﷽
وَبِهِ نَسْتَعِينُ، وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِ الْعَلِيِّ الْعَظِيمِ
އާޔަތުއްޝައިތާން ޚުމައިނީ: މަރުވެފައިވާ މީހުންނާއި، ހިލައާއި މަށީގެ ކިބައިން މަދަދަށް އެދުމަކީ ޝިރުކެއް ނޫން ކަމަށް ބުނުން
މިއަދު އަޅުގަނޑުމެންގެ ތެރެއަށް ދީނުގެ ފޭރާން ލައިގެން ތިބި ބަޔަކު ފާޅުވެއްޖެއެވެ. ސުންނަތަށް އުޅޭކަމަށް ބުނާ ބައެކެވެ. ޞަލަފުއްޞާލިހުންނަށް ތަބަޢަވާންކަމަށް ބުނާ ބައެކެވެ. އެބަޔަކު ދަޢުވާކުރާ ގޮތުގައި އިރާނުގެ މުޝްރިކު މަޖޫސީ ބުދުތަކާއި މައްޔިތުންނާއި އިމާމުންނާއި ސޯލިހުންނަށް އަޅުކަންކުރާ ޢިރާނުގެ ދަޥްލަތަކީ އެއީ އިސްލާމުންނާއި އެންމެ ގާތް ކައިރި ބަޔަކު ކަމުގައި ބުނެ އިސްލާމުން އެބަ އޮޅުވާލައެވެ. މުސްލިމުން ކައިރީ އަޤީދާގެ ވާހަކަ ނުދައްކަން އެބަބުނެއެވެ. މިވަގުތަށް މުހިންމީ އެއްބައިވުން ކަމުގައި ބުނެއެވެ. އަޤީދާ އެއްފަރާތްކޮށްލާފައި، ހެޔޮކަންތަކަށް ޢަމުރުކޮށް ނުބައިކަންތައް ނަހީކުރުން ޒައިނިސްޓު ޔަހޫދީން ދޫކޮށްލި ފަދައިން ދޫކޮށްލުމަށް އެބަބުނެއެވެ. މިއީ ކިހާބޮޑަށް ޔަހޫދީނަށް ތަބަޢަވެފައިވާ ތަބަޢަވުމެއް ތޯއެވެ؟ މިއަށްވުރެ ޔަހޫދީ ދީނުގެ، އެމީހުން ތަބަޢަވާ ގޮތުގެ ބުނުމެއްވާނެ ހެއްޔެވެ؟ އަޅެބަޔަކު އަޖައިބުވެ އަންތަރީސް ނުވޭ ހެއްޔެވެ؟ މިއީ އިސްލާމުން، ސުންނަތަށް، ޞަލަފުއްޞާލިހުންނަށް، ޢަދުލު އިންސާފަށް ނިޞްބަތްވާނެ ބަޔަކު ދައްކާނެ ވާހަކަތަކެއް ހެއްޔެވެ؟
ﷲ ތަޢާލާ އެއްބައިވުމަށް އަމުރުކޮށްފަ އޮތީ ﷲ ގެ ވާފަށުގަ ހިފަހައްޓާށެވެ. ﴿ وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ ١٠٣﴾ [ آل عمران: 103]
“އަދި ތިޔަބައިމީހުން އެންމެން އެކުގައި، ﷲ ގެ ވާފަށުގައި (އެބަހީ: ތަޥްޙީދާއި ސުންނަތާއި ދީނުގައި) ހިފަހައްޓާށެވެ. އަދި ބައިބައިވެނުގަންނާށެވެ. އަދި ﷲ ތިޔަބައިމީހުންނަށް ދެއްވި ނިއުމަތް ތިޔަބައިމީހުން ހަނދުމަކުރާށެވެ. އެހެނީ. ތިޔަބައިމީހުން އަދާވާތްތެރިން ކަމުގައިވަނިކޮށް، އެ އިލާހު ތިޔަބައިމީހުންގެ ހިތްތައް އެކުވެރި ކުރެއްވިއެވެ. ދެން އެ އިލާހު ދެއްވި ނިއުމަތުގެ ސަބަބުން ތިޔަބައިމީހުންނީ އަޚުންތަކެއް ކަމުގައި ވެއްޖައީމުއެވެ. އަދި ތިޔަބައިމީހުން ނަރަކައިގެ ވަޅުގަނޑެއްގެ ތުންފަތްމަތީގައި ވީމުއެވެ. ދެން އެ އިލާހު ތިޔަބައިމީހުން އެއިން ސަލާމަތްކުރެއްވިއެވެ. އެފަދައިން ﷲ، އެ އިލާހުގެ އާޔަތްތައް ތިޔަބައިމީހުންނަށް ބަޔާން ކޮށްދެއްވަނީ، ތިޔަބައިމީހުންނަށް ހިދާޔަތް ލިބޭތޯއެވެ.”
ﷲ ގެ ޙަބްލަކީ ތަޥްޙީދެވެ. މުސްލިމުން އެއްބައިވާންޖެހެނީ އެތައުޙީދުގެ މައްޗަށެވެ. އެންމެހާ ރަސޫލު ބޭކަލުންނާ ނަބިއްޔުން އެކަމަކާއިގެން ފޮނުވި އެއްޗަކީ އެއީއެވެ. މުސްލިމުން އެބައިވާން ޖެހެނީ އިސްލާމް ދީނުގެ އިއުތިޤާދުގެ މައްޗަށް ޤުރުއާނާއި ސުންނަތުގެ މައްޗަށް، ސުންނަތުގެ އަޤީދާގެ މައްޗަށެވެ. އެއާ ޚިލާފު އެއްބައިވުމެއް ﷲ ތަޢާލާ އިސްލާމުންނަށް އަމުރުކޮށްފައިނުވެއެވެ. ސިޔާސީ ބޭނުމުގައި، އަމިއްލަ އެދުންތަކަށް ދީން އެއްފަރާތްކޮށް އެބައިވުމަކަށް ﷲ ތަޢާލާ އަމުރުކޮށްފައިނުވެއެވެ. ﷲ ތަޢާލާ އަމުރުކޮށްފައިވަނީ ތަޥްޙިދުގެ މައްޗަށް އެ އަމުރުގެ މައްޗަށް އެބައިވުމަށެވެ. އެއީ އެއަމުރަކަށްޓަކާ ސުވަރުގެއާއި ނަރަކަ ހެއްދުވުނު ޢަމުރެވެ. އަބާއްޖަވެރިނާއި ބާއްޖަވެރިން ކަޑައެޅުވި އަމުރެވެ. މީޒާނާއި ތިލަފަތާއި ފަތްފުށްތަކަށް ގެނެވުނު އަމުރެވެ. އެއަމުރަކަށްޓަކާ އުޑުތަކާއި ބިން ހެއްދެވުނު ޢަމުރެވެ. އަދި އެއަމުރަކަށްޓަކާ ތިބާވެސް ޚަލްޤުކުރެއްވުމުނު އަމުރެވެ.
ޒައިނިސްޓުން ފަލަޞްތީނު ހިފުމަށްވުރެ، މުސްލިމުން އަޅުކަން ކުރަން ޖެހޭ މަތިވެރި ރައްބު، އަޅުކަމުގައި އެއްކައުވަންތަ ނުކުރާ ކަމުގައިވާނަމަ، މިއީ މުސްލިމުންނަށް ޖެހިފަ އޮތް މާ ބޮޑު މުޞީބާތެކެވެ. މުސްލިމުން އެބައިމީހުންގެ ދީން އެއްފަރާތަށް ޖައްސާލުމަކީ މުސްލިމުންނަށް ޖެހިފަ އޮތް މާބޮޑު މުޞީބާތެކެވެ. މުސްލިމުން ސުންނަތާ ޖަމާޢަތުގެ އިއުތިޤާދު، ހަދީޘްގެ އަޞްހާބުންގެ އަޤީދާއިން އެއްކިބާވުމަކީ މާ ބޮޑު މުޞީބާތެކެވެ. މުސްލިމުން ބިދުޢަވެރި ސުންނަތާ ޖަމާޢަތާ ދެކޮޅު ކާފަރު މުލްޙިދު ޒިންދީޤު ފިކުރަށް ތާޢީދު ކުރުމަކީ މާބޮޑު މުޞީބާތެކެވެ. ބައެއް މީހުންނަށް ހީވާގޮތުން ޝިރުކަކީ އެމެރިކާ އާއި އިޒްރޭލުން ފަލަސްޠީނު ހިފާ މުސްލިމު ބިންތައް ހިފުމެވެ. ކާފަރުން މުސްލިމުންގެ މައްޗަށް ބާރުވެރިވެގެން އުޅެނީ މި ތަޥްޙީދުގެ އަމުރާ ޚިލާފުވުމުން ﷲ ތަޢާލާ މުސްލިމުންނަށް ދެއްވި އުޤޫބާތެއް ކަން އެމީހުންނަށް ނޭނގެއެވެ. މުސްލިމުން އަނިޔާވެރިވުމުން، ތަޢުޙީދާއި ސުންނަތުގެ އަމުރާއި ޚިލާފުވުމުން ﷲ ތަޢާލާ ކާފަރުން މުސްލިމުންގެ މައްޗަށް ވެރި ކުރެއްވީއެވެ. އެތަޢުޙީދުގެ އަމުރެއްގެ މައްޗަށް ﷲ ތަޢާލާ މުސްލިމުންނަށް ބާރުދެއްވައެވެ.
﴿ وَعَدَ اللَّهُ الَّذِينَ آمَنُوا مِنكُمْ وَعَمِلُوا الصَّالِحَاتِ لَيَسْتَخْلِفَنَّهُمْ فِي الْأَرْضِ كَمَا اسْتَخْلَفَ الَّذِينَ مِن قَبْلِهِمْ وَلَيُمَكِّنَنَّ لَهُمْ دِينَهُمُ الَّذِي ارْتَضَىٰ لَهُمْ وَلَيُبَدِّلَنَّهُم مِّن بَعْدِ خَوْفِهِمْ أَمْنًا ۚ يَعْبُدُونَنِي لَا يُشْرِكُونَ بِي شَيْئًا ۚ وَمَن كَفَرَ بَعْدَ ذَٰلِكَ فَأُولَٰئِكَ هُمُ الْفَاسِقُونَ﴾ [ النور: 55]
“ކަލޭމެންގެ ތެރެއިން އީމާންވެގެން صالح عمل ކުރިމީހުން ބިމުގައި خَلِيْفَة ވެރިކުރުވާނެކަމަށް ﷲ (ކަލޭމެނަށް) وعد ކުރެއްވިއެވެ. އެއީ އިސްވެދިޔަ އެބާވަތުގެ މީހުންވެސް ބިމުގައި خليفة ވެރިކުރެއްވިފަދައިންނެވެ. އަދި އެމީހުންނަށްޓަކައި ﷲ ރުހިވޮޑިގަންނަވާ دين އެމީހުންނަށް އެކަލާނގެ ހަމަޖައްސަވައިދެއްވައި އަދި އެމީހުން ބިރުވެރިކަމަށްފަހު އަމާންކަމަށް އެކަލާނގެ އެމީހުން ބަދަލުކުރައްވާހުއްޓެވެ. އެއީ އެމީހުން ތިމަންރަސްކަލާނގެއަށް އަޅުކަންކޮށް އަދި ތިމަންރަސްކަލާނގެއާއި އެކައްޗަކާވެސް شريك ނުކޮށްތިބޭ حال ގައެވެ. އަދި އޭގެފަހުގައި ކާފަރުވެއްޖެ މީހުން ދަންނައެވެ. ކަނޑައެޅިގެން އެމީހުންނަކީ فاسق ންނެވެ. ކިޔަމަނުން ނުކުމެގެންވާ މީހުންނެވެ.”
ﷲ ވަޙީކުރެއްވިއެވެ. ﴿وَكَذَٰلِكَ نُوَلِّي بَعْضَ الظَّالِمِينَ بَعْضًا بِمَا كَانُوا يَكْسِبُونَ﴾ [الأنعام: 129] ﴿ހަމައެފަދައިން އެއުރެން ހޯދައިގަތް ކަމުގައިވީ ކަންތަކުގެ ސަބަބުން، ތިމަންރަސްކަލާނގެ އަނިޔާވެރިންގެ އެއްބަޔަކު އަނެއްބަޔަކާ މަތިކުރެއްވީމެވެ.﴾
އަހަރެމެންގެ މައްޗަށް އެހެން ތަރިއަކުން ވެރިންނެއް ނާންނާނެއެވެ. އަހަރެމެންގެ މައްޗަށް ވެރިން އަންނާނީ އަހަރުމެން ތެރެއިންނެވެ. އެ ވެރިއެއްގެ ކިބައިގައި ހުންނާނީ އަހަރުމެންގެ ކިބައިގައި ހުރި ސިފައެކެވެ.
މުސްލިމުންނަށް އެމީހުންގެ އަޤީދާ ޙިމާޔަތް ނުކުރެވޭނަމަ، ސުންނަތާއި ޖަމާޢަތުގެ ހަދީޘްގެ އަޞްހާބުންގެ އަޤީދާ ހިތާއި އިއުތިޤާދާއި ދުލާއި ޤަލަމުން ފާޅުކޮށް ހިމާޔަތް ނުކުރެވޭނަމަ، އެންމެހާ ކާފަރުން އިސްލާމީ ބިންތަކަށް ވެރިވުމަށްވުރެވެސް މާ ނުބައިކަމެއް އެއީއެވެ. ޒައިނިސްޓުން މުސްލިމުން މެރުމަށްވުރެ މުސްލިމަކު ބާޠިލު ކުފުރުގެ ބިދުޢަވެރި ސުންނަތުން ބޭރުވެފައިވާ އަޤީދާއެއްގައި މަރުވެ ﷲ އާއި ބައްދަލުކުރުމަކީ މާނުބައިކަމެކެވެ. ސުންނަތުގެ އަޤީދާގައި ހުރެ ޒައިނިސްޓުން ތިބާ ބޮން އަޅައި މަރައިފިއްޔާ ތިބާ ﷲ އިރާދަފުޅުން ޝަހީދެއްގެ މަރެއް ލިބި، ސުވަރުގެ ވަދެވިދާނެއެވެ. އެހެނަސް، ބާޠިލު އަޤީދާއެއްގައި މަރުވިއްޔާ އެއީ މާ ނުބައި މަރެކެވެ. މާތް ﷲ އަޅަމެން އެންމެންނަށް ތައުޙީދުގެ ސީދާ މަގު ދައްކަވައި ބަރަކާތް ލައްވާށިއެވެ!
ޢިރާނުގެ ރަވާފިޟު ޝީޢީންނާއި މައްކާގެ ބުދަށް އަޅުކަންކުރި މުޝްރިކުންނާ ދެމެދު އޮތް ގުޅުމަކީ ހަމައެކަނި ދައްކާލާ ވާހަކައެއް ނޫނެވެ. އެއީ އެއް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ދެ ފިކުރެވެ. މައްކާގެ މުޝްރިކުން ﷲ ފިޔަވައި ‘ލާތަ’ އާއި ‘ޢުއްޒާ’ ފަދަ ބުދުތަކަށް ކަންކަމަށް އެދި ދުޢާކޮށް ދަންނަވައި، އެތަކެތީގެ ކިބައިން ޝަފާޢަތަށް އެދި އުޅުނު ފަދައިން، ރަވާފިޟު ޝީޢީންވެސް އެމީހުންގެ އިމާމުންނާއި، މަރުވެފައިވާ މީހުންނާއި، މަހާނަތަކަށް ދުޢާކޮށް ދަންނަވައި، އެފަރާތްތަކުގެ ކިބައިން އެހީއަށް އެދެއެވެ. މައްކާގެ މުޝްރިކުން އެމީހުންގެ ބުދުތަކަކީ ﷲ އާ އެމީހުންނާ ދެމެދު އޮތް ވަސީލަތެއް ކަމުގައި ބެލި ފަދައިން، ޝީޢީންވެސް އެމީހުންގެ އިމާމުންނަކީ ﷲ ގެ ޙަޟްރަތަށް ކުއްތަންވުމަށް އޮތް ވަސީލަތެއް ކަމުގައި ދެކެއެވެ. މި ދެބައިމީހުންގެވެސް އަސާސަކީ ﷲ އަށް ކުރަންޖެހޭ އަޅުކަން (ދުޢާކުރުމާއި، ކަންކަމަށް އެދުން) އެކަލާނގެ ފިޔަވައި އެހެން މަޚްލޫޤުންނަށް ރައްދުކުރުމެވެ. މިއީ އިސްލާމީ ތައުޙީދާ މުޅިން ޚިލާފު، ޖާހިލިއްޔަ ޒަމާނުގެ މުޝްރިކުންގެ ޢަމަލުތަކެވެ.
ﷲ ފިޔަވައި އެހެން ފަރާތްތަކަށް އަޅުކަން ކުރުމާއި، އެފަރާތްތަކުގެ ކިބައިން ކަންކަމަށް އެދުމަކީ އިސްލާމްދީނުގެ ތައުޙީދުގެ އަސާސްތަކާ ޚިލާފު، ބޮޑުވެގެންވާ ޝިރުކުގެ ފާފައެކެވެ. ދިރިހުރި މީހެއްގެ ކިބައިން ވިޔަސް ނުވަތަ މަރުވެފައިވާ މީހެއްގެ ކިބައިން ވިޔަސް، އެމީހަކަށް ކުޅަދާނަވެގެންނުވާ، ﷲ އަށް އެކަނި އެކަންކަމަށް ކުޅަދުންވަތަ ވޮޑިގެންވާ ކަމެއްގައި އެހީތެރިކަމަށް އެދުމަކީ ބޮޑުވެގެންވާ ޝިރުކެކެވެ. މިއީ ﷲ އާއެކު އެހެން ފަރާތެއް ބައިވެރިކުރުމެވެ.
ޝީޢީންގެ ފޮތްތަކަށް ބަލާއިރު، މިފަދަ ޝިރުކުގެ ޢަމަލުތަކުން އެ ފޮތްތައް ވަނީ ފުރިފައެވެ. މާތް ﷲ ތިއަޚުންނާއި އުޚްތުންނަށ ބަރަކާތްލައްވާށި! މިކަމުގައި ޝީޢީންނާއި ހައްދުފަހަނައަޅާފައިވާ ޤަބުރުތަކަށް އަޅުކަންކުރާ ސޫފީންނާ ދެމެދު ބޮޑު ގުޅުމެއް އޮވެއެވެ. ތާރީޚީ ގޮތުން ބަލާއިރު، ޤަބުރުތަކާއި މަހާނަތަކަށް އަޅުކަންކުރުމުގެ ފިކުރު ސޫފީންގެ ތެރެއަށް ވަދެފައިވަނީ ޝީޢީންގެ ތެރެއިންނެވެ.
މަރުވެފައިވާ ތަކެއްޗާއި، ގަލާއި މަށީގެ ކިބައިން އެހީއަށް އެދުމަކީ ޝިރުކެއް ނޫންކަމަށް ބުނެ، ޚުމައިނީ އޭނާގެ ފޮތް ‘ކަޝްފުލް އަސްރާރު’ ގައި ބޮޑު ބާޠިލު ދަޢުވާއެއް ކޮށްފައިވެއެވެ. މަރުވެފައިވާ ނަބިއްޔެއްގެ ނުވަތަ އިމާމެއްގެ ކިބައިން ހާޖަތްތަކާއި ބޭނުމާއި ކަންކަމަކަށް އެދުމަކީ ޝިރުކެއް ކަމަށް ބުނެވޭ ބުނުމަށް ރައްދުދެމުން ޚުމައިނީ لَيْسَ مِنَ الشِّرْكِ طَلَبُ الْحَاجَةِ مِنَ الْمَوْتَى “މަރުވެފައިވާ މީހުންގެ ގާތުން ބޭނުންތަކަށް އެދުމަކީ ޝިރުކެއް ނޫން” މި ސުރުޚީ ގެ ދަށުން ލިޔެފައިވެއެވެ.
“މިކަމުގެ ޖަވާބަކީ: ފުރަތަމަ ކަމަކީ، ޝިރުކާއި ކުފުރަކީ ކޮބައިކަން ތިޔަބައިމީހުން އަހަރެމެންނަށް ބަޔާންކޮށްދީފައެއް ނުވެއެވެ. އެހެންކަމުން ތިޔަބައިމީހުންގެ ރައުޔާ އެއްގޮތަށް އަހަރެމެން އެދޭ ކޮންމެ ކަމަކީ ޝިރުކެއް ކަމުގައި ނުބެލެވޭނެއެވެ. إِنَّ الشِّرْكَ هُوَ طَلَبُ الْحَاجَةِ مِنْ غَيْرِ اللَّهِ مَعَ الِاعْتِقَادِ بِأَنَّ هَذَا الْغَيْرَ هُوَ إِلَهٌ وَرَبٌّ ހަމަކަށަވަރުން ޝިރުކަކީ ﷲ ފިޔަވައި އެހެން ފަރާތަކީ ‘ރައްބު’ ނުވަތަ ‘އިލާހު” ކަމަށް ބަލައިގެން އެފަރާތެއްގެ ކިބައިން ކަމަކަށް އެދުމެވެ. وَأَمَّا طَلَبُ الْحَاجَةِ مِنَ الْغَيْرِ مِنْ غَيْرِ هَذَا الِاعْتِقَادِ فَذَلِكَ لَيْسَ بِشِرْكٍ! ނަމަވެސް އެފަދަ ގަބޫލުކުރުމެއް ނެތި އެހެން ފަރާތެއްގެ ގާތުން ކަމަކަށް އެދުމަކީ ޝިރުކެއް ނޫނެވެ!! وَلَا فَرْقَ فِي هَذَا الْمَعْنَى بَيْنَ الْحَيِّ وَالْمَيِّتِ އެކަމުގައި ދިރިހުރި މީހަކާއި މަރުވެފައިވާ މީހަކާ ދެމެދު ތަފާތެއް ނެތެވެ. وَلِهَذَا لَوْ طَلَبَ أَحَدٌ حَاجَتَهُ مِنَ الْحَجَرِ وَالْمَدَرِ لَا يَكُونُ شِرْكًا އޭގެ އިތުރުން ގަލަކުން ނުވަތަ ބިމުގައިވާ މަށީގެ ކިބައިން ކަމަކަށް އެދުނަސް، އެއީ ޝިރުކެއް ނޫނެވެ.”
ޚުމައިނީ
މިފަދަ ދަޢުލަތަކަށް ތާޢިދުކުރަން ﷲ ފޮނުވި ރަސޫލުންނާއި ނަބިއްޔުން އަންގަވާނެ ހެއްޔެވެ؟ ތިޔަބައިމީހުންގެ ބުއްދިވަނީ ފިލާފަ ހެއްޔެވެ؟ ތަޥްޙީދުގެ އަމުރުމުގެ މައްޗަށް އިސްކުރާނެ އިންސާނިއްޔަތެއް، އިސްކުރާނެ ދަޥްލަތެއް، ލެޔެއް ސިޔާސަތެއް، މުދަލެއް، އަމިއްލަ އެދުމެއް، އުންމީދެއް އުފަލެއް ނޯންނާނެއެވެ. ނަބިއްޔާ ﷺ ބެއްލެވީ ތިމާގެ ކަމާއި ގާތްކަމަކަށް ނޫނެވެ. އީމާންކަމާއި ތަޥްޙީދު، ދެން އެއަށްފަހު ގާތް ތިމާގެ ކަމަށެވެ.
މިއީ މިއަދު ޓްވިޓާގައި ބައެއް މުސްލިމުންގެ ތެރޭގައި އިޒްރޭލު ފަލަސްޠީނުގެ މައްސަލަގަޑުގެ ތެރެއިން މަޝްހޫރުކަން ހޯދައިގަތް ޢިރާނުގެ އަޞްލު، ޝިރުކުގެ އަޤީދާ ފަތުރާ، މުޝްރިކު دَانِيَال رِضَا حَقِيقَتْ جُو (ޑޭނިއަލް ހަޤީޤަތްޖޫ)، ސުންނީއެއް ކަމަށް ހެދިގެން އުޅޭ މުނާފިޤޫ ރާފިޟީ މުޝްރިކެއް އަޞްލު، މީނާގެ ވާހަކަތައްވެސް ހުންނަނީ މިފަދަގޮތަކަށެވެ. މީނާއަށް ކިޔަންވީ ހަޤީޤަތު ޖޫ ނުވަތަ ހަޤީޤީ ޔަހޫދީއެވެ.
وفي المسند، وسنن أبي داود -والحديث صححه الألباني- عن ثوبان قال: قال رسول الله صلى الله عليه وسلم: ولا تقوم الساعة حتى تلحق قبائل من أمتي بالمشركين، وحتى تعبد قبائل من أمتي الأوثان.
މުސްނަދުގައި އަދި ސުނަނު އަބީ ދާވޫދުގައި -އަދި މިއީ އަލްބާނީ ޞައްޙަކުރައްވާފައިވާ ޙަދީޘެކެވެ.- ޘައުބާން رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ: ރަސޫލުﷲ ﷺ ޙަދީޘްކުރެއްވިއެވެ: “ތިމަންކަލޭގެފާނުގެ އުންމަތުގެ ގަބީލާތަކެއް މުޝްރިކުންނާ ގުޅި، އަދި ތިމަންކަލޭގެފާނުގެ އުންމަތުގެ ގަބީލާތަކެއް ބުދުތަކަށް (ޤަބުރުތަކަށް!) އަޅުކަން ކުރަންދެން ޤިޔާމަތް ދުވަސް ގާއިމެއް ނުވާނެއެވެ.”
މިއަދު އުންމަތުގެ ބަޔަކު މުޝްރިކުންނާ ގުޅިއްޖެއެވެ. ބުދުތަކަށްވެސް އަޅުކަން ކޮށްފިއެވެ.
ޚުމައިނީއާއި މިފަދަ މީހުންގެ މި ކުފުރުގެ ބަސްތަކަށް ބައްލަވައިލައްވާށެވެ! މި ބަސްތައް ބަޔާންކުރި މި މުޝްރިކު ބުދަށް އަޅުކަންކުރާ ޝީޜީ ރާފިޟީ ޚުމައިނީ ގަބޫލުކުރާ ގޮތުގައި، ﷲ ފިޔަވައި ހިލަތަކަށާއި މައްޔިތުނަނަށް ދުޢާކުރުމަކީ، އެ ތަކެއްޗަކީ ރައްބަކު ނުވަތަ ކަލަކު ކަމަށް އެ ދުޢާކުރާ މީހާ ގަބޫލުނުކުރާހާ ހިނދަކު ޝިރުކެއް ނޫނެވެ. މިއީ ބާތިލު އަދި ދޮގު ވާހަކައެކެވެ. އޭގެ ބަދަލުގައި، މިއީ ހަމަ ކަނޑައެޅިގެންވާ ބޮޑު ޝިރުކެވެ. އެކަން ބާތިލުކުރެއްވުމަށްޓަކައި ﷲ ރަސޫލުން ފޮނުއްވައި ފޮތްތައް ބާވައިލެއްވިއެވެ. އަދި މިއީ ހަމަ ސީދާ، ރަސޫލުﷲ ﷺ އެބަޔަކާ ދެކޮޅަށް ޖިހާދުކުރެއްވި މުޝްރިކުންގެ ޝިރުކެވެ.
މިއީ ހަމަ ހައްދުފަހަނައަޅާފައިވާ ސޫފީންވެސް ދައްކާ އުޒުރެވެ. އެމީހުން ދަޢުވާކުރާ ގޮތުގައި، ﷲ ފިޔަވައި އެހެން ފަރާތަކަށް ދުޢާކުރުމާއި، އިސްތިޣާޘާ ކުރުމަކީ ޝިރުކަކަށް ވާނީ، އެކަން ކުރާ މީހާ އެ އެދޭ ފަރާތަކީ ‘ރައްބު’ ކަމަށް ޤަބޫލުކުރާ ނަމައެވެ. ނަމަވެސް މިއީ ކީރިތި ޤުރުއާނުގެ ސަރީޙަ އާޔަތްތަކާ މުޅިން ޚިލާފު ވާހަކައެކެވެ.
ޤުރުއާނުން އެނގޭ ގޮތުގައި، މުޝްރިކުން އެމީހުންގެ އިލާހުންނަށް އަޅުކަން ކުރީ އެތަކެއްޗަކީ އުޑާއި ބިމުގެ ވެރި ރައްބު ކަމަށް ޤަބޫލުކޮށްގެނެއް ނޫނެވެ. އެހެންނަމަވެސް އެމީހުން އެތަކެއްޗަށް ދުޢާކޮށް، ކަންކަމަށް އެދި އުޅުނީ އެއީ ﷲ އާ އެމީހުންނާ ދެމެދު އޮތް ވަސީލަތެއް ކަމުގައި ބަލައިގެންނެވެ. އެހެންކަމުން، ދުޢާކުރުމާއި އެހީއަށް އެދުމަކީ އަޅުކަމެއް ކަމުގައިވީހިނދު، އެކަން ﷲ ފިޔަވައި އެހެން ފަރާތަކަށް ރައްދުކުރުމަކީ ކަނޑައެޅިގެންވާ ބޮޑު ޝިރުކެކެވެ. ޚުމައިނީގެ މި ފަލްސަފާއަކީ އިސްލާމް ދީނުގެ ތައުޙީދުގެ ބިންގާ، އެންމެހާ ރަސޫލުންނާ ނަބިއްޔުން އެ ދަޢުވަތަކަށް އައި ދަޢުވަތް މުގުރާލުމަށް ދައްކާފައިވާ ބާޠިލު ވާހަކައެކެވެ.
މި ބާޠިލު ދަޢުވާތަކަށް ރައްދުދީ ކީރިތި ޤުރުއާނުގައި ވަރަށް ސަރީޙަ ގޮތެއްގައި އާޔަތްތައް ބާވާލައްވާފައިވެއެވެ. މުޝްރިކުން އެމީހުން އަޅުކަންކުރާ ބުދުތަކަކީ ނުވަތަ މަރުވެފައިވާ މީހުންނަކީ “ރައްބު” ކަމަށް ނުވަތަ ދުނިޔެ ހިންގާ ފަރާތްތައް ކަމަށް ގަބޫލުނުކުރާކަން ޤުރުއާނުން ސާފުކޮށް އެނގެން އޮވެއެވެ.
ބުދުތަކަށް ކަންކަމުގައި ދަންނަވާ ހެދި މައްކާގެ މުޝްރިކުން ﷲ އީ ‘ރައްބު’ ކަމަށް އިޢުތިރާފުވެއެވެ. ﷲ ތަޢާލާ ވާހަކަފުޅު ދައްކަވާ ވަޙީކުރެއްވިއެވެ.
﴿قُلْ مَن يَرْزُقُكُم مِّنَ السَّمَاءِ وَالْأَرْضِ أَمَّن يَمْلِكُ السَّمْعَ وَالْأَبْصَارَ وَمَن يُخْرِجُ الْحَيَّ مِنَ الْمَيِّتِ وَيُخْرِجُ الْمَيِّتَ مِنَ الْحَيِّ وَمَن يُدَبِّرُ الْأَمْرَ ۚ فَسَيَقُولُونَ اللَّهُ ۚ فَقُلْ أَفَلَا تَتَّقُونَ ٣١﴾
“ކަލޭގެފާނު ވިދާޅުވާށެވެ: އުޑުންނާއި ބިމުން ތިޔަބައިމީހުންނަށް ރިޒްގު ދެއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ނުވަތަ އިވުމާއި ފެނުން މިލްކު ވެގެންވަނީ ކޮން ފަރާތަކަށްހެއްޔެވެ؟ އަދި މަރުވެފައިވާ ތަކެތިން ދިރޭތަކެތި ނެރުއްވައި، ދިރޭތަކެތިން މަރުވެފައިވާ ތަކެތި ނެރުއްވަނީ ކޮން ފަރާތެއްހެއްޔެވެ؟ އަދި އެންމެހާ ކަންތައް ތަދްބީރު ކުރައްވަނީ ކޮން ފަރާތެއްހެއްޔެވެ؟ ފަހެ އެ މީހުން ބުނާނެއެވެ: ﷲ އެވެ. ދެން ކަލޭގެފާނު ވިދާޅުވާށެވެ: ފަހެ ތިޔަބައިމީހުން (އެ އިލާހަށް) ތަގުވާވެރި (ޝަރީކުނުކޮށް އަޅުކަންކޮށް ހަދައި ބިރުވެތި) ނުވާނަންހެއްޔެވެ؟” (ޔޫނުސް ސޫރަތުގެ 31)
މި އާޔަތުން އެނގެނީ މައްކާގެ މުޝްރިކުންވެސް ހުރިހާ ކަމެއްގެ ވެރި ‘ރައްބު’ އަކީ ﷲ ކަމަށް ގަބޫލުކުރާ ކަމެވެ. ތަޥްޙީދުއް ރުބޫބިއްޔާގައި ﷲ އެއްކައުވަންތަ ކުރާކަމެވެ. ނަމަވެސް އެމީހުން މުޝްރިކުންނަށްވީ އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކަށް ދުޢާކޮށް، އެހީއަށް އެދި އުޅުމުންނެވެ. ތައުޙީދުލް އުލޫހިއްޔަތުގައި ﷲ އަށް އަޅުކަން ކުރުމުގައި އެއްކައުވަންތަ ނުކުރުމުންނެވެ.
ޚުމައިނީ އާއި ސޫފީން ދައްކާ އުޒުރަކީ ހަމަ މައްކާގެ މުޝްރިކުންވެސް ދެއްކި އުޒުރެވެ. އެމީހުން ބުނަނީ އެއީ ‘ރައްބު’ ކަމަށް ގަބޫލުކުރަނީއެއް ނޫނެވެ، ހަމައެކަނި ވަސީލަތެއްގެ ގޮތުގައި ބޭނުންކުރަނީއެވެ. ނަމަވެސް ﷲ އެކަން ނަންގަވާފައިވަނީ ޝިރުކެއްގެ ގޮތުގައެވެ.
ﷲ ތަޢާލާ ވާހަކުފުޅު ދައްކަވައި ވަޙީކުރެއްވިއެވެ.
﴿أَلَا لِلَّهِ الدِّينُ الْخَالِصُ ۚ وَالَّذِينَ اتَّخَذُوا مِن دُونِهِ أَوْلِيَاءَ مَا نَعْبُدُهُمْ إِلَّا لِيُقَرِّبُونَا إِلَى اللَّهِ زُلْفَىٰ إِنَّ اللَّهَ يَحْكُمُ بَيْنَهُمْ فِي مَا هُمْ فِيهِ يَخْتَلِفُونَ ۗ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ كَاذِبٌ كَفَّارٌ ٣﴾
“ދަންނާށެވެ. ޚާލިސް ވެގެންވާ ދީން ވަނީ ﷲ އަށެވެ. އަދި އެ އިލާހު ފިޔަވާ އެހީތެރިންތަކެއް (އަޅުކަންކުރުމުގައި ޝަރީކުންތަކެއް) ނެގި މީހުން ބުންޏެވެ. ﷲ ގެ ހަޒްރަތަށް ތިމަންމެން ކުއްތަން ކޮށްދިނުމަށް މެނުވީ، ތިމަންމެން އެ ތަކެއްޗަކަށް (އެބަހީ: ބުދުތަކަށް) އަޅުކަމެއް ނުކުރަމުއެވެ. ހަމަކަށަވަރުން އެ މީހުން އެކަމާމެދު ޚިލާފުވެގެން އުޅޭކަންތަކާ ދޭތެރޭގައި ﷲ، އެ މީހުންގެ މެދުގައި ހުކުމް ކުރައްވާނެއެވެ. ހަމަކަށަވަރުން ދޮގުހަދާ ކާފިރަކަށް ﷲ ތެދުމަގެއް ނުދައްކަވާނެއެވެ.” (އައްޒުމަރު ސޫރަތުގެ 3)
ﷲ ތަޢާލާ ވާހަކުފުޅު ދައްކަވައި ވަޙީކުރެއްވިއެވެ.
﴿يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَسَخَّرَ الشَّمْسَ وَالْقَمَرَ كُلٌّ يَجْرِي لِأَجَلٍ مُّسَمًّى ۚ ذَٰلِكُمُ اللَّهُ رَبُّكُمْ لَهُ الْمُلْكُ ۚ وَالَّذِينَ تَدْعُونَ مِن دُونِهِ مَا يَمْلِكُونَ مِن قِطْمِيرٍ ١٣﴾ ﴿إِن تَدْعُوهُمْ لَا يَسْمَعُوا دُعَاءَكُمْ وَلَوْ سَمِعُوا مَا اسْتَجَابُوا لَكُمْ ۖ وَيَوْمَ الْقِيَامَةِ يَكْفُرُونَ بِشِرْكِكُمْ ۚ وَلَا يُنَبِّئُكَ مِثْلُ خَبِيرٍ ١٤﴾
“އެ އިލާހު ދުވާލުގެ ތެރެއަށް ރޭގަނޑު ވައްދަވައި، އަދި ރޭގަނޑުގެ ތެރެއަށް ދުވާލު ވައްދަވައި، އަދި އިރާއި ހަނދު ޚިދުމަތްތެރި ކުރެއްވިއެވެ. (އެއިން) ކޮންމެ އެއްޗެއް ކަނޑައެޅިގެންވާ މުއްދަތަކަށް ހިނގަހިނގާ ހުރެތެވެ. އެއީ ﷲ އެވެ. (އެ އިލާހީ) ތިޔަބައިމީހުންގެ ރައްބެވެ. ވެރިކަންވަނީ އެ އިލާހަށެވެ. އަދި އެ އިލާހު ފިޔަވާ ތިޔަބައިމީހުން ގޮވައި އަޅުކަންކުރާ ފަރާތްތަކަށް ކަދުރު އޮށެއްގެ ބޭރުގެ ދުލިފަށުގެ މިންވަރުވެސް މިލްކުވެގެން ނުވެއެވެ. ތިޔަބައިމީހުން އެ ފަރާތްތަކަށް ގޮވިޔަސް، އެ ފަރާތްތަކަށް ތިޔަބައިމީހުން ގޮވާ ގޮވުމެއް ނީވޭނެއެވެ. އަދި އެގޮވުން އެ ފަރާތްތަކަށް އިވުނުކަމަށްވިޔަސް، ތިޔަބައިމީހުންނަކަށް އެ ފަރާތްތަކެއް އިޖާބައެއް ނުދޭނެތެވެ. އަދި ތިޔަބައިމީހުން ޝަރީކުކުޅަކަމާމެދު ގިޔާމަތް ދުވަހުން އެ ފަރާތްތައް އިންކާރުކުރާނެތެވެ. ޚަބަރުތައް މޮޅަށް ދެނެވޮޑިގެންވާ އިލާހު ފަދައިން ކަލޭގެފާނަށް ޚަބަރު ދޭނެ ހަމަ އެކަކުވެސް ނެތެވެ.” (ފާޠިރު ސޫރަތުގެ 13 އަދި 14 ވަނަ އާޔަތް)
މި އާޔަތްތަކުން ޚުމައިނީގެ ދަޢުވާ ފުނޑުފުނޑުވެގެން ދެއެވެ. ﷲ ފިޔަވައި އެހެން ފަރާތަކަށް، އެއީ ގަލެއް، މަށީގެ ބުދެއް، ނުވަތަ މަރުވެފައިވާ މީހަކަށް ވިޔަސް، އެފަރާތެއްގެ ކިބައިން ކަމަކަށް އެދި ގޮވާލުމަކީ ޤުރުއާނުގައި “ޝިރުކު” ގެ ގޮތުގައި ސިފަކުރައްވާފައިވާ ކަމެކެވެ. އެއީ އެ މީހަކީ ‘ރައްބު’ ކަމަށް ގަބޫލުކުރިޔަސް ނުކުރިޔަސް މެއެވެ. ވީމާ، ޚުމައިނީގެ މި ފިކުރަކީ އިސްލާމީ ތައުޙީދުގެ އަސާސްތަކާ ފުށުއަރާ، މީސްތަކުން ޝިރުކުގެ ތެރެއަށް ވައްދާ ބާޠިލު ފަލްސަފާއެކެވެ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ. غَفَرَ اللَّهُ لِوَالِدَيَّ وَلِجَمِيعِ الْمُسْلِمِينَ، وَرَحِمَ اللَّهُ وَالِدِي رَحْمَةً وَاسِعَةً، وَأَسْكَنَهُ فَسِيحَ جَنَّاتِهِ. وَوَفَّقَنَا اللَّهُ وَإِيَّاكُمْ لِمَا يُحِبُّ وَيَرْضَى. عَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ.



