ކިބުރުވެރިކަން ލެވެލްކޮށް ބިމާ ހަމަކުރަން ގެންގުޅޭ “ދަނޑި”، “އެއްޗެއް”، ނުވަތަ “ގޮތަށް” ކިޔާ ނަމެވެ. މަތީ ބާރުވެރިން (ބާރުވެރިކަން އޮތް ފަރާތަކުން) ރައްޔިތުން ހަމަމަގަށް އަޅުވައި، މީސްތަކުންގެ “އުޅުން މިންކުރާ މިންގަނޑަށް” ކިޔަނީ ކާނޯނެވެ.

ބާރުގަދަ އެއްޗަކުން ލިބޭ ގެއްލުން ކަވަރު ކުރުމަށް، އޭގެ މަކާނުގައި، އިމުގައި ހިފެހެއްޓުމަށް، އޭތި ވާންޖެހޭ ތަނުގައި ބެހެއްޓުމަށް، އަދި “ކުން” ނުވަތަ ވުމަށް ބޭނުންކުރާ ކޮންމެ އާލަތަކީ ޤާނޫނެވެ. (މި ބަހުގެ ފަހަތުގައި ފޮރުވިފައިވާ ސިޙުރާއި ސިއްރާއި ހަޤީޤަތް، އެހެން ލިޔުމެއްގައި، ﷲ ގެ އިޛްނަފުޅާއެކު އަދި ހާމަކުރެވިގެންދާނެއެވެ.)

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާ — “ދައުލަތުގެ ދީން” ގެ (ހ) (ށ) ގައި މިހެން އޮވެއެވެ.

“(ހ) ދިވެހިދައުލަތުގެ ދީނަކީ އިސްލާމްދީނެވެ. އަދި އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެމައިގަނޑު މަސްދަރެކެވެ.”

“(ށ) ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެއެވެ.”

އެހެންވެ، ޤާނޫނުއަސާސީގައި އިސްލާމްދީނަކީ ދިވެހި ދައުލަތުގެ ދީންކަމާއި، ރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރަކީ އިސްލާމްދީންކަމާއި، އަދި އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ޤާނޫނެއް ނުހެދޭއިރު، ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ވާހަކައެއް ނުދެއްކޭނެކަން ސާފެވެ.

އިސްލާމްދީނުގެ އެންމެ ބޮޑު އަޞްލަކީ ތައުޙީދެވެ. އަދި ﷲ ތަޢާލާގެ ޞިފަފުޅުތައް ސާބިތުކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑު އެއް އަޞްލެވެ. އަހަރެމެންނަށް އަޅުކަން ކުރެވޭނީ، އަޅުކަންކުރެވޭ ފަރާތަކީ ކޮބައިކަން ދަނެވިގެންނެވެ. ޞިފަތަކެއް ނުވާ، ޢަދަމުގައިވާ ފަރާތަކަށް އަޅުކަން ނުކުރެވޭނެކަން ކަށަވަރެވެ. ﷲ ތަޢާލާ ވަނީ އެކަލާނގެއަކީ ކޮބައިކަމާއި، އެކަލާނގެއަށް އަޅުކަންކުރަން ޖެހެނީ ކީއްވެކަން ކައުނީ ގޮތުންނާއި ޝަރުޢީ ގޮތުން ބަޔާންކުރައްވާފައެވެ. އަހަރެމެން ﷲ ތަޢާލާއަށް ދުޢާ ދަންނަވަނީ، އެއިލާހަކީ އަޑުއައްސަވައިވޮޑިގެންވާ ފަރާތެއް ކަމުގައި ވާތީއެވެ. އެކަލާނގެދެކެ ބިރުވެތިވަނީ، އެއީ ބައްލަވައި ދެނެވޮޑިގެންވާ ފަރާތެއް ކަމުގައި ވާތީއެވެ. ﷲ ގެ ޝަރީޢަތުގައި ބަޔާންކުރައްވާފައިވާ އެންމެހައި ކިޔަމަންތެރިކަމާއި އަޅުކަމެއް ގުޅިފައިވަނީ، ﷲ ގެ ޞިފަފުޅަކާއެވެ. ތައުޙީދުއް ރުބޫބިއްޔާއާއި ތައުޙީދުލް އަސްމާއި ވައްޞިފާތުގެ ނަތީޖާއަކީ ތައުޙީދުލް ޢުލޫހިއްޔާއެވެ. ރައްބުވަންތަކަމުގެ ޞިފަފުޅުތަކުގައި އެންމެ މާތް، މަތިވެރި ޞިފަފުޅުތައް އެއިލާހަށް ލިބިވޮޑިގެންވުމަކީ، އޭގެ ނަތީޖާއެއްގެ ގޮތުން އެކަލާނގެއަށް އެކަނި އަޅުކަންކޮށް، އެ ޞިފަފުޅުތަކާ ގުޅިގެން އެކަލާނގެއަށް ޚާއްޞަކުރަންޖެހޭ ކަންކަން ކުރުމަށް އޮތް ސަބަބެވެ. ﷲ ގެ ޞިފަފުޅުތަކާ ގުޅިގެން ކުރަންޖެހޭ އަޅުކަން އެހެން ފަރާތަކަށް އަނބުރައިލުމަކީ، ﷲ އާ އެހެން ފަރާތެއް އެއްފަދަކޮށް މުޝްރިކަކަށްވެ، ދީނުން ބޭރުކޮށްލަނިވި ކަމެކެވެ. ﷲ ތަޢާލާގެ ޛާތުފުޅާއި ޞިފަފުޅުތަކާމެދު ދޮގުހަދައި ބުހުތާނު ފެތުރުމަކީ އެންމެ ބޮޑު އަނިޔާވެރިކަން ކަމަށާއި، އެއީ އެންމެ ނުބައިވެގެންވާ ކުށްކަން ބަޔާންކުރައްވައި ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވެއެވެ.

﴿وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا أَوْ كَذَّبَ بِآيَاتِهِ ۗ إِنَّهُ لَا يُفْلِحُ الظَّالِمُونَ﴾ (سورة الأنعام: 21) މާނައީ: “ﷲ އާމެދު ދޮގުހަދައިގެން (ބުހުތާނު އުފައްދައިގެން) އުޅުނު މީހަކަށްވުރެ، ނުވަތަ އެކަލާނގެ އާޔަތްތައް ދޮގުކުޅަ މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ ހަމަކަށަވަރުން، އަނިޔާވެރިން (އެބަހީ: ޝިރުކުކުރާ މީހުންނާއި ދޮގުހަދާ މީހުން) ދުވަހަކުވެސް ކާމިޔާބެއް ނުވާނެއެވެ.”

މިއަށްފަހު، ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު، ގަވާއިދު ނަންބަރު 40/2011 ގެ 4 ވަނަ މާއްދާ — “ދީނީ ތަގްރީރު ކުރުމާއި ދީނީ ވާހަކަދެއްކުމުގައި އިސްލާމީ ވަހްދަތު ދެމެހެއްޓުން” ގެ (ހ) ގައި މިހެން އޮވެއެވެ:

“(ހ) ދިވެއްސަކު ކަމުގައިވިއަސް އަދި ބިދޭސީއަކު ކަމުގައިވިއަސް ދިވެހިރާއްޖޭގައި ދީނީ ތަގްރީރުކޮށް، ދީން ބަޔާންކޮށްދީ ހަދަންވާނީ އިސްލާމީ އަގީދާއާ ފުށުނާރާގޮތަށް އިސްލާމީ ވަހްދަތު ދެމެހެއްޓުމާއެކުގައެވެ.”

މި ނައްޞުގައި ޚާއްޞަކޮށް “އިސްލާމީ އަގީދާއާ ފުށުނާރާގޮތަށް” ދީން ބަޔާންކޮށްދޭންޖެހޭކަން ގަވާއިދުން ލާޒިމުކުރެއެވެ.

މީގެ އިތުރުން، މި ގަވާއިދުގެ 5 ވަނަ މާއްދާ — “ދީނުގެ ހުކުމްތައް ބަޔާންކުރުމާއި ދީނީ ތަގްރީރު ކުރުމުގެ އާންމު އުސޫލު” ގައި ޤުރުއާނާއި، ސުންނަތާއި، އިޖުމާޢާ ގުޅޭ ގޮތުން ވަކިން މިހެން ކަނޑައަޅައެވެ.

“(ހ) ކީރިތި ގުރްއާނުގައި ބަޔާންވެގެންވާ އެއްވެސް ކަމަކާ ހިލާފަށް ވާހަކަ ނުދެއްކުން”

“(ށ) ކީރިތި ރަސޫލާގެ ސުންނަތާ ހިލާފަށް ވާހަކަ ނުދެއްކުން”

“(ނ) ދަންނަ ބޭކަލުންގެ އިޖުމާއާ ހިލާފުނުވާގޮތަށް ވާހަކަދެއްކުން.”

ވީމާ، ދީނީ ތަގްރީރު ކުރާއިރު އިސްލާމީ ޢަޤީދާއާ ފުށުނާރާގޮތަށް ވާހަކަދެއްކުމާއި، ޤުރުއާނާ ޚިލާފުނުވުމާއި، ރަސޫލާ ﷺ ގެ ސުންނަތާ ޚިލާފުނުވުމާއި، ދަންނަ ބޭކަލުންގެ އިޖުމާޢާ ޚިލާފުނުވުން މިއީ މި ގަވާއިދުން ސާފުކޮށް ލާޒިމުކުރާ އުޞޫލުތަކެވެ.

އަދި ޤާނޫނު ނަންބަރު 6/1994 — ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ 35 ވަނަ މާއްދާ — “މަނާ ކަންތައް” ގެ (ހ) ގައި މިހެން އޮވެއެވެ:

“(ހ) ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތް ކުރުމާއި، މީހުންގެ މެދުގައި ދީނީ ގޮތުން ހިލާފުއުފެދޭ ބާވަތުގެ ވާހަކަ ދެއްކުމާއި އެފަދަ ގޮތްގޮތަށް އަމަލު ކުރުމާއި، މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރަން އުޅުމަކީ، މަނާ ކަމެކެވެ.”

ﷲ ތަޢާލާގެ ޞިފަފުޅުތައް އިންކާރުކޮށް އިދްރީސް ޙުސައިނާއި ޙުސައިން ރަޝީދު އަޙުމަދު ފަތުރާ ވާހަކަތަކަކީ، “އިސްލާމީ ޢަޤީދާ” އާއި، ޤުރުއާނާއި، ސުންނަތް އަދި އިޖުމާޢާ ކަނޑައެޅިގެން ޚިލާފު ވާހަކަތަކެކެވެ.

މި ލިޔުމަކީ 2008 ވަނަ އަހަރު ޔަމަނަށް ކިޔަވަން ވަޑައިގެން، 2014 ވަނަ އަހަރު ރާއްޖެ ވަޑައިގަތުމަށްފަހު، އައްޑޫ ސިޓީގައި ސަލަފުންނާއި އަޞްޙާބުލް ޙަދީޘުންގެ ޢަޤީދާ ކިޔަވައިދެއްވަން ފެއްޓެވި އައްޑޫ އަޚް ޙުސައިން ރަޝީދު ބިން މަޙްމޫދު (1/1/1958 އުފަން 68 އަހަރު) 2017 ގައި ލިޔުއްވާފައިވާ މުހިންމު ލިޔުމެކެވެ. މާތް ﷲ އަޅުގަނޑުމެން އެންމެނަށް ހިދާޔަތް ދައްކަވާށިއެވެ! އަދި ސަލަފުންގެ މަންހަޖާއި ސުންނަތުގެ މަތީގައި އަޅުގަނޑުމެން ރައްކާތެރިކުރައްވައި، އަޅުގަނޑުމެންގެ ކުށްތަކާއި ފާފަތައް ފުއްސަވައި، އިޞްލާޙުކުރައްވާށިއެވެ! އާމީން.

ނޯޓް: ލިޔުމުގެ މެދުތެރެއިން ފެންނަ ފޮޓޯތަކަކީ ލިޔުމުގެ ބައެއް ނޫނެވެ. އެހެނަސް، އެއީ ރާއްޖޭގައި ﷲ ގެ ސިފަފުޅުތައް ނަފީކުރާ ޖަހުމީ ފިކުރު ފަތުރާ މީހުންނަކީ ކޮބައިކަން އެ މީހުންގެ ބަސްތަކުން ހާމަކޮށްދިނުމަށް ގެނެސްފައިވާ ސްކްރީންޝޮޓްތަކެކެވެ.
ޢިލްމީ ރައްދު

ޝައިޚް އިދުރީސް ޙުސައިން الله ތަޢާލާގެ ޞިފަފުޅުތައް ނަފީކޮށް ލިޔެފައިވާ “الحجة القاطعة على بطلان قول الخصم أن الله تعالى استقر على عرشه بذاته” (މާނައީ: ﷲ ތަޢާލާ އެއިލާހުގެ ޛާތުފުޅުން ޢަރުޝީގެ މައްޗަށް އިސްތަވާވެވޮޑިގެންވާކަމަށް ޚަޞްމު ބުނާ ބުނުން ބާޠިލުކަމުގެ މައްޗަށްވާ ކަނޑައެޅިގެންވާ ޙުއްޖަތް) މި ސުރުޚީގެ ދަށުގައި ލިޔެފައިވާ ލިއުމަށް حسين رشيد بن محمود ދީފައިވާ ރައްދު

ލިޔުނީ: ޙުސައިން ރަޝީދު ބިން މަޙްމޫދު، ސެޕްޓެންބަރ 2017

بسم الله الرحمن الرحيم إن الحمد لله، نحمده ونستعينه ونستغفره، ونعوذ بالله من شرور أنفسنا، ومن سيئات أعمالنا، من يهده الله فلا مضل له، ومن يضلل فلا هادي له، وأشهد أن لا إله إلا الله وحده لا شريك له، وأشهد أن محمدا عبده ورسوله، أرسله بالهدى ودين الحق ليظهره على الدين كله ولو كره المشركون، فصل اللهم وسلم على عبدك ورسولك نبينا محمد وعلى آله وصحبه أجمعين.. أما بعد:

އެއްވެސް ޢިމާރާތެއް އޭގެ މައްޗަށް އެޢިމާރާތެއް ބިނާވެފައިވާ ބިންގަލެއް ނެތި ނުވެއެވެ. އިސްލާމް ދީން އޭގެ މައްޗަށް ބިނާވެފައިވާ ބިންގަލަކީ توحيد الله އެވެ. އެއީ الله عز وجل ގެ އިސްމުފުޅުތަކާއި އެއިލާހުގެ ޞިފަފުޅުތަކުން އެއިލާހު މަޢްރިފާކޮށް ދަނެގަތުމާއި، އެއިލާހުގެ އަޅުތަކުން އެއިލާހަށް އަދާކުރަން ޖެހޭ ޙައްޤުތައް އޭގައި އެކުލެވިގެންވާ ކަންތަކެވެ. ނަންގަނެވި ދިޔަ މަޢުރިފާ الله عز وجل ގެ ފޮތުންނާއި އެއިލާހުގެ ނަބިއްޔާ ﷺ ގެ ދޫފުޅުން ބަޔާންކުރައްވާފައިވާ ޝަރީޢަތުގެ މަގުން ނޫނީ ދަނެގަނެވޭނެ އެއްވެސް ގޮތެއް ނުވެއެވެ. الله عز وجل ވަނީ އެއިލާހުގެ ދީން ފުރިހަމަ ކުރައްވާފައެވެ.

އެއިލަހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. ﴿ الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الْإِسْلَامَ دِينًا ﴾ (سورة المائدة، الآية: 3.)

އަދި އެއިލާހުގެ ނަބިއްޔާ ވަނީ އެކަލޭގެފާނާއި އެކަލޭގެފާނުގެ رَبُّ ޙަވާލު ކުރެއްވި ރިސާލަތުގެ އަމާނާތް ފުރިހަމަ ގޮތުގައި އަދާކުރައްވާފައެވެ.

އެކަލޭގެފާނު ޙަދީޘު ކުރައްވާފައި ވެއެވެ. ((قَدْ تَرَكْتُكُمْ عَلَى الْبَيْضَاءِ لَيْلُهَا كَنَهَارِهَا لَا يَزِيغُ عَنْهَا بَعْدِي إِلَّا هَالِكٌ مَنْ يَعِشْ مِنْكُمْ فَسَيَرَى اخْتِلَافًا كَثِيرًا فَعَلَيْكُمْ بِمَا عَرَفْتُمْ مِنْ سُنَّتِي وَسُنَّةِ الْخُلَفَاءِ الرَّاشِدِينَ الْمَهْدِيِّينَ عَضُّوا عَلَيْهَا بِالنَّوَاجِذِ )) (އިބްނު މާޖާ:43)

ޖަހުމީ އަޤީދާ ފަތުރާ ހުސައިން ރަޝީދު ނެރުނު ޣައިރު ޤާނޫނީ ދީނާ ޚިލާފު ފޮތް

الله عز وجل ގެ ޞިފަފުޅުތަކާއި ބެހޭގޮތުން ޖަމްޢިއްޔަތުލް ޢުލަމާގެ ނަމުގައި [الحجة القاطعة على بطلان قول الخصم أن الله تعالى استقر على عرشه بذاته] މި ސުރުޚީގެ ދަށުގައި ޢަރަބިބަހުން ޝެއިޚު އިދުރީސް ނެރެފައިވާ ބަޔާނުގެ ރައްދުގައި ބުނަމެވެ. الله عز وجل ގެ ޞިފަފުޅުތައް އެއިލާހުގެ ފޮތުގައްޔާއި އެއިލާހުގެ ނަބިއްޔާ ﷺ ގެ ސުންނަތުގައި ވާރިދުވެފައިވާ ގޮތާއި ޚިލާފަށް އެއްވެސް ދަލީލަކާއި ނުލައި ތައުވީލު ކޮށް އެއިލާހުގެ ޛާތުފުޅަށް އެއިލާހު ކުރައްވާފައިވާ ޞިފަފުޅުތައް ނަފީކޮށް އެއިލާހުގެ ޞިފަފުޅުތަކަށް އިންކާރު ކޮށް ވާހަކަ ދައްކަން ފެށި ފުރަތަމަ މީހަކީ އިދުރިސް ޙުސައިން އެއް ނޫނެވެ. މިއުންމަތުގެ މަގުފުރެދިގެން ދިޔަ ވަރަށް ގިނަ ފިރްޤާތައް ވަނީ ތިމަގުން ހިނގާފައެވެ. އެގޮތުން ޖަހުމިއްޔާއާއި، މުޢްތަޒިލާއާއި، އަޝާޢިރާއާއި މާތުރީދިއްޔާ އާއި އަދި މިނޫންވެސް މި މަގު އިޚްތިޔާރުކުރި މީހުންވަނީ އެބައިމީހުންގެ ޙުއްޖަތު ގެއްލި ނާކާމިޔާބުވެފައެވެ. މިއަދާއި ހަމައަށްވެސް އެމީހުންގެ މައްޗަށް މީސްތަކުންގެ ލަޢްނަތް މެދު ކެނޑުމެއްނެތި ރައްދުވަމުން ދެއެވެ.

އެންމެ ފުރަތަމަ الله عز وجل ގެ ޞިފަފުޅުތަކަށް އިންކާރު ކުރިކަމަށް އެނގިފައިވަނީ جعد بن درهم (ޖަޢުދި ބިން ދިރުހަމް) އެވެ. އޭނާގެ ކިބައިން އެކަން ލިބިގަތީ جهم بن صفوان (ޖަހުމް ބިން ޞަފްވާން) އެވެ. جهم (ޖަހުމް) އަކީ މަޝްހޫރު މަގުފުރެދުމުގެ ބޮޑު ފިރްޤާއެއް ކަމުގައިވާ ޖަހުމިއްޔާގެ މުއައްސިސެވެ. الله عز وجل ގެ ޞިފަފުޅުތައް ފާޅުގައި ނަފީކުރަން ފެށީ މަގުފުރެދިފައިވާ މިކަލޭގެއެވެ. الله عز وجل ގެ ޞިފަފުޅުތައް ނަފީކުރުމުގެ ސިލްސިލާއަކީ ޔަހޫދީންގެ ކިބައިން ފެށިފައިވާ ޔަހޫދީ ކަމެކެވެ. އެހެނީ ޖަޢްދު ބުނު ދިރްހަމް އުނގެނިގަތީ أبان بن سمعان ގެ ކިބައިންނެވެ. أبان އުނގެނިގަތީ لبيد بن أعصم ގެ އުޚުތުގެ ދަރި طالوت ގެ ކިބައިންނެވެ. طالوت އުނގެނިގަތީ އޭނާގެ މައިފުށުގެ ބޮޑުބޭބެ لبيد بن الأعصم اليهودي ގެ ކިބައިންނެވެ. ލަބީދަކީ رسول الله ﷺ އަށް ޞިޙްރު ހެދި މަޝްހޫރު ޔަހޫދީ ކަލޭގެއެވެ. ޖަހްމު ބުނު ޞަފްވާނު މިފެތުރި ބަސް ފަހުން ފެތުރީ ހިޖުރައިން ދެވަނަ ޤަރުނުގެ ތެރޭގައި بشر بن غياث المريسي އެެވެ.

ހުސައިން ރަޝީދު އަހުމަދުގެ ބާޠިލުބަސްތައް. ޔަހޫދީ އަޤީދާ މި ފަތުރަނީ މި ކަލޭނގެ ނޫން ހެއްޔެވެ؟

އެހެންވީމާ އިދުރީސް ތިދައްކާ ވާހަކައަކީ އާވާހަކައެއް ނޫނެވެ. ތިއީ ޔަހޫދީންގެ ކިބައިން ވާރުތަވެފައިވާ ޔަހޫދީ ވާހަކައެކެވެ. ތި ތައުވީލު ތަކަކީ އެއްގޮތަކަށްވެސް އިސްލާމީ އެއްޗެއް ނޫނެވެ. رسول الله ﷺ ގެ ޞަޙާބީން ތި ތައުވީލު ތިގޮތަށް ނުކުރައްވައެވެ. އަޅެ ނިކަން ޞައްހަ ސަނަދަކުން رسول الله ﷺ ގެ ޞަޙާބީންގެ ތެރެއިން އެއްވެސް ބޭކަލަކު ތިގޮތައް ތި ތައުވީލު ކުރެއްވި ކަމަށް ގެނެސް ބަލާށެވެ. އަދި ތާބިޢީން ތިތައުވީލު ތިގޮތަކަށް ނުކުރައްވައެވެ. އަޅެ އެއިން އެއްވެސް ބޭކަލެއްގެ ކިބައިން ތިގޮތަށް އެއިން ބޭކަލަކު ވިދާޅުވެފައިއޮތް ޚަބަރެއް ޞައްޙަ ގޮތުގައި ނަގުލު ކޮށްބަލާށެވެ. ނަގުލު ނުކުރެވޭނަމަ އަޅުގަނޑާއި އިދުރީސާއި ދެމީހުންނަކީ ތިތައުވީލު ކުރަން ކޮންބައެއްތޯއެވެ؟

އެބޭކަލުންނަކީ ޤުރްއާނާއި ސުންނަތް އެންމެ ފުރިހަމަގޮތުގައި އުނގެނި ވަޑައިގެން ތިއްބެވި ބޭކަލުންނެވެ. އިމާމު މާލިކާއި ސުފްޔާނު ބުނު ޢުޔައިނާ އާއި، އަބޫ ޔޫސުފާއި، އިމާމް އަޙްމަދާއި، އިސްޙާޤާއި އަދި އެނޫނަސް ސަލަފުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ ޢިލްމުގެ އަހުލުވެރީން ވަނީ އެކަމަށް އިންކާރު ކުރައްވައި އޭގެހުރި މަގުފުރެދުމާއި ހަލާކު ބަޔާން ކުރައްވާފައެވެ.

މިމައްސަލާގައި އިމާމް މާލިކާއި ކުރެވުނު ސުވާލަށް އިމާމު މާލިކު ދެއްވި ޖަވާބުގައި الله عز وجل ގެ ޞިފަފުޅުތައް ތައުވީލު ކުރުމަކަށް ނުވަތަ ތަފްވީޟުގެ މަގު އިޚްތިޔާރު ކުރުމަކަށްެވެސް ވިދާޅުވެފައެއް ނުވެއެވެ. އަދި އެގޮތަކަށް އިޝާރަތެއްވެސް ކުރައްވާފައެއް ނުވެއެވެ. އިމާމު މާލިކު ވިދާޅުވެފައި ވަނީ استوى معلوم ނުވަތަ غير مجهول މިފަދައިންނެވެ. މާނައަކީ ޢަރަބި ބަހުގައި އިސްތަވާގެ މާނައަކީ އެނގޭ އެއްޗެކެވެ. والكيفية مجهول މާނައަކީ އިސްތަވާ ވޮޑިގަތީ ކިހިނެއްކަން ތިމަން ބޭކަލުންނަކަށް އެނގިގެން ނުވެއެވެ. އެހެނީ الله عز وجل ގެ ޛާތުފުޅު ލޮލުން ދުށް އެއްވެސް މީހަކު ނުވެއެވެ. އަދި އިސްތަވާ ވޮޑިގަތީ ކޮންގޮތަކަށްކަން ނަގުލުވެފައެއް ނުވެއެވެ. އެހެންވީމާ އެއިލާހުގެ ފިޢުލުތައް ތަޞައްވަރު ކުރަން އެނގޭނީ ކޮންފަދައަކުން ހެއްޔެވެ؟

ޝެއިޚުލް އިސްލާމް އިބްނު ތައިމިޔާ ވިދާޅުވެފައިވާ ގޮތުގައި ޖަހުމިއްޔާއާއި މުޢުތަޒިލާއާއި އަދި އެބައިމީހުންނަށް ތަބަޢަވީ މީހުން الله عز وجل ގެ ޞިފަފުޅުތައް ނަފީކުރަން ފެށުމުން އެބައިމީހުންގެ ކިބައިން ވަރަށް ގިނަބަޔަކު އުނގެނިގަނެ الله عز وجل ގެ ޛާތުފުޅާއި އެކަށީގެން ނުވާ އުނި ޞިފަތައް ނަފީކުރަން ފެށިއެވެ. އެކަމަކު އޭގެފަހުގައި تجسيم އާއ تشبيه ގެ ބަހަނާ ދައްކައިގެން އެއިލާހުގެ ޛާތުފުޅަށް އެއިލާހު ކުރައްވާފައިވާ ޞިފަފުޅުތަކަށްވެސް އިންކާރު ކުރަން ފެށިއެވެ. އެ ހިސާބުން ދީން ޤަބޫލު ނުކުރާ ބާޠިނީން ނުވަތަ މުނާފިޤުން އޭގެ ތެރެއަށް ވަދެ الله عز وجل ގެ ޞިފަފުޅުތައް ނަފީކުރަން ފެށިމީހުންގެ ކައިރިއަށް ގޮސް ބުނަން ފެށިއެވެ. އަޅެ ތަޝްބީހަ އާއި ތަޖްސީމުން الله عز وجل ގެ ޛާތުފުޅު ހުސްޠާހިރު ކުރުމަށްޓަކައި ތިޔަބައިމީހުން މިވެނި ސިފައެއް ނަފީ ނުކުރާނަންހެއްޔެވެ؟ އެވެނި ސިފައެއް ނަފީ ނުކުރާނަން ހެއްޔެވެ؟ އެގޮތުން الله عز وجل ގެ ޞިފަފުޅުތައް އެއް ޞިފަފުޅަކަށްފަހު އަނެއް ޞިފަފުޅެއް ނަފީކުރަމުން ގޮސް އެންމެފަހުން ހިތުން الله عز وجل މަޢްރިފާކޮށް ދަނެގަންނަން ނޭގޭވަރަށް އަދި ދުލުން އެއިލާހުގެ ޛިކްރު ނުކުރެވޭވަރަށް އަދި އެއިލާހަށް އަޅުކަން ނުކުރެވޭ ވަރުކޮށް އަދި އެއިލާހަށް ދުޢާކުރުމަކީ އެއްވެސް މާނައެއް ނެތްކަމެއް ކަމަށް ދެކޭވަރަށް ކަންތައް ގެންފޮސްފައި ވެއެވެ. (މަޖްމޫޢުލް ފަތާވާ: 5/360)

ޝެއިޚުލް އިސްލާމުގެ ބަސްފުޅު ވަރަށް ތެދުކަން ބޮޑެވެ. މިފަދަ ވާހަކަ ދައްކާމީހުން ކިތަންމެ ދީންވެރިކަމަށް ދައްކައިގެން އުޅުނަސް އެބައިމީހުންގެ ކިބައިގައި ދީނަކަށް، އެދީނުގެ ޢަޤީދާއަކަށް، އެދީނުގެ ނަބިއްޔާގެ ސުއްނަތަކަށް އެވެސް ވަރެއްގެ ޤަދަރެއް ދެވިފައެއް ނުވެއެވެ. އަދި ކީއްހެއްޔެވެ. އެނަބިއްޔާގެ ސުންނަތާއި ދެކޮޅަށް ހަނގުރާމަކޮށް އަދި ސުންނަތަށް ނަޞްރުދޭ ކޮންމެ މީހަކާއި ދުޝްމަން ބައެއްކަމުގައި ނޫނީ އެފަދަ މީހުން ނުވެއެވެ.

ޤުރްއާން ތައުވީލު ކުރުމަކީ އޮތް ކަމެއް ނޫނެވެ. މި އުއްމަތުގެ ސަލަފުން މި މައްސަލައާއިމެދު ދެކެ ވަޑައިގަންނަވާ ގޮތް އަންނަނިވި ރިވާޔަތުން ސާބިތުވެގެން ދާނެއެވެ. سائب بن يزيد އަރިއަހުން ރިވާވެފައިވާ ގޮތުގައި ޢުމަރުގެފާނަށް ޤުރުއާން ތައުވީލު ކުރާ މީހެއްގެ ޚަބަރު ލިބިވަޑައިގެންފައި ވަނިކޮށް މީސްތަކުންނާއިއެކު ފަރީއްކުޅުއްވި ދުވަހެއްގައި ފަރީއްކޮޅުން ނިމުމުން މީހަކު ޢުމަރުގެފާނަށް ދެންނެވިއެވެ. އޭ އަމީރުލް މުއުމިނީންއެވެ! އޭގެ ފަހުގައި ﴿ وَالذَّارِيَاتِ ذَرْوًا ۝ فَالْحَامِلَاتِ وِقْرًا ﴾ (الذاريات: 1 – 2) މިދެއާޔަތާއިމެދު ސުވާލު ކުރިއެވެ. ޢުމަރުގެފާނު ވިދާޅުވިއެވެ. ކަލޭތީ އޭނާދޯއެވެ؟ މިފަދައިން ވިދާޅުވެ އެމީހާގެ ބޮލުގައި އަޅާފައި އޮތް ފަގުޑި ވެއްޓެންދެން އޭނާގައިގައި ތެޅުއްވިއެވެ. އެހިނދު ހުވައިވިދާޅުވެފައި ވިދާޅުވިއެވެ. ކަލޭގެބޯ ބާލާފައި ހުރިނަމަ ތިމަން ކަލޭގެފާނު ކަލޭގެ ބޮލުގައި ތެޅުއްވީމުހެވެ. އޭގެފަހުގައި އޭނާގެ ރަށަށް އޭނާ ގެންދެވުމަށް އަމުރު ކުރެއްވުމަށްފަހު ވިދާޅުވިއެވެ. މީނާ ގެންގޮސް މީސްތަކުންނާއި މުޚާޠަބުކޮށް ބުނާށެވެ. ހަމަ ކަށަވަރުން صبيغ ޢިލްމު އުގެނުމުގައި ކުށްކޮށްފިއެވެ. އޭގެފަހުން އޭނާ މަރުވަންދެންވެސް މީސްތަކުންގެ ކުރިމަތީގައި އެއްދުވަހުން އަނެއް ދުވަހަށް އޭނާގެ އަގު ދިޔައީ ވެއްޓެމުންނެވެ. عبدالله بن صبيغ އަކީ އޭނގެ ގައުމުގެ ވެރިންގެ ތެރޭގައި ހިމެނޭ މީހެކެވެ. (كتاب الشريعة للآجري:(ص.255 ح.160) ، ابن أبي شيبة:(11/426) ،  سنن الدارمي:(1/55-56) ،  عبد الله بن أحمد في فضائل الصحابة:(1/رقم717) ،  اللالكائي في شرح أصول اعتقاد أهل السنة والجماعة:(4/رقم:1136)

މިހިރީ މިފަދަ މައްސަލަތައް މިއުއްމަތުގެ ތެދުމަގު ލިބިވަޑައިގެންފައި ތިއްބެވި ސަލަފުން ނެންގެވި ސީރިއަސްކަމެވެ. ކީރިތި ޤުރްއާނުގައި الله عز وجل ވަޙީ ކުރައްވާފައި ވެއެވެ. ﴿ فَأَمَّا الَّذِينَ فِي قُلُوبِهِمْ زَيْغٌ فَيَتَّبِعُونَ مَا تَشَابَهَ مِنْهُ ابْتِغَاءَ الْفِتْنَةِ وَابْتِغَاءَ تَأْوِيلِهِ ﴾ (آل عمران: 7) ޢާއިޝާ رضي الله عنها އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. قَالَ رَسُول اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((فَإِذَا رَأَيْتِ الَّذِينَ يَتَّبِعُونَ مَا تَشَابَهَ مِنْهُ فَأُولَئِكِ الَّذِينَ سَمَّى اللَّهُ فَاحْذَرُوهُمْ)) (ބުޚާރީ:4547، މުސްލިމް: 2665)

ޤުރްއާނާއި ސުންނަތުގެ މިދަލީލު ތަކުން އެނގޭ ގޮތުގައި ތައުވީލު ކުރަނީ ފިތުނައިގެ ބަލިމަޑުކަން އެބައިމީހުންގެ ހިތްތަކުގައިވާ މީހުންނެވެ. އެކަލޭގެފާނު ﷺ ގެ ބަސްފުޅުގައި ހަވާނަފުސުގެ އެއްވެސް އެއްޗެއް ހިމެނިގެން ނުވާ މާތް ނަބިއްޔާ ﷺ މިވަނީ އެފަދަ މީހުންނާއި ދޭތެރޭ ހުޝިޔާރުވެ ތިބުމަށް އުންމަތަށް ގޮވާލައްވާފައެވެ. ވީމާ މިފަދަ ބާޠިލު ތައުވީލު ކުރާ ތައުވީލުގެ އަހުލުވެރީންނާއި މެދު ތިޔބައި މީހުން ހޭއަރާ ތިބޭށެވެ.

ދަންނާށެވެ! الله عز وجل ގެ ޞިފަފުޅުތަކީ توقيفي އެއްޗެކެވެ. މާނައަކީ ރައުޔަށް ފެންނަ ގޮތަކަށް ނުވަތަ ތިމާއަށް ރަނގަޅުކަމަށް ފެންނަ ގޮތަކަށް އެއިލާހުގެ ޞިފަފުޅުތަކެއް ތަރުޖަމާ ނުކުރެވޭނެއެވެ. ޤުރްއާނާއި رسول الله ﷺ ގެ ސުންނަތުން ސާބިތުވާން ހުރި ގޮތުގެ މައްޗަށް ނުކުތާއެއްވެސް ނުވަތަ ފިއްޔެއްވެސް އިތުރުކޮށްގެން ނުވާނެއެވެ.

الله عز وجل ގެ ނަންފުޅުތަކާއި ޞިފަފުޅުތަކަށް ދަލީލު ގެންނަން ޖެހެނީ ޤުރްއާނާއި ސުންނަތުންނެވެ. އެހެން އެއްވެސް ދަލީލެއް އެކަމުގައި ބޭނުންކޮށްގެން ނުވާނެއެވެ.

ދަލީލުތައް ތަރުޖަމާ ކުރުމުގައި ވާޖިބުވެގެންވަނީ އެއްވެސް ކަހަލަ ބަދަލެއް ގެނައުމަކާއި ނުލައި ވާރިދުވެފައިވާ ގޮތަށް ޢަރަބިބަހުގެ މާނަ ގެނައުމެވެ. އެހެނީ ޤުރްއާން ބާވައިލައްވާފައި ވަނީ ޢަރަބި ބަހުންނެވެ. އަދި رسول الله ﷺ ގެ ސުންނަތް ނަޤުލު ވެފައި ވަނީ ޢަރަބި ބަހުންނެވެ. الله عز وجل އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّا أَنْزَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ ﴾ (الشعراء: 195-193) އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ قُرْآنًا عَرَبِيًّا غَيْرَ ذِي عِوَجٍ لَعَلَّهُمْ يَتَّقُونَ ﴾ (يوسف: 2) ހަމަ އެހެންމެ ޒުޚްރުފު ސޫރަތުގެ 3 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّا جَعَلْنَاهُ قُرْآنًا عَرَبِيًّا لَعَلَّكُمْ تَعْقِلُونَ ﴾ (الزخرف: 3)

މިއާޔަތްތަކުންނާއި އަދި މިނޫން ކިންތަންމެ އާޔަތަކުން ކަނޑައެޅި ބަޔާން ވެގެންވާ ގޮތުގައި ޤުރްއާން މާނަ ކުރުމުގައި ނަގަން ޖެހެނީ އާޔަތްތަކުގެ ބޭރުފުށުގެ މާނައެވެ. އެހެނީ ޤުރްއާން ބާވާލައްވާފައި ވަނީ ޢަރަބި ބަހުންނެވެ. މީސްތަކުން އެއާއިމެދު ވިސްނައި ތަދައްބުރުކޮށް އެއަށް ޢަމަލު ކުރުމަށެވެ. ވީމާ ޚާއްޞަ ދަލީލަކުން އެހެން ގޮތަކަށް މާނަކުރުމަށް ދަލީލު ނުލިބޭހާ ހިނދަކު ބަލަން ޖެހޭނީ ބޭރުފުށުގެ މާނައަށެވެ. އެހެން ނުވާނީ ކޮންފަދައަކުން ތޯއެވެ؟ ޤުރްއާނުގައި ވަނީ އިސްލާމީ ޝަރީޢަތެވެ. މީސްތަކުންގެ މައްޗަށް ވާޖިބު ކުރައްވާފައިވާ ކަންތަކާއި ނަހީކުރައްވާފައިވާ ކަންތަކެވެ. ވީމާ މާނާ ނޭގޭ ގޮތަކަށް އެޤުރްއާން ލެއްވުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. އަދި މީސްތަކުންނަށް އެޤުރްއާން ފުރިހަމައަށް ބަޔާންކޮށް ދެއްވުން الله عز وجل ވަނީ رسول الله ﷺ މައްޗަށް ވާޖިބު ކުރައްވާފައެވެ. އެކަން ބަޔާން ކުރައްވައި އެއިލާހުގެ ފޮތުގައި ވަޙީ ކުރަައްވާފައި ވެއެވެ. ﴿ وَأَنْزَلْنَا إِلَيْكَ الذِّكْرَ لِتُبَيِّنَ لِلنَّاسِ مَا نُزِّلَ إِلَيْهِمْ وَلَعَلَّهُمْ يَتَفَكَّرُونَ ﴾ (النحل: 44) އަދި رسول الله ﷺ ވާހަކަފުޅު ދައްކަވަނީ އެންމެ ފަޞާޙަތްތެރި ޢަރަބި ބަހުންނެވެ. ވީމާ ތައުވީލުގެ އަހުލުވެރީން އެދައްކާވާހަކައަކީ އެތައް ގޮތަކުން ބާޠިލު ވާހަކައެކެވެ. މިކަން މިގޮތަށް މިހާ ފާޅުކަން ބޮޑު ގޮތަކަށް އެނގެން އޮއްވައި އާޔަތްތަކުގެ މާނަ ހިތަށް އެރިގޮތަކަށް ބަދަލުކޮށް މިއީ ސަލަފުންގެ މަޒްހަބޭ ބުނާ މީހުންގެ އެބަހުން ސަލަފުން ބަރީއަވެގެން ވެއެވެ. މި މައްސަލާގައި ސަލަފުންގެ ޢިލްމުވެރީންގެ ބަސްފުޅުތަކާއި، ޝަރްޢީ ދަލީލު ތަކާއި ލުޣަވީގޮތުން ބަސްތައް މާނަ ކުރެވޭ ގޮތް ހެއްކާއި އެކު ބަޔާންކޮށްފައިވާ ލިއުމެއް މި ލިމުގެ ފަހަތުގައި ވާނެއެވެ. އެއީ ޙާފިޡް ޛަހަބީ ލިއުއްވާފައިވާ “كتاب العرش” މިފޮތުން ނަޤުލުކޮށްފައިވާ ލިއުމެކެވެ.

އެލިއުން ރަނގަޅަށް ދިރާސާ ކުރުމަށް ފަހުގައިވެސް އިދުރީސް އެބުނާ ބަސް ދޫނުކޮށް އެގޮތުގައި ހުންނަނަމަ އިދުރީސް ބެލެވޭނީ މީސްތަކުން ފިތުނަވެރި ކުރަން އުޅޭ ފިތުނަވެރިއެއް ކަމުގައެވެ. އިދުރީސް ދައްކަމުން މިދާ ވާހަކަ ތަކަކީ އިދުރީސަށް އަރައިގެން އުޅޭ އޮޅުމެއް ނަމަ އެ ލިއުން ދީރާސާކުރުމުން އެއަރައިގެން އުޅޭ އޮޅުން ފިލާނެކަމަށް އުއްމީދު ކުރެވެއެވެ.

الله عز وجل ގެ ޞިފަފުޅުތަކާއިމެދު ޝައްކު އުފެދި ހަދާނެ ނަހަދާނެ ގޮތެއް ނޭގިގެން އުޅެނީ ޙައްޤަކީ ކޮބައިކަން ނޭގި ތިބެ ނުވަތަ އެނގި ތިބެ ގަސްތުގައި ނުވަތަ ޝުބުހައިގެ ދަންތުރައިގައި ޖެހިގެން މީސްތަކުން ފިތުނަވެރި ކުރުމަށް ބިދުޢަވެރިންގެ ބަސްތަކުގައި ހިފައި އެއީ ޙައްޤުކަމަށް ދަޢުވާކުރަމުންދާ މީހުންނަށެވެ. އެހެން ނޫންނަމަ މިކަމަކީ ޝުބުހައަކަށް އެއްވެސް ޖާގައެއް އޮތް ކަމެއް ނޫނެވެ. ސާފުކޮށް މެންދުރުގެ އިރުފަދައިން އެނގެން އޮތް ކަމެކެވެ. އެމީހުން ބުނާގޮތުން ނަމަ الله عز وجل އެއިލާހުގެ ފޮތުގައި އެއިލާހުގެ ޛާތުފުޅު ޞިފަކުރައްވާފައިވަނީ އެއިލާހުގެ އަޅުތަކުންގެ ގާތަށް އެއިލާހުގެ ޝަރީޢަތް ފޯރުކޮށްދެއްވައި އެ ޝަރީޢަތުގެ މުރާދު މީސްތަކުންނަށް ބަޔާންކޮށް ދެއްވުމަށް އެއިލާހު ފޮނުއްވި ރަސޫލުބެއިކަލުންނާއި ނަބީ ބެއިކަލުންނަށްވެސް އެނގިވަޑައި ނުގަންނަވާފަދަ ގޮތަކަށެވެ. ނުވަތަ އެބައިމީހުންގެ ޙާލުގެ ދުލުން ނުވަތަ މަޤާލުގެ ދުލުން ބުނަނީ ރަސޫލު ބޭކަލުން އެބޭކަލުންނަށް الله عز وجل ބާވައިލެއްވި އެއްޗެތީގެ ތެރެއިން ބައެއް އެއްޗެތި މީސްތަކުންނަށް ބަޔާންކޮށް ނުދެއްވައި ވަންހަނާކުރައްވާފައި ވެއްޖެއެވެ. އެބޭކަލުން ވަންހަނާ ކުރެއްވި އެއްޗެތީގެ މުރާދު ތިމަންމެން ކިބައިން ތިޔަބައިމީހުން އުނގެނޭށެވެ. މިފަދަ ވާހަކަ ދައްކާމީހުންގެ ސިކުނޑި ކޮބައިބާވައެވެ؟

ނައްޞުތައް ބަދަލުކޮށް ތައުވީލުކޮށް ތަޙްރީފުކޮށް ހެދުމަކީ ޔަހޫދީންގެ ކަމެކެވެ. އެގޮތަށް ދަލީލަކާއި ނުލައި ޤުރްއާނުގެ މާނަ ބަދަލު ކުރާމީހުން އެހިނގަނީ ޔަހޫދީންގެ ފިޔަވަޅު މަތީގައި ފިޔަވަޅު އަޅަމުންނެވެ. ޔަހޫދީންނާއި މެދު الله عز وجل އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ أَفَتَطْمَعُونَ أَنْ يُؤْمِنُوا لَكُمْ وَقَدْ كَانَ فَرِيقٌ مِنْهُمْ يَسْمَعُونَ كَلَامَ اللَّهِ ثُمَّ يُحَرِّفُونَهُ مِنْ بَعْدِ مَا عَقَلُوهُ وَهُمْ يَعْلَمُونَ ﴾ (البقرة: 75) އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ يُحَرِّفُونَ الْكَلِمَ عَنْ مَوَاضِعِهِ وَنَسُوا حَظًّا مِمَّا ذُكِّرُوا بِهِ ﴾ (النساء: 46) މިދެ އާޔަތުގައި މިވަނީ އެބައިމީހުން الله عز وجل ގެ ކަލާމް ފުޅު ބަދަލު ކުރާވާހައެވެ.

الله عز وجل ޤުރްއާން ބާވައި ލައްވާފައިވަނީ ޢަރަބި ބަހުން ކަމަށް ވެފައި އަދި رسول الله ﷺ ވާހަކަފުޅު ދައްކަވަނީ ޢަރަބި ބަހުން ކަމުގައި ވެފައި އަދި ޢަރަބި ބަހަކީ އެންމެ ފަޞާޙާތްތެރި ބަސްކަމަށް ވީ ހިނދު ޤުރްއާނާއި ސުންނަތުން ދަލީލު ލިބޭކަންތައް އެ ދަލީލު ލިބޭގޮތެއްގެ މައްޗަށް ކުރުކޮށްލަން ޖެހޭނެއެވެ. އެއާއި ޚިލާފަށް ވާހަކަދައްކާނަމަ އެކަންތައް ވާނީ الله عز وجل ގެ މައްޗަށް އެއްވެސް ޢިލްމެއްނެތި ހަދަހަދައިގެން ވާހަކަ ދެއްކުން ކަމުގައެވެ. އޭގެ ނުބައި ކަން ވަނީ ޝިރުކަށްވުރެވެސް ބޮޑުކޮންނެވެ.

އެކަން ބަޔާންކުރައްވައި الله عز وجل އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ قُلْ إِنَّمَا حَرَّمَ رَبِّيَ الْفَوَاحِشَ مَا ظَهَرَ مِنْهَا وَمَا بَطَنَ وَالْإِثْمَ وَالْبَغْيَ بِغَيْرِ الْحَقِّ وَأَنْ تُشْرِكُوا بِاللَّهِ مَا لَمْ يُنَزِّلْ بِهِ سُلْطَانًا وَأَنْ تَقُولُوا عَلَى اللَّهِ مَا لَا تَعْلَمُونَ ﴾ (الأعراف: 33) މިއާޔަތުގައި الله عز وجل ޙަރާމް ކުރެއްވި ކަންތައް ޛިކުރު ކުރައްވައި އެއްކަމަކަށް ވުރެ އަނެއްކަމެއްގެ ނުބައިކަން ބޮޑުވަމުން ގޮސް އެންމެ ފަހުން ޢިލްމާއި ނުލައި އެއިލާހުގެ މައްޗަށް ވާހަކަ ދެއްކުން އައިސްފައިވަނީ ޝިރުކުގެ ފަހަތަށެވެ. ޢިލްމުވެރީން ވިދާޅުވާ ގޮތުގައި ޢިލްމާއި ނުލައި އެއިލާހާއި މެދު ވާހަކަ ދެއްކުމުގެ ބޮޑުކަން މިއާޔަތުން އެނގެއެވެ.

އިދުރީސް ނެރެފައިވާ ލިއުމުގައި އިސްތަވާގެ މައްސަލައާއި އަދި ޤުރްއާނާއި ސުންނަތުން ސާބިތުވާން ހުރި الله عز وجل ގެ އެތައް ޞިފަފުޅުތަކަކަށް ޞަރީޙަކޮށް އިންކާރުކޮށް އެއީ އުލޫހިއްޔަތުގެ ޞިފަފުޅުތައް ނޫންކަމަށް ބުނެފައި ވެއެވެ. އިދުރީސްގެ މިބަހަކީ އުޑުތަކާއި ބިން ފަޅައިގެންދާ ވަރުގެ ބޮޑު ބަހެކެވެ. الله عز وجل އެއިލާހުގެ ޛާތުފުޅަށް ކުރައްވާފައިވާ ޞިފަފުޅުތަކަށް އިންކާރުކޮށް އެއީ އުލޫހިއްޔަތުގެ ޞިފަތަކެއް ނޫނޭ ބުނާއިރު އިދުރީސްގެ ސިކުނޑި ސަލާމަތުން ހުރިބާވައޭ އަޅުގަނޑުގެ ހިތަށް އަރައެވެ. އިދުރީސް އިންކާރުކޮށްފައިވާ الله عز وجل ޞިފަފުޅުތަކަކީ ކީރިތު ޤުރްއާނުންނާއި މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ސާބިތުވާން ހުރި ޞިފަފުޅުތަކަކަށް ވެފައި އެއީ އުލޫހިއްޔަތުގެ ޞިފަތަކެއް ނޫނޭ ބުނުމަކީ الله عز وجل ގެ އިލާހުވަންތަކަމަށް އިންކާރު ކުރުން ނޫންބާވައެވެ؟ އިދުރީސްގެ ޙާލުގެ ދުލުން ބުނާކަހަލަ ތިޞިފައިން ޞިފަ ލިބިގެންވާ ފަރާތަކީ އިލާހެއް ކަމަށް ތިމަންނަ ޤަބޫލެއް ނުކުރަމެވެ. މިއީ ޙައިރާންވާންވީ ކަމެއް ނޫނެވެ. މިފިކުރު އުފެއްދި މީހުން އުފެއްދީވެސް އެބޭނުމުގައެވެ. ވީމާ ބުއްދީގެ އަހުލުވެރީންނޭވެ! ތިޔަބައިމީހުން ހޭއަރާށެވެ. މިދައްކަނީ އާދައިގެ ވާހަކައެއް ނޫނެވެ. ތިޔަބައިމީހުންގެ އަމިއްލަ ނަފުސުތައް ތިޔަބައިމީހުން ސަލާމަތް ކުރާށެވެ.

ހަމަ ކަށަވަރުން الله عز وجل ގެ އިސްމުފުޅު ތަކާއި ޞިފަފުޅުތައް ކީރިތި ޤުރްއާނާއި އަދި رسول الله ﷺ ގެ ސުންނަތުގައި ވާރިދުވެގެން އައިސްފައި ވެއެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ. ﴿ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ ﴾ (طه: 46) އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ ﴾ (غافر: 20) މި ދެ އާޔަތުންނާއި އަދި ޤުރްއަނުގެ ވަރަށް ގިނަ އާޔަތްތަކުން الله عز وجل އަކީ އައްސަވައި ވޮޑިގަންނަވާ އަދި ބައްލަވައި ވޮޑިގެންވާ އިލާހެއްކަން ސާބިތުވެ އެވެ.

الله عز وجل އަށް އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ދެއަތްޕުޅު ވެއެވެ. އިބްލީސް އާއި މުޚާޠަބު ކުރައްވާ الله عز وجل އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ. ﴿ قَالَ يَا إِبْلِيسُ مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنْتَ مِنَ الْعَالِينَ ﴾ (ص: 75.) އަދިވެސް ވަޙީކުރައްވާފައި ވެއެވެ. ﴿ بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ ﴾ (المائدة: 64) މި ދެ އާޔަތުން الله عز وجل އަށް އަތްޕުޅުގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ވާކަން ސާބިތެވެ. އަދި އެއިލާހަށް ދެ އަތްޕުޅު ވާކަންވެސް ސާބިތެވެ. ހަމައެފަދައިން ސުންނަތުންވެސް الله عز وجل ގެ ޞިފަފުޅު ތަކުގެ ތެރޭގައި މި ޞިފަ ވާކަން ސާބިތެވެ.

أبو هُرَيْرَةَ އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. رسول الله ﷺ ޙަދީޘު ކުރެއްވިއެވެ: ((احْتَجَّ آدَمُ وَمُوسَى فَقَالَ مُوسَى: يَا آدَمُ أَنْتَ أَبُونَا خَيَّبْتَنَا وَأَخْرَجْتَنَا مِنْ الْجَنَّةِ فَقَالَ آدَمُ: أَنْتَ مُوسَى اصْطَفَاكَ اللَّهُ بِكَلَامِهِ وَخَطَّ لَكَ التَّوْرَاةَ بِيَدِهِ تَلُومُنِي عَلَى أَمْرٍ قَدَّرَهُ عَلَيَّ قَبْلَ أَنْ يَخْلُقَنِي بِأَرْبَعِينَ سَنَةً فَحَجَّ آدَمُ مُوسَى)) (ބުޚާރީ:(6614)، މުސްލިމް:(2652)، އަބޫދާވޫދު:(4701).)

މި ޙަދީޘުން ޘާބިތުވާ ގޮތުގައި ތައުރާތް ލިއުއްވާފައި ވަނީ الله عز وجل ގެ އަތްޕުޅުންނެވެ. ހަމަ އެފަދައިން މަޙްޝަރު ބިމުގައި މީސްތަކުންނަށް ކުރިމަތިވާ ދަތިޙާލުން ސަލާމަތްވޭތޯ އެބައިމީހުން އާދަމު ގެ އަރިހަށް ގޮސް ދަންނަވާނެއެވެ:” يَا آدَمُ أَنْتَ أَبُو الْبَشَرِ خَلَقَكَ اللَّهُ بِيَدِهِ وَنَفَخَ فِيكَ مِنْ رُوحِهِ” (ބުޚާރީ:3340، މުސްލިމް:194) މި ޙަދީޘުގައި އާދަމު عليه السلام ހައްދަވާފައިވަނީ الله عز وجل ގެ އަތްޕުޅުންކަން ބަޔާން ކުރައްވާފައި ވެއެވެ.

الله عز وجل އަށް އިނގިލީގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ފަދައަކުން ވާކަން އިބްނު މަސްޢޫދު އަރިއަހުން ރިވާވެފައިވާ އަންނަނިވި ޙަދީޘުން ސާބިތެވެ. އިބްނު މަސްޢޫދު ވިދާޅުވެފައިވެއެވެ: “جَاءَ حَبْرٌ مِنْ الْأَحْبَارِ إِلَى رَسُولِ اللَّهِ ﷺ فَقَالَ: يَا مُحَمَّدُ إِنَّا نَجِدُ أَنَّ اللَّهَ يَجْعَلُ السَّمَوَاتِ عَلَى إِصْبَعٍ وَالْأَرَضِينَ عَلَى إِصْبَعٍ وَالشَّجَرَ عَلَى إِصْبَعٍ وَالْمَاءَ وَالثَّرَى عَلَى إِصْبَعٍ وَسَائِرَ الْخَلَائِقِ عَلَى إِصْبَعٍ فَيَقُولُ: أَنَا الْمَلِكُ فَضَحِكَ النَّبِيُّ ﷺ حَتَّى بَدَتْ نَوَاجِذُهُ تَصْدِيقًا لِقَوْلِ الْحَبْرِ ثُمَّ قَرَأَ رَسُولُ اللَّهِ ﷺ: وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُون” (ބުޚާރީ:4811، މުސްލިމް:2786) މާނަ:[ޔަހޫދީންގެ ޢިލްމުވެރިޔަކު رَسُولُ اللَّهِ ﷺ އަރިއަހަށް އައިސް ދެންނެވިއެވެ. އޭ مُحَمَّدُ އެވެ. ހަމަކަށަވަރުން ތިމަންމެން ތިމަންމެންގެ ފޮތްތަކުން ދެކެމެވެ. ޤިޔާމަތްދުވަހުން الله عز وجل އުޑުތައް އެއިލާހުގެ އިނގިލިފުޅެއްގެ މަތީގައި ބަހައްޓަވާނެއެވެ. އަދި ބިންތައް އެއިލާހުގެ އިނގިލިފުޅެއްގެ މަތީގައި ބަހައްޓަވާނެއެވެ. އަދި ގަސްތައް އެއިލާހުގެ އިނގިލިފުޅެއްގެ މަތީގައި ބަހައްޓަވާނެއެވެ އަދި ފެނާއި ވެލި އެއިލާހުގެ އިނގިލިފުޅެއްގެ މަތީގައި ބަހައްޓަވާނެއެވެ. އަދި ހުރިހައި ޚަލްޤުތަކުން އެއިލާހުގެ އިނގިލިފުޅެއްގެ މަތީގައި ބަހައްޓަވާނެއެވެ. ފަހެ އެއިލާހު ވަޙީކުރައްވާނެއެވެ. ރަސްކަލަކީ ތިމަން އިލާހުއެވެ. އެ ޔަހޫދީ ޢިލްމުވެރިޔާގެ ބަސް އަޑުއިވިވަޑައިގަތުމުން އޭނާގެ ބަސް ތެދުކުރައްވައި رسول الله ﷺ އެކަލޭގެފާނުގެ ކޮލު ދަތްކޮޅު ފެންނަވަރަށް ހިނފުޅު ވެޑުވިއެވެ. އޭގެފަހުގައި وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّمَوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُون މި އާޔަތް ކިޔަވައި ވިދާޅުވިއެވެ.]

الله عز وجل އަށް ފައިތިލައިގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ވާކަން އަންނަނިވި އަނަސުގެފާނުގެ ޙަދީޘުން ސާބިތުވެއެވެ.

عن أَنَسٍ رَضِيَ اللَّهُ عَنْهُ عن النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((يُلْقَى فِي النَّارِ وَتَقُولُ هَلْ مِنْ مَزِيدٍ حَتَّى يَضَعَ قَدَمَهُ فَتَقُولُ قَطْ قَطْ)) (ބުޚާރީ:4849) މާނަ:[ނަރަކައިގެ ތެރެއަށް މީސްތަކުން އުކާލެވޭނެއެވެ. ނަރަކަ އަދި އިތުރަށް ވޭތޯއެވެ؟ މިފަދައިން ދެންނެވުން މަތީގައި الله عز وجل އެއިލާހުގެ ފައިންޕުޅު އޭގެތެރޭގައި އަޅުއްވައިފުމަށް ދާންދެން ދެމިހުންނާނެއެވެ. ފަހެ ނަރަކަ ދަންނަވާނެއެވެ. ތިމަންނާއަށް ފުދިއްޖެއެވެ. ތިމަންނާއަށް ފުދިއްޖެއެވެ.]

الله عز وجل އަށް އަތްތިލަފުޅުގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ފަދައަކުން ވާކަން އަންނަނިވި އަބޫހުރައިރާގެ ހަދީޘުން ސާބިތެވެ.

عَن يَسَارٍ أَنَّهُ سَمِعَ أَبَا هُرَيْرَةَ يَقُولُ: قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((مَا تَصَدَّقَ أَحَدٌ بِصَدَقَةٍ مِنْ طَيِّبٍ وَلَا يَقْبَلُ اللَّهُ إِلَّا الطَّيِّبَ إِلَّا أَخَذَهَا الرَّحْمَنُ بِيَمِينِهِ وَإِنْ كَانَتْ تَمْرَةً فَتَرْبُو فِي كَفِّ الرَّحْمَنِ حَتَّى تَكُونَ أَعْظَمَ مِنْ الْجَبَلِ كَمَا يُرَبِّي أَحَدُكُمْ فَلُوَّهُ أَوْ فَصِيلَهُ )) (މުސްލިމް:1014) މާނަ:[އެއްވެސް މީހަކު ޙަލާލު އެއްޗަކުން ޞާދަޤާތް ކޮށްފިނަމަ އަދި ޙަލާލު އެއްޗެއް ނޫނީ الله عز وجل ގަބޫލުނުކުރައްވައެވެ. الله عز وجل އެއިލާހުގެ ކަނާތްޕުޅުން އެ ޞަދަޤާތުގައި ހިއްޕަވައި އެއީ ކަދުރުއޮށެއްހާ ކުޑައެއްޗެއް ނަމަވެސް އެ ޞަދަޤާތް ކުރިމީހަކަށްޓަކައި އެއިލާހު عز وجل ގެ އަތްތިލަފުޅުގެ ތެރޭގައި އެޞަދަޤާތުގެ މިންވަރު ބޮޑު ފަރުބަދައެއްހާ ބޮޑުވަންދެން، ތިއިން މީހަކު އޭނާގެ އަހުގެ ދަރި ބޮޑުކުރުމަށް ސަމާލުކަން ބަހައްޓާފަދައިން އެއިލާހު عز وجل އޭނާގެ ޞަދަޤާތުގެ ސަވާބު އިތުރެއްވުންމަތީގައި ވޮޑިގެންވެއެވެ. (މިތާގައި الله عز وجل އެއިލާހުގެ އަތްޕުޅުން ޞަދަޤާތުގަ ހިއްޕަވާ ވާހަކަ އޮތުމުން އަތްތިލަ ފުޅުގެ ސިފަފުޅު އެއިލާހު عز وجل ގެ ޛާތުފުޅާއި އެކަށޭނެފަދައަކުން އެއިލާހަށް ވާކަން ސާބިތުވެއެވެ. އަހުލުއްސުންނާގެ ގޮތަކީ އެފަދަ ޚަބަރުތައް އައިސްފައިވާ ގޮތަށް އިތުރު ތަފުޞީލުކުރުމަކާއި ނުލައި ކުރިއަށް ގެންދިއުމެވެ. އެއިލާހުގެ އަތްތިލަފުޅުވަނީ ކިހިނެއްކަން އެއްވެސް މަޚުލޫޤަކަށް އެނިގެން ނުވެއެވެ. އެކަމަކު އެއިލާހު އަށް އަތްތިލަފުޅުގެ ސިފަފުޅު ވާކަމަށް އީމާންވުމަކީ ވާޖިބެކެވެ.)]

الله عز وجل އަށް ހިނިފުޅު ވެޑުވުމުގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށީގެންވާ ފަދައަކުން ވާކަން މި ޙަދީޘުން ސާބިތުވެއެވެ.

“عَن أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ: ((يَضْحَكُ اللَّهُ إِلَى رَجُلَيْنِ يَقْتُلُ أَحَدُهُمَا الْآخَرَ يَدْخُلَانِ الْجَنَّةَ يُقَاتِلُ هَذَا فِي سَبِيلِ اللَّهِ فَيُقْتَلُ ثُمَّ يَتُوبُ اللَّهُ عَلَى الْقَاتِلِ فَيُسْتَشْهَدُ)) (ބުޚާރީ:2826، މުސްލިމް:1890) މާނަ: [ދެމީހެއްގެ ކަންތަކާއިމެދު الله عز وجل ހިނިފުޅު ވެޑުއްވިއެވެ. އެތަނުން އެކަކު އަނެއްމީހާ މަރާލިއެވެ. އެ ދެމީހުންވެސް ސުވަރުގެ ވެއްދެވިއެވެ. ފުރަތަމަ މީހާ الله عز وجل ގެ މަގުގައި ހަނގުރާމަކުރަނިކޮށް މަރުވެއްްޖެއެވެ. އޭގެފަހުގައި އޭނާ މަރާލި މީހާއަށް الله عز وجل ތައުބާލައްވައި އޭނާ ހަނގުރާމައިގައި ޝަހީދުވެއްޖެއެވެ.]

الله عز وجل އަށް ކޯފާވުމުގެ ޞިފަފުޅު ކީރިތި ޤުރްއާނުން ސާބިތުވެއެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި އެވެ.

﴿ وَمَنْ يَقْتُلْ مُؤْمِنًا مُتَعَمِّدًا فَجَزَاؤُهُ جَهَنَّمُ خَالِدًا فِيهَا وَغَضِبَ اللَّهُ عَلَيْهِ وَلَعَنَهُ وَأَعَدَّ لَهُ عَذَابًا عَظِيمًا ﴾ (النساء: 93) މާނަ:[ޙައްޤަކާއިނުލައި ގަސްތުގައި މުއުމިނަކު މަރާލައިފި މީހެއްގެ ޖަޒާއަކީ ޖަހަންނަމައިގައި އޭނާ ދާއިމަށް ލެއްވުމެވެ. އަދި އޭނާގެ މައްޗަށް الله عز وجل ގެ ކޯފާއާއި އަދި އެއިލާހުގެ ލަޢުނަތް ހުއްޓެވެ. އަދި އޭނާއަށް ވޭންދެނިވި ޢަޒާބު ތައްޔާރުކުރައްވާފައިވެއެވެ.]

المكر އަދި الخداع މިދެ ޞިފައަކީ الله عز وجل ގެ ޞިފަފުޅުތައް ކަމުގައި މުޠްލަޤުކޮށް ނުބުނެވޭނެއެވެ. އެހެނީ އެ ދެޞިފައަކީ ބައެއްފަހަރު މަދަޙަ ޙައްޤު ބައެއްފަހަރު މަލާމާތް ރައްދުވެދާނެ ދެޞިފައެވެ. ވީމާ މިފަދަ ޞިފައެއް މަދަޙަ ލިބޭ މަޤާމެއްގައި ނޫނީ الله عز وجل އަށް ނިސްބަތް ނުކުރެވޭނެއެވެ. ޤުރްއާނުގައި މިދެޞިފަ الله عز وجل އަށް ނިސްބަތް ކުރައްވާފައި ވެއެވެ. އެއީ އެކަމަކު މުޅިންވެސް މަދަޙަ ލިބުން ޙައްޤު މަޤާމުގައެވެ. އެއީ الله عز وجل އަށާއި އެއިލާހުގެ އައުލިޔާއިންނަށް މަކަރުހަދައި ޚިޔާނާތްތެރިވާ މީހުންގެ ރޭވުންތައް ބާޠިލު ކުރައްވައި އެބައިމީހުންގެ މައްޗަށް އެބައިމީހުން ކުރާ ކަންތައް ރައްދު ކުރެއްވުމުގެ މަޤާމުގައެވެ. އެއީ ޢިއްޒަތާއި މަތިވެރިކަން ދައްކައިދޭ މަޤާމެކެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿ وَمَكَرُوا وَمَكَرَ اللَّهُ وَاللَّهُ خَيْرُ الْمَاكِرِينَ ﴾ (آل عمران: 54) މާނަ:[އެބައިމީހުން ސިއްރުވެރި ގޮތެއްގައި ތަދުބީރުކޮށް ރޭވިއެވެ. އެބައިމީހުންގެ ރޭވުން ބާޠިލުކުރައްވައި الله عز وجل އެބައިމީހުންނަށް އެނގިގެން ނުވާގޮތެގައި ރޭވުމެއް ރޭއްވިއެވެ.]

އެއިލާހުގެ ޢަދާވާތްތެރީން ރޭވި ރޭވުން އެބައިމީހުންނަށް އެނގުމަކާއިނުލަިއ ބާޠިލުކުރެއްވުން ވަނީ މަދަޙަލިބުން ޙައްޤު ކަމެއްގެ ގޮތުގައެވެ.

އަދި މުނާފިޤުންނަށް އެބައިމީހުންގެ ކެހިވެރިކަން ރައްދު ކުރައްވައި ވަޙީ ކުރައްވާފައި ވެއެވެ.

﴿ إِنَّ الْمُنَافِقِينَ يُخَادِعُونَ اللَّهَ وَهُوَ خَادِعُهُمْ وَإِذَا قَامُوا إِلَى الصَّلَاةِ قَامُوا كُسَالَىٰ يُرَاءُونَ النَّاسَ وَلَا يَذْكُرُونَ اللَّهَ إِلَّا قَلِيلًا ﴾ (النساء: 142) މާނަ:[ހަމަކަށަވަރުން މުނާފިޤުން އިސްލާމްކަމާއި އަދި رسول الله ﷺ އަށް އެބައިމީހުން އެހީތެރިކަން ބަހައްޓާކަން ބޭރުފުށުން ދައްކައިގެން ކެހިވެރިގޮތުގައި އުޅުނެވެ. الله عز وجل އެބައިމީހުންނަށް އެބައިމީހުން ތިބިގޮތުގައި އުޅުމަށް ފުރުޞަތު ދެއްވިއެވެ. އޭގެފަހުގައި ޤިޔާމަތްދުވަހުން މުއުމިނުންނަށް ނޫރު ލިބުނުއިރު އެބައިމީހުންނަށްވެސް ނޫރު ދެއްވިއެވެ. އެކަމަކު ޞިރާޠުމަގު ހުރަސްކުރުމަށްޓަކައި އެނޫރުގެ ބޭނުން ޖެހުނުވަގުތު އެނޫރު އެމީހުންގެ ކިބައިން ގެއްލިގެން ހިނގައްޖެއެވެ. އެބައިމީހުން ދުނިޔެމަތީ ޢަމަލު ކުރިފަދައިން އޭގެ ބަދަލުގައި އެބައިމީހުންނަށް الله عز وجل ކެހިދެއްވިއެވެ. އެއީ އެބައިމީހުންނަށް އެއްވެސް އާރެއް ބާރެއް ނެތް ވަގުތުގައެވެ.]

ޖަހުމިއްޔާއާއި އެބައިމީހުންގެ މަގުން ހިނގާ މީހުން الله عز وجل ގެ މިޞިފަފުޅުތަކަށް އިންކާކު ކުރެއެވެ.

މަތީގައި ބަޔާން ކުރެވިފައިވާ الله عز وجل ގެ ޞިފަފުޅުތަކަށް އިދުރީސް އިންކާރު ކުރެއެވެ. ބަޔާންކުރެވިދިޔަ ޞިފަފުޅުތައް އެކި ޞިފަފުޅު ވަކިވަކިން ލިޔެ އެޞިފަފުޅުތަކަށް އިދުރީސް އިންކާރުކޮށްފައި ވެއެވެ. އަދި އެއީ އިލާހުވަންތަ ކަމުގެ ޞިފަތަކެއް ނޫންކަމަށްވެސް ސަރީޙަކޮށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ޞިފަފުޅުތަކަކީ الله عز وجل އެއިލާހުގެ ޛާތުފުޅަށް ކުރައްވާފައިވާ ޞިފަފުޅު ތަކެއްކަން ޤުރްއާނާއި ސުންނަތުން ސާބިތުވާން އެބަހުއްޓެވެ. އެޞިފަފުޅުތަކަށް އީމާންވުމަކީ ވާޖިބުކަމެކެވެ. އެޞިފަފުޅުތައް ވާރިދުވެފައިވާ ގޮތާއި ޚިލާފަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އެހެނީ الله عز وجل ގެ ޛާތުފުޅާއިމެދު އެއިލާހު އެންގެވި އެއްޗެއް މެނުވީ އެއިލާހުގެ އަޅުތަކުންގެ ތެރެއިން އެއްވެސް ފަރާތަކަށް އެނގިގެނެއް ނުވެއެވެ. އެއިލާހާއި މެދު ޢިލްމާއި ނުލައި ވާހަކަ ދެއްކުމުގެ ނުރައްކާ ވަރަށް ބޮޑެވެ.

އަބޫ ހުރައިރާ އަރިއަހުން ރިވާވެފައިވާ ހަދީޘެއްގައި ވެއެވެ. سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: ((كَانَ رَجُلَانِ فِي بَنِي إِسْرَائِيلَ مُتَوَاخِيَيْنِ فَكَانَ أَحَدُهُمَا يُذْنِبُ وَالْآخَرُ مُجْتَهِدٌ فِي الْعِبَادَةِ فَكَانَ لَا يَزَالُ الْمُجْتَهِدُ يَرَى الْآخَرَ عَلَى الذَّنْبِ فَيَقُولُ أَقْصِرْ فَوَجَدَهُ يَوْمًا عَلَى ذَنْبٍ فَقَالَ لَهُ أَقْصِرْ فَقَالَ خَلِّنِي وَرَبِّي أَبُعِثْتَ عَلَيَّ رَقِيبًا فَقَالَ وَاللَّهِ لَا يَغْفِرُ اللَّهُ لَكَ أَوْ لَا يُدْخِلُكَ اللَّهُ الْجَنَّةَ فَقَبَضَ أَرْوَاحَهُمَا فَاجْتَمَعَا عِنْدَ رَبِّ الْعَالَمِينَ فَقَالَ لِهَذَا الْمُجْتَهِدِ أَكُنْتَ بِي عَالِمًا أَوْ كُنْتَ عَلَى مَا فِي يَدِي قَادِرًا وَقَالَ لِلْمُذْنِبِ اذْهَبْ فَادْخُلْ الْجَنَّةَ بِرَحْمَتِي وَقَالَ لِلْآخَرِ اذْهَبُوا بِهِ إِلَى النَّارِ)) قَالَ أَبُو هُرَيْرَةَ: “وَالَّذِي نَفْسِي بِيَدِهِ لَتَكَلَّمَ بِكَلِمَةٍ أَوْبَقَتْ دُنْيَاهُ وَآخِرَتَهُ” (އަބޫދާވޫދު:4901) މި ޙަދީޘުގައި މިވަނީ ބަނީ އިސްރާއީލުގެ މީހުންގެ ތެރެއިން ހިމެނިގެންވާ ދެމީހެއްގެ ވާހަކައެވެ. އެކަކީ ފާފަ ކުރަމުންދިޔަ މީހެކެވެ. އަނެއް މީހާއަކީ އަޅުކަން ކުރުމުގައި ގަދައަޅައި އުޅުނު މީހެކެވެ. އަޅުވެރިޔާ ފާފަކުރަމުންދާ މީހާއަށް ފާފަތައް ދޫކޮށް އިޞްލާޙްވުމަށް ނަޞޭޙަތް ދެއެވެ. އެހެންނަމަވެސް ފާފަކުރާމީހާ ފާފަކުރުން ހުއްޓައެއް ނުލައެވެ. އެގޮތުގެ މަތިން ކަންތައް ދަނިކޮށް އެއްދުވަހު ފާފަ ކުރަމުންދާ މީހާ ފާފަކުރުމާއިގެން މަޝްޣޫލު ވެގެން ހުއްޓައި ފެނިގެން ދެކެވުނު ވާހަކައިގެ ތެރޭގައި އަޅުވެރިޔާ ބުނެފިއެވެ. الله ގަންދީ ބުނަމެވެ. الله عز وجل ކަލޭގެ ފާފަ ނުފުއްސަވާނެއެވެ. އެހިނދު އެދެމީހުންގެ ފުރާނަ ހިއްޕެވުމަށް ފަހު الله عز وجل ގެ ޙަޟްރަތަށް އެދެމީހުން ޙާޟިރު ކުރެވުނެވެ. އަދި އެ އަޅުވެރިޔާއަށް ވަޙީ ކުރެއްވިއެވެ. ކަލެއަށް ތިމަން الله އާއިމެދު އެނގޭހެއްޔެވެ؟ ނުވަތަ ތިމަން الله ގެ އަތްޕުޅުގައި ވާއެއްޗެއްގެ މައްޗަށް ކަލެއަށް ބާރެއް ލިބިގެން ވޭހެއްޔެވެ؟ އަދި ފާފަވެރިޔާއަށް ވަޙީ ކުރެއްވިއެވެ. ދާށެވެ. ގޮސް ތިމަން الله ގެ ރަޙްމަތްފުޅުން ސުވަރުގެއަށް ވަންނާށެވެ. އަޅުވެރިޔާއާއިމެދު ވަޙީ ކުރެއްވީ އޭނާ ނަރަކައަށް ގެންދިއުމަށެވެ. މިޙަދީޘުގައި އަބޫ ހުރައިރާ ވިދާޅުވެފައިވާ ބަސްފުޅުގެ މުރާދަކީ ބުނަން ނުޖެހޭ އެންމެ ބަހެއް ބުނުމުގެ ސަބަބުން އެމީހާގެ ދުނިޔެއާ އާޚިރަތް ބަރުބާދު ވެގެން ދިޔަ ވާހަކައެވެ. މި ޙަދީޘު ޞަޙީޙު މުސްލިމުގައި جُنْدُبُ އަރިއަހުން މިއަށްވުރެ ކުރުކޮށް ރިވާވެފައި ވެއެވެ. (މުސްލިމް:(2621))

ޖަހުމީ ފިކުރު ފަތުރާ ހުސައިން ރަޝިދު އަހުމަދު

މިހިރީ الله عز وجل އާއިމެދު ޢިލްމާއި ނުލައި ބުނެވުނު އެންމެ ބަހަކުން މީހަކު ހަލާކުވެގެން ދިޔަ ގޮތެވެ. ވީމާ އިދުރީސް ތި ދައްކާ ވާހަކަ ދޫކޮށް ތައުބާވެ الله عز وجل އަށް ރުޖޫޢަވުމަށް އަހުރެން އިދުރީސްއަށް ނަޞޭޙަތްތެރި ވަމެވެ.

الله عز وجل ގެ ޞިފަފުޅުތައް ނަފީކުރާ މީހުން ޢާންމުކޮށް ދައްކާ ބަހަނާއަކީ އެއިލާހުގެ ޞިފަފުޅު ތަކާއި މަޚްލޫގުންގެ ޞިފަތަކަށް އެއް ނަމެއް ކިޔުމަކީ ޚާލިޤާއި މަޚުލޫޤުން އެއްގޮތް ކުރުން ކަމުގައެވެ. އެބައިމީހުންގެ މިވާހަކައަކީ އެތައްގޮތަކުން ޟަޢީފު ނުވަތަ ބަލިކަށި ވާހަކައެކެވެ. އެހެނީ އެބައިމީހުން މަދިރީގެ ފަޔާއި އެތުގެފަޔާއި އެއްގޮތް ވެގެނެއް ނުއުޅެއެވެ. ދޭތީގެވެސް ހުންނަނީ ފަޔެވެ. އަދި ގޮނޑި މޭޒްފަދަ އެއްޗެތީގެ ފަޔާއި އިންސާނުންގެ ފަޔާއި އެއްނަމެއް ކިޔާތީ އެއްގޮތް ވެގެނެއް ނުއުޅެވެ. ހަމަ އެހެންމެ އޫރާ، ރާމާ މަކުނާއި އަދި ކުއްތާފަދަ މޫނު ހުތުރު އެއްޗެތީގެ މޫނާއި އިންސާނުންގެ މޫނާއި ނަން އެއްގޮތޭ ކިޔާފައި އެއްގޮތް ވެގެނެއް ނުއުޅެވެ. ވީމާ ބުއްދީގެ ގޮތުންވެސް އެމީހުންގެ ދަޢުވާ ބާޠިލެވެ. ދަލީލުގެ ގޮތުން ބަލާއިރު الله عز وجل އެއިލާހުގެ ޞިފަ ފުުޅުތައް ކަމުގައި ބަޔާން ކުރައްވާ ޞިފަތައް އިންސާނުންނަށް ނިސްބަތް ކުރައްވާފައި ވެއެވެ. މިކަން ޤުރްއާނުން ސާބިތެވެ. މިސާލަކަށް الله عز وجل އަށް ކަށިމަތިފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތެވެ. އަދި އިންސާނުންނަށްވެސް ކަށިމަތި ލިބިގެންވާކަން ކީރިތި ޤުރްއާނުގެ ނައްޞުން ސާބިތެވެ. އެއިލާހުގެ ވަޙީ ބަސްފުޅުގައި ވެއެވެ.

﴿ يَوْمَ يُكْشَفُ عَنْ سَاقٍ وَيُدْعَوْنَ إِلَى السُّجُودِ فَلَا يَسْتَطِيعُونَ ﴾ (القلم: 42) މާނަ:[ޤިޔާމަތްދުވަހުން الله عز وجل އެއިލާހު عز وجل ގެ ބަރަކާތްތެރިވެގެންވާ ކަށިމަތިފުޅު ޙަޤީޤީގޮތެއްގައި ކަޝްފުކުރައްވާނެއެވެ. އެއިލާހުގެ ކަށިމަތިފުޅު ވަނީ އެއްވެސް އެއްޗަކާއި އެއްގޮތްވުމަކާއި ނުލައި އެއިލާހުގެ މަތިވެރިވެގެންވާ ޛާތުފުޅާއި އެކަށޭނަފަދައަކުންނެވެ. މީސްތަކުންނަށް އެއިލާހަށް ސަޖިދަކުރުމަށް ގޮވާލެވޭނެއެވެ. އެހިނދު ދުނިޔެމަތީގައި ކިޔަމަންތެރިކަމާއިއެކު އެއިލާހަށް ސަޖިދަކޮށް އުޅުނު މުއުމިނުން ސަޖިދަކުރާނެއެވެ. އަދި މުނާފިޤުންނާއި ކުއްފާރުންގެ ބުރަކަށި ހުންނާނީ އެކަތިގަނޑެއްހެން ހަރުވެފައެވެ. އެބައިމީހުންނަކަށް ސަޖިދައެއް ނުކުރެވޭނެއެވެ.]

އިންސާނުންނަށް މިޞިފަ ލިބިގެންވާކަން އަންގަވައި ވަޙީ ކުރައްވާފައި ވެއެވެ.

﴿ وَالْتَفَّتِ السَّاقُ بِالسَّاقِ ﴾ (القيامة: 29) މާނަ:[އަދި މަރުގެ ސަކަރާތުގެ ތެރޭގައި އެއްކަށިމަތި އަނެއް ކަށިމަތީގެ މައްޗަށް އެއްލާލެވި އެކަތި އެނެކައްޗާއި ތަތްވެފައި އޮންނަހިނދެވެ.]

الله عز وجل އެއިލާހަށް އައްސަވައި ވޮޑިގަތުމާއި ބައްލަވއި ވޮޑިގަތުމުގެ ޞިފަފުޅު ވާކަން އަންގައިވައި ވަޙީ ބަސްފުޅުގައި ވެއެވެ.

﴿ إِنَّنِي مَعَكُمَا أَسْمَعُ وَأَرَىٰ ﴾ (طه: 46) މާނަ: [ހަމަކަށަވަރުން ތިމަން الله ތިޔަ ދެބޭކަލުންނަށް ނަޞްރުދެއްވުމާއި އަދި ތިޔަ ދެބޭކަލުންނަށް ވާގެވެރިވެ ދެއްވުމުގައި ތިޔަ ދެބޭކަލުންނާއިއެކު ތިމަން الله ވޮޑިގެންވަމެވެ. އަދި ތިމަން الله ތިޔަދެބޭކަލުންނާއި އަދި ފިރުޢައުނުގެ ބަސް އަޑުއައްސަވައި ވޮޑިގެންވަމެވެ. އަދި ތިމަން الله ތިޔަބައި ދެބޭކަލުން ތިއްބެވިތަނަށާއި އަދި ފިރުޢައުނު ހުރިތަނަށް ބައްލަވައި ވޮޑިގެންވަމެވެ.]

އަދިވެސް ވަޙީކުރައްވާފައި ވެއެވެ.

﴿ إِنَّ اللَّهَ هُوَ السَّمِيعُ الْبَصِيرُ ﴾ (غافر: 20) މާނަ:[ހަމަކަށަވަރުން އެއިލާހު ކައުނުގައިވާ ހުރިހައި އަޑުތަކެއް އައްސަވައި ވޮޑިގަންނަވައެވެ. އަދި ކައުނުގައިވާ ހުރިހައި އެއްޗަކަށް ބައްލަވައި ވޮޑިގަންނަވައެވެ.]

މި އާޔަތްތަކުންނާއި އަދި ޤުރުއާނުގެ ވަރަށް ގިނަ އާޔަތްތަކުން الله عز وجل އަކީ އައްސަވައި ވޮޑިގަންނަވާ އަދި ބައްލަވައި ވޮޑިގެންވާ އިލާހެއްކަން ސާބިތުވެ އެވެ. ހަމަ އެހެންމެ އެއިލާހުގެ މަޚުލޫގުންނަށްވެސް މި ދެ ޞިފަ ދެެއްވާފައި ވެއެވެ. އެއިލާހު ހެއްދެވި މަޚުލޫޤުންގެ ތެރެއިން ހިމެނިގެންވާ އިންސާނާއާއި މެދު ވަޙީކުރައްވާފައި ވެއެވެ.

﴿ إِنَّا خَلَقْنَا الْإِنْسَانَ مِنْ نُطْفَةٍ أَمْشَاجٍ نَبْتَلِيهِ فَجَعَلْنَاهُ سَمِيعًا بَصِيرًا ﴾ (الإنسان: 2) މާނަ: [ހަކަމަށަވަރުން ތިމަން الله އިންސާނާ އަންހެން ޖިންސާއި ފިރިހެން ޖިންސުގެ ކިބައިން ނަގުލުވާ ކުޑަކުޑަ ފެނުގެ ފޮދުވަރު އެކައްޗާއި އަނެކަތި މަސްހުނި ކުރައްވައި އޭގެ ފަހުގައި އެއްމަރުޙަލާ އަށްފަހު އަނެއް މަރުޙަލާއެއް ކަޑައްތުވުމަށްފަހު ތިމަން الله އޭނާ އިންސާނެއްގެ ސިފައިގައި ޚަލްޤުކުރައްވަމެވެ. އޭގެފަހުގައި ޝަރީޢަތުގައި އަމުރުކުރައްވާފައިވާ ކަންތަކާއި ނަހީކުރައްވާފައިވާ ކަންތައް މެދުވެރިކުރައްވައިގެން ތިމަން الله އޭނާ އިމްތިޙާނު ކުރައްވަމެވެ. އަދި ކިޔަމަންތެރިކަން އަދާކުރުމަށް ބޭނުންވާނެ ވަސީލަތްތައް އޭނާއަށް ތިމަން الله ދެއްވީމެވެ. އަދި އޭގެފަހުގައި އޭނާގެ މައްޗަށް ޙުއްޖަތު ޤާއިމުކުރެއްވުމުގެ ގޮތުން އޭނާއަކީ އަޑުއިވޭ އަދި ފެންނަ މީހެއްކަމުގައި ތިމަން الله ލެއްވީމެވެ.]

މި އާޔަތުން އިންސާނާ ހައްދަވާފައި ވަނީ އިވުމާއި ފެނުން ލައްވާފައި ކަން ސާބިތުވެއެވެ.

الله عز وجل އަށް އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ދެއަތްޕުޅު ވެއެވެ. އިބްލީސް އާއި މުޚާޠަބު ކުރައްވާ އެއިލާހުގެ ފޮތުގައި ވަޙީކުރައްވާފައި ވެއެވެ.

﴿ قَالَ يَا إِبْلِيسُ مَا مَنَعَكَ أَنْ تَسْجُدَ لِمَا خَلَقْتُ بِيَدَيَّ أَسْتَكْبَرْتَ أَمْ كُنْتَ مِنَ الْعَالِينَ ﴾ (ص: 75.) މާނަ:[އޭ އިބްލީސްއެވެ. ތިމަން الله ގެ ދެއަތްޕުޅު ހެއްދެވި އިންސާނާއަށް ސަޖިދަކުރުމުން ކަލޭ މަނާވެގަތީ ކޮންކަމަކާހެއްހެއްޔެވެ؟]

އަދިވެސް ވަޙީކުރައްވާފައި ވެއެވެ.

﴿ بَلْ يَدَاهُ مَبْسُوطَتَانِ يُنْفِقُ كَيْفَ يَشَاءُ ﴾ (المائدة: 64) މާނަ:[އެކަމަކު އެއިލާހުގެ ދެއަތްޕުޅު ވަނީ ފަތުރާލައްވާފައެވެ. އެއިލާހު އެދިވޮޑިގަންނަވާފަދައަކުން އެއިލާހު ހޭދަކުރައްވައެވެ.]

މި ދެ އާޔަތުން الله عز وجل އަށް އަތްޕުޅުގެ ޞިފަފުޅު އެއިލާހުގެ ޛާތުފުޅާއި އެކަށޭނަ ފަދައަކުން ވާކަން ސާބިތެވެ. ހަމަ އެހެންމެ އިންސާނާއަށްވެސް މިޞިފަ ލިބިގެންވާ ކަން ބަޔާންކުރައްވައި ވަޙީކުރައްވާފައި ވެއެވެ

﴿ ذَٰلِكَ بِمَا قَدَّمَتْ أَيْدِيكُمْ ﴾ (آل عمران: 182) މާނަ:[އެ ޢަޒާބާއި ޢުޤޫބާތަކީ އެބައިމީހުންގެ އަތްތަކުން ކުރިކަންތަކުގެ ނަތީޖާއެވެ.]

އަދިވެސް ވަޙީކުރައްވާފައި ވެއެވެ.

﴿ ذَٰلِكَ بِمَا قَدَّمَتْ يَدَاكَ ﴾ (الحج: 10) މާނަ:[އެ ޢުޤޫބާތަކީ ކަލޭގެ ދެއަތުން ކުރިކަންތަކުގެ ނަތީޖާއެވެ]

ޢަރުޝިޔަށް އިސްތަވާވެ ވޮޑިގަތުމާއިމެދު ވަޙީކުރައްވާފައި ވެއެވެ.

﴿ ثُمَّ اسْتَوَىٰ عَلَى الْعَرْشِ ﴾ (طه: 5) މާނަ:[ اسْتَوَىٰ ޢަރުޝީގެ މައްޗަށް އަރާވޮޑިގަތެވެ.]

ނޫޙުގެފާނުގެ ނަވާއި މެދު ވަޙީކުރައްވާފައި ވެއެވެ.

﴿ وَاسْتَوَتْ عَلَى الْجُودِيِّ ﴾ (هود: 44) މާނަ:[نُوحُގެ ނާކޮޅު ޖޫދު ފަރުބަދަމަތީގައި އެއްވެސް ޙަރަކާތެއްނެތި ސާބިތުވެ ހުރެއްޖެއެވެ.]

މިއާޔަތްތަކުގައި الله عز وجل އެއިލާހުގެ ޛާތުފުޅަށް ކުރައްވާފައިވާ ޞިފަފުޅުތައް އެއިލާހުގެ މަޚްލޫޤުންނަށް މިވަނީ ނިސްބަތް ކުރައްވާފައި ވެއެވެ.

الله عز وجل އެއިލާހުގެ ޞިފަފުޅު ތަކުގެ ތެރެއިން ބައެއް ޞިފަފުޅުތައް އެއިލާހުގެ މަޚުލޫޤުންނަށް ނިސްބަތް ކުރައްވާފައިވާއިރު އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވާކަން އަންގަވައި ވަޙީ ކުރައްވާފައި ވަނީ

﴿ لَيْسَ كَمِثْلِهِ شَيْءٌ وَهُوَ السَّمِيعُ الْبَصِيرُ ﴾ (الشورى: 11) މިފަދައިންނެވެ. މާނަ: [އެއިލާހުއާއި އެއްފަދަ އެއްވެސް އެއްޗެއް ނުވެއެވެ. އަދި އެއިލާހު އައްސަވައި ވޮޑިގަންނަވައެވެ. އަދި ބައްލަވައި ވޮޑިގަންނަވައެވެ.]

މިއާޔަތުގައި الله عز وجل އާއި އެއްފަދަ އެއްވެސް އެއްޗެއް ނުވާކަމަށް ވަޙީކުރައްވުމަށްފަހު އާޔަތް ނިންމަވާލައްވާފައިވަނީ އެއިލާހަށް އައްސަވައި ވޮޑިގަތުމާއި ބައްލަވައި ވޮޑިގަތުމުގެ ޞިފަފުޅު ސާބިތު ކުރައްވަމުންނެވެ. މި އާޔަތަކީ الله عز وجل އެހެން ފަރާތްތަކާއި އެއްގޮތްކުރާ މީހުންނާއި އަދި އެއިލާހުގެ ސިފަފުޅުތައް ނަފީކުރާ މީހުންނާއި ދެކޮޅަށް ހުރި އެބައިމީހުންގެ މައިބަދަ ފުނޑުފުނޑު ވެގެންދާ ވަރުގެ ވަރުގަދަ ޙުއްޖަތެކެވެ. އަދި އެބައިމީހުންނަކީ އެއްވެސް ޙުއްޖަތެއް ނެތި ހަވާނަފުސަށް ތަބަޢަވެގެން އުޅޭ ފިތުނަވެރި ބަޔެއްކަމަށް ހުރި ވަރުގަދަ ދަލީލެކެވެ. އެހެނީ އެ އާޔަތުގައި އެއިލާހާއި އެއްފަދަ އެއްވެސް އެއްޗެއް ނުވާކަން ބަޔާންކުރެއްވުމަށް ފަހު ހަމަ އެއާޔަތުގައި އެއިލާހުގެ މަޚުލޫޤުންނަ އެއިލާހު ކުރައްވާފައިވާ ސިފަތަކުގެ ތެރެއިން ދެސިފަފުޅު އެއިލާހުގެ ޛާތުފުޅަށް ސާބިތުކުރައްވާފައިވުމަކީ އެއް ނަމެއް ކިއުމަކުން އެއްގޮތްވުން ލާޒިމު ނޫން ކަމުގެމައްޗަށްވާ ވަރުގަދަ ބުރުހާނެކެވެ. ވިސްނުމުގެ އަހުލުވެރި ބަޔަކު މިކަމަކަށް އިންކާރެއް ނުކުރާނެއެވެ.

ޖަހުމިއްޔާ އާއި، މުޢުތަޒިލާއާއި، އަޝްޢަރީންނާއި އަދި އެމީހުންގެ މަގުން ހިނގާ މީހުން އެބައިމީހުންގެ ޙުއްޖަތު ގާއިމުކުރުމުގެ ގޮތުން ދަލީލަކަށް ގެންނަނީ ވެސް ހަމަ ﴿ لَيْسَ كَمِثْلِهِ شَيْءٌ ﴾ މިއާޔަތެވެ. މިބައިމީހުން ޙުއްޖަތެއްކަމުގައި މި އާޔަތް ގެންނަނީ ޢިލްމީ ގޮތުންނާއި ވިސްނުމުގެ ގޮތުން ތަންކޮޅެއް ފަހަތުގައި ތިބޭ މީހުންގެ މެދުގައި ޙައްޤުގެ ބަދަލުގައި ބާޠިލު ފެތުރުމުގެ ގަސްތުގައި އެބޭނުމުގައެވެ. އެއީ ޙައްޤައް ތަބަޢަވާ މީހުން الله عز وجل ގެ ފޮތުންނާއި އަދި އެއިލާހުގެ ނަބިއްޔާ ﷺ ގެ ސުންނަތުން ސާބިތުވާ އެއިލާހުގެ ޞިފަފުޅުތަކުގެ ވާހަކަ ދެއްކުމުން މި އާޔަތް ޙުއްޖަތަކަށް ގެނެސް ޚާލިޤާއި މަޚްލޫޤުން އެއްފަދަ ކުރަނީކަމަށް ހީކުރުވައި މީސްތަކުން ފަސާދަ ކުރުމުގެ ބޭނުމުގައެވެ. އެހެން ނޫންނަމަ އަޅުގަނޑުމެންގެ ރައްބާއި އަޅުގަނޑުމެންނާއި އެއްގޮތް ކަމަށް ބުނާ ބަޔަކު އެބައުޅޭ ހެއްޔެވެ؟ އެގޮތަށް ބުނެވޭނީ ކާކަށް ހެއްޔެވެ. الله عز وجل ގެ ޛާތުފުޅު ދުށްމީހަކު އެބަހުރިހެއްޔެވެ؟ ނުފެންނަ ފަރާތެއްގެ ޞިފަތައް ތަޞައްވަރު ކުރާނީ ކޮންފަދައަކުން ހެއްޔެވެ؟

އިސްލާމީ ޞައްޙަ ޢަޤީދާ ދިފާޢު ކުރުމަށް މަސަތްކަތް ކުރުމަކީ އެކަމުގެ ޤާބިލުކަން ލިބިގެންވާ ކޮންމެ މީހެއްގެ މައްޗަށްވާ ބޮޑުވެގެންވާ ވާޖިބެކެވެ. ވީމާ މިމައްސަލަ މީސްތަކުންނަށް ރަނގަޅަށް އޮޅުންފިލުވައިދީ ޝައިޚު އިދުރީސް ފަތުރަމުންދާ ބާޠިލު ޢަޤީދާ މީސްތަކުންނަށް ސާފުކޮށް ބަޔާންކޮށްދިނުމަށް މިކަމުގެ ޤާބިލުކަން ހުރި ކޮންމެ މީހަކައްމެ އަޅުގަނޑު ގޮވާލަމެވެ. ސަބަބަކީ މައްސަލައިގެ ނުރައްކާތެރިކަމުގެ ބޮޑުކަމުންނެވެ. އެހެނީ މީހެއްގެ ޢަޤީދާ ފާސިދު ވެއްޖެނަމަ އޭނާ ކުރާ ޢަމަލަކުން ކުރާނެ ފައިދާއެއް ނޮއޮންނާނެއެވެ. އެކަމަކު އެމީހެއްގެ ޢަޤީދާ ސަލާމަތުން ހުރެއްޖެނަމަ އޭނާގެ ހެޔޮ ޢަމަލުތައް މަދުވިކަމުގައި ވިޔަސް އަދި އޭނާއަށް ފާފަތަކަށް އަރައިގަނެވިފައި އޮތްނަމަވެސް ޢަޤީދާ ފާސިދު މީހާއަށްވުރެ އޭނާގެ ހެޔޮކަން ބޮޑުވެގެން ވެއެވެ.

އިދުރީސް ޙުސައިން ނެރެފައިވާ އެބަޔާނަކީ ޢިލްމު މަދުމީހުންނަށް އޮޅުން އަރައި އެބައިމީހުން ތިބި ގޮތާއިމެދު ޝައްކު އުފެދިދާނެފަދަ ބަޔާނެކެވެ. އަދި ހަމަ އެހެންމެ އެބަޔާނުގައި ހަތަރު އިމާމުންނަށާއި މިއުންމަތުގެ ސަލަފުންނަށް ނިސްބަތްކޮށް ބުނެފައިވާ އެއްޗަކީ ޙަޤީޤަތް އޮޅުވާލުމަށް ޓަކައި ލިޔެފައިވާ ބުހުތާން ދޮގުތަކެކެވެ. އަދި އިމާމު މާލިކު ވިދާޅުވެފައިވާ ބަސްފުޅު ތަރުޖަމާކޮށްފައިވަނީ ނުބައި ކޮންނެވެ. އިދުރީސް ޙުސައިންގެ މިބަސްތަކުން ސާބިތުވަނީ އިދުރީސް ޙުސައިންގެ ބާޠިލު ޢަޤީދާ މީސްތަކުންގެ މެދުގައި ފެތުރުމަށް ހުރި ޝައުޤުވެރި ކަމުގެ ބޮޑުކަމެކެވެ.

މިފަހަކަށް އައިސް ޝައިޚު އިދުރީސްގެ ކިބައިން ފެންނަމުން މިދަނީ ޙައިރާންވާފަދަ ކަންތަކެކެވެ. ތަންކޮޅެއް ކުރީގައި މަސައްކަތް ކޮށްފައިވަނީ رسول الله ﷺ ގެ ސުންނަތާއިމެދު މީސްތަކުންގެ މެދުގައި ޝައްކު އުފެއްދުމަށެވެ. އެގޮތުން އިދުރީސްގެ ބަސް ޤަބޫލު ކުރާ ބައެއް މީހުން رسول ﷺ ގެ ސުންނަތް މިހާރުވަނީ އޮޅުން ބޮޅުންވެފައި ކަމާއި އަދި ޙަދީޘު ފޮތްތައް ވަނީ އޮޅުވާލާފައި ކަމަށް ވާހަކަ ދައްކައި މީސްތަކުންގެ މެދުގައި ޝައްކު އުފައްދަން މަސައްކަތް ކޮށްފައިވެއެވެ.

އޭގެ ފަހުގައި [ކިތާބުއް ތައުޙިއްދު] ގެނަމުގައި ފޮތެއް ލިޔެ އެފޮތް މިސްތަކުންގެ ތެރޭގައި ފަތުރަމުން ދިޔައެވެ. އެފޮތަކީ الله عز وجل ގެ ޞިފަފުޅުތަކަށް އިންކާރު ކުރަމުންދާ ޖަހުމިއްޔާއާއި، މުޢުތަޒިލާއާއި، އަޝްޢަރީންނާއި، މާތުރީދިއްޔާ އާއި އަދި މިނޫންވެސް މިފަދަ ބާޠިލު ޢަޤީދާތަކުގެ އަހުލުވެރީންގެ ޢަޤީދާގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ބާޠިލު ފޮތެކެވެ. އަދި އެވަރަކުންވެސް ފުދުނީކީ ނޫނެވެ.

ޝައިޚު އަލްބާނީ رحمه الله އަށް ނިސްބަތްކޮށް ޙައްްޤު ނޫން އެތައް އެއްޗެއް ލިޔެ މީސްތަކުންގެ މެދުގައި ފެތުރުމަށް މަސައްކަތް ކޮށްފައި ވެއެވެ. އެހެންނޫނަމަ ޝައިޚު އަލްބާނީއާ އިދުރީސާއި ދެމެދުގައި ޢަދާވާތްތެރިކަން އުފެދެން ޖެހޭ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުވިސްނެއެވެ. ހަމަ އެކަނި އަޅުގަނޑަށް ފެނުނު ކަމަކީ އަލްބާނީއަކީ މިފަހަކަށް އައިސް އުފެދުނު ޙަދީޘު ޢިލްމަށް އެންމެ ބޮޑު ޚިދުމަތް ކޮށް ދެއްވާފައިވާ ޙަދީޘު ޢިލްމުގެ ވަރުގަދަ އިމާމަކު ކަމުގައި ވީކަމެވެ. ވީމާ ޙަދީޘައް ކުރާ ނަފުރަތު އަލްބާނީއަށް އަމާޒުކުރެވުނީއެވެ. އަދި އެވަރަކުން ނިމުނީކީ ނޫނެވެ. ސުންނަތަށް މީހަކު އުޅެން ފަށައިފިނަމަ އެމީހަކާއި ދިމާކޮށް، އެމީހަކާއި ދެކޮޅަށް އަޑު އުފުލުމަކީ މިފަހަކަށް އައިސް އިދުރީސްގެ އާދައެކެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެކެވެ. އިދުރީސް ދެކޭ ގޮތުގައި އިދުރީސް އެހުރި ގޮތާއި ޚިލާފަށް އުޅޭ ކޮންމެ މީހަކީ މަގުފުރެދިފައިވާ މީހެކެވެ. އަޅުގަނޑު ދަންނަވާނީ އިދުރީސް ތިދައްކާ ވާހަކައަކީ ޙަޤީޤީ ވާހަކައެއް ނަމަ ޤުރްއާނާއި ސުންނަތުން ދަލީލު ގެނެސް އެކަން ހާމަކޮށް ދޭށެވެ. ދަލީލު ނުގެވޭނަމަ އިދުރީސް ތިކުރާ ބާޠިލު ދަޢުވާ ދޫކޮށް ތައުބާވުމަށް އިދުރީސަށް އަހުރެން ނަޞޭޙަތްތެރި ވަމެވެ.

ޢިލްމީ ދާއިރާގައި ޙަރަކާތްތެރިވާ ވަރަށް ގިނަ މީހުން އިދުރީސްގެ މިޢަމަލާއިމެދު ކަންބޮޑުވެގެން ވާހަކަ ދައްކައެވެ. އަދި ބައެއް އަޚުން މިމައްސަލައާއި މެދު މީސްތަކުން ހޭލުންތެރި ކުރުވުމުގެ ގޮތުން ބައެއް ލިއުންތައް ލިޔެފައިވާކަން އަޅުގަނޑު ފާހަނގަ ކުރަމެވެ. އެހެންނަމަވެސް މިކަމުގައި ޙަރަކާތްތެރިވާން ޖެހޭވަރަށް ޙަރަކާތްތެރި ވެވިފައެއް ނުވެއެވެ. އަޅުގަނޑަށް ހީވާ ގޮތުގައި މިހެން ވާންޖެހުނު ސަބަބަކީ އިދުރީސްގެ ކިބައިން ކުރީގައި ފެނިފައިވާ ބައެއް އިޞްލާޙީ ކަންތަކާއި ހުރެއެވެ. މީސްތަކުންގެ މެދުގައި އިދުރީސް މަޝްހޫރުވެފައިވާތީ އިދުރީސްގެ މިޢަމަލުގެ ވާހަކަ ފުޅާ ދާއިރާއެއްގައި ދައްކަން ފަސް ޖެހެނީއެވެ. އެކަމަކު އަޅުގަނޑު ދަންނަވާނީ މީހަކަށް ކިތަންމެ ވަރަކަށް އިޙުތިރާމު ކުރިޔަސް އިސްލާމް ދީނަށްވުރެ ބޮޑަށް މީސްތަކުންގެ ތެރެއިން އެއްވެސް މީހަކަށް އިޙުތިރާމު ކޮށްގެން ނުވާނެ ކަމުގައެވެ. އެހެނީ ދީނަށް ކުރާ ޤަދަރަށް ވުރެ އެހެން ފަރާތަކަށް ކުރާ ޤަދަރު ބޮޑުވެއްޖެނަމަ އެމީހެއްގެ އީމާންކަން އުނިވެގެން ދާނެއެވެ. ނުވަތަ މުޅިން ނެތިގެން ހިނގައިދާނެއެވެ.

ސުންނަތުގެ އަހުލުވެރީން މިފަދަ ބާޠިލު ޢަޤީދާ ގެންގުޅޭ މީހުންނާއި ކުރިމަތި ލަނީ ޖާހިލުކަމުގެ ތެރޭގައި ތިބެގެނެއް ނޫނެވެ. އެކަމަކު އެބައި މީހުން ވާހަކަދައްކަނީ الله عز وجل ގެ ވަޙީ ބަސްފުޅާއި، މާތް ނަބިއްޔާ ﷺ ގެ ސުންނަތުން ދަލީލު ލިބިގެން އެދަލީލު ތަކުގެ މައްޗަށް ބިނާކޮށްގެންނެވެ. އެކަމަކު ހަވާ ނަފުސުގެ އަހުލުވެރީން އަބަދުވެސް ދަލީލު ގެންނާނީ އެބައިމީހުންގެ ފާސިދު ވިސްނުމުންނެވެ.

ތަޢުޠީލުގެ އަހުލުވެރީން ދަނީ الله عز وجل ގެ ޞިފަފުޅުތައް ނަފީކޮށް އެބައި މީހުންގެ ދުނިޔެއާއި އާޚިރަތް ބަރުބާދުވާފަދަ ވާހަކަ ދައްކަމުންނެވެ. އަޅުގަނޑުގެ ދުޢާ އަކީ އެބައި މީހުންގެ ލޯތަކަށް ޙައްޤު ކަޝްފުވެ الله عز وجل ގެ އިސްމު ފުޅުތަކާއި ޞިފަފުޅުތަކަށް އީމާންވުން ޙައްޤު ގޮތުގައި އީމާންވެގެން ތިބި ބައެއްކަމުގައި ވުމުގެ ހެޔޮ ތައުފީޤު އެބައިމީހުންނަށް މިންވަރު ކުރެއްވުމެވެ. والحمد لله رب العامين وصلى الله على نبينا محمد وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين (ހުސައިންގެ ބަސްކޮޅު ނިމުނީއެވެ.)

ޖަހުމިއްޔާ ފިކުރު ފަތުރާ ދެ މީހުން
މީނަކައިރީ ޤުރުއާން ފުރިހަމަ ނޫންކަން ބުނާ ރާފިޟިންނަކީ ވެސް އިސްލާމުން ހެއްޔެެވެ؟ މީނާގެ މި ވާހަކައަކީ ދިވެހި ދަޥްލަތުގެ ދީނާވެސް ޚިލާފު ވާހަކައެކެވެ.

ނިންމުމުގެ ބަސް: ޙައްޤުގެ މަގަށް ރުޖޫޢަވުމަށް ގޮވާލުން

ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާގެ މަތިވެރިވެގެންވާ ޛާތުފުޅާއި ޞިފަފުޅުތަކާމެދު އަމިއްލަ ސިކުނޑީގެ ނުކުޅެދޭ ވިސްނުމާއި ފަލްސަފާއަށް ތަބާވެ، އެއަށް އިންކާރުކުރުމަކީ ކުޑަކުޑަ ކަމެއް ކަމުގައި ހީނުކުރާށެވެ. އެއީ އިސްލާމީ ޢަޤީދާގެ މައިބަދަ ފުނޑުފުނޑުކޮށްލާ، އިންސާނާ ދީނުގެ ދާއިރާއިން ބޭރުކޮށްލާފަދަ ނުރައްކާތެރި އަމަލެކެވެ. މިއީ ސީދާވެގެންވާ ތެދުމަގާއި، ކުފުރާއި ޒަންދަޤައިގެ މަގުފުރެދުމާ ދެމެދުގައިވާ ފަރަގެވެ.

ޙުސައިން ރަޝީދު އަޙުމަދާއި، އިދްރީސް ޙުސައިން އަދި މިފަދަ ޖަހުމީ ބާޠިލު ފިކުރުތައް ފަތުރާ އެންމެހާ ފަރާތްތަކަށް އަޅުގަނޑު ގޮވާލަނީ، ﷲ އަށް ތަޤުވާވެރިވެ ބިރުވެތިވުމަށެވެ. ﷲ ގެ އާޔަތްތައް އޮޅުވާލައި، ރަސޫލާ ﷺ ގެ ސުންނަތަށް ފުރައްސާރަކޮށް، ސަލަފުއްޞާލިޙުންގެ އިޖުމާޢު މުގުރާލުމަށް ތިޔަ ކުރާ މަސައްކަތަކީ ދުނިޔެއާއި އާޚިރަތުގެ ހަލާކެވެ. މަރުގެ މަލާއިކަތާ އައިސް ފުރާނަ ހިއްޕެވުމުގެ ކުރިން، ތިޔަ ފަތުރާ ތަޢުޠީލާއި ތަޙްރީފުގެ މަގުން އެނބުރި، ޙައްޤަށް ރުޖޫޢަވެ ޚާލިޞް ތައުބާއަކުން ތައުބާވާށެވެ. ﷲ ގެ ޢަޛާބާއި ކޯފާއަށްވުރެ ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތައް ގަދަފަދަވެގެން ނުވެއެވެ.

ދިވެހިރާއްޖޭގެ ޢިލްމުވެރިންނާއި، ކަމާބެހޭ މުއައްސަސާތަކާއި، ދައުލަތުގެ ވެރިން ކިބައިން އިޚްލާޞްތެރިކަމާއެކު އެދެނީ، ދިވެހި ރައްޔިތުންގެ ޒަމާންވީ ސާފު އިސްލާމީ ޢަޤީދާ ޙިމާޔަތްކޮށްދެއްވުމަށެވެ. މުޖުތަމަޢުގެ ތެރޭގައި ދީނީ ޚިލާފުތައް އުފައްދައި، ﷲ ގެ ޞިފަފުޅުތަކަށް އިންކާރުކުރާ މިފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުންނާއި ޝަރުޢީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެއްވެސް ފަސްޖެހުމެއްނެތި އެޅުމަކީ މިއަދު އެންމެންގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެކެވެ. ބާޠިލުގެ އަހުލުވެރިން އެމީހުންގެ ބާޠިލު ފެތުރުމުގައި ރޭގަނޑާއި ދުވާލު ހޭދަކުރާއިރު، ޙައްޤުގެ އަހުލުވެރިން ހަނުތިބުމަކީ ދީނަށް ދެވޭ އެންމެ ބޮޑު ނިކަމެތިކަމެވެ.

އަޅަމެންނީ ޤުރުއާނާއި ސުންނަތުގައި، ޞަޙާބީންނާއި ތާބިޢީންނާއި އަދި ސަލަފުއްޞާލިޙުންގެ ފަހުމާ އެއްގޮތަށް ބާރުކޮށް ހިފަހައްޓައިގެން ތިބޭ ބަޔަކު ކަމުގައި ލައްވާށިއެވެ! ބިދުޢަތަކާއި މަގުފުރެދުންތަކުން އަޅަމެންގެ ހިތްތައް ސަލާމަތްކުރައްވާށިއެވެ! އަދި ޙައްޤަކީ ޙައްޤުކަން އަޅަމެންނަށް ދައްކަވައި، އެއަށް ތަބާވުމުގެ ތައުފީޤު ދެއްވާށިއެވެ! އަދި ބާޠިލަކީ ބާޠިލުކަން ދައްކަވައި، އެއިން ދުރުހެލިވުމުގެ ތައުފީޤު އަޅަމެން އެންމެނަށް ދެއްވާށިއެވެ! އާމީން.

وَصَلَّى اللَّهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالْحَمْدُ لِلَّهِ رَبِّ الْعَالَمِينَ.

ލިޔުނީ އިސްމާޢީލް ބިން ރަފީޤު މުޙައްމަދު
Scroll to Top