މައި ކޮންޓެންޓަށް ދާން
الله ﷲ ގެ ތަޥްޙީދު TAWHEEDH.COM
ފިރުޤާތައް

اللَّهِ تَعَالَى އެއިލާހުގެ މަޚްލޫޤުތަކުންގެ މަތީގައިވޮޑިގެންވާކަން (ޢުލުއްވު ﷲ) ޘާބިތުކުރުމާއި، އެކަމާމެދު ޞާލިޙު ހެޔޮލަފާ ސަލަފުން އިޖުމާޢުވެވަޑައިގެންފައިވާކަން – ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ އައްދިމަޝްޤީ އަލްޙަންބަލީ (661–728.ހ) رَحِمَهُ اللَّهُ تَعَالَى

ލިޔުނީ އިސްމާޢީލް ބިން ރަފީޤު މުޙައްމަދު 21 މިނެޓް

މި ލޮބުވެތި ދިވެހި ފަސްގަނޑުގައި، ކުރިން ޢަދާލަތު ޕާޓީގައި އުޅުމަށްފަހު މިހާރު އެމް.ޑީ.ޕީގެ ފަހުލަވާނެއްގެ ގޮތުގައި ހުރި ޙުސައިން ރަޝީދު އަޙްމަދު މިދަނީ ވަރަށް ނުރައްކާތެރި ބާޠިލު ޢަޤީދާއެއް ކަމުގައިވާ “ޖަހުމިއްޔަ” ޢަޤީދާ ފަތުރަމުންނެވެ. މިއީ ސަލަފުއްޞާލިޙުން މި ޢަޤީދާއަކާ މެދު ވަރަށް ބޮޑަށް އިންޒާރުކުރައްވައި، އެބައިމީހުންގެ ނުބައިކަން ހާމަކުރައްވާފައިވާ ޢަޤީދާއެކެވެ.

އެގޮތުން ވަކީޢު ބިން އަލްޖައްރާޙު رَحِمَهُ اللَّهُ تَعَالَى ވިދާޅުވިއެވެ.

“قال: وقال وكيع بن الجراح: الرافضة شر من القدرية، والحرورية شر منهما، والجهمية شر هذه الأصناف.” މާނައީ: “ރާފިޟީންނަކީ ޤަދަރިއްޔާއިންނަށްވުރެ ނުބައި ބައެކެވެ. އަދި ޙަރޫރިއްޔާއިން (ޚަވާރިޖުން) އެ ދެބަޔަށްވުރެ ނުބައެވެ. އަދި ޖަހުމިއްޔާއިންނަކީ މި ހުރިހާ ބައިގަނޑަކަށްވުރެ ނުބައިވެގެންވާ ބައެކެވެ.”

އަދި އިމާމު ބުޚާރީ رَحِمَهُ اللَّهُ تَعَالَى ރިވާކުރެއްވިއެވެ.

“قال البخاري: وقال زهير السجستاني: سمعت سلام بن أبي مطيع يقول: الجهمية كفار. “މާނައީ: ޒުހައިރު އައްސިޖިސްތާނީ ވިދާޅުވިއެވެ. ސައްލާމު ބިން އަބީ މުޠީޢު ވިދާޅުވަނިކޮށް ތިމަން އަޑުއެއްސެވީމެވެ. “ޖަހުމިއްޔާއިންނަކީ ކާފިރުންނެވެ.”

ހަމައެފަދައިން، ﷲ ތަޢާލާ ޢަރުޝީގެ މަތީގައި ވޮޑިގެންވާކަމަށް އިންކާރުކުރާ ޖަހުމިއްޔާއިންނާ ބެހޭގޮތުން ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَى (بيان تلبيس الجهمية في تأسيس بدعهم الكلامية ގައި) ވިދާޅުވެފައިވެއެވެ.

بل هم مطبقون متفقون على أنه نفسه فوق العرش، وعلى ذم من ينكر ذلك بأعظم مما يذم به غيره من أهل البدع مثل القدرية والخوارج والروافض ونحوهم

“އަދި ކިއެއްތަ، އެ ހުރިހާ ބޭކަލުން (އެބަހީ ސަލަފުން) ވަނީ ﷲ ގެ ނަފްސުފުޅު ޢަރުޝީގެ މަތީގައި ވޮޑިގެންވާކަމަށް އިއްތިފާޤުވެވަޑައިގެންފައެވެ.

އަދި އެކަމަށް (ﷲ ޢަރުޝީގެ މަތީގައި ވޮޑިގެންވާ ކަމަށް) އިންކާރުކުރާ މީހާ، އެހެނިހެން ބިދުޢައިގެ އަހުލުވެރިން ކަމުގައިވާ ޤަދަރިއްޔާއިންނާއި، ޚަވާރިޖުންނާއި، ރާފިޟީން ފަދަ މީހުން ކުށްވެރިކުރައްވާ ވަރަށްވުރެ ބޮޑަށް ކުށްވެރިކުރެއްވުމަށް އެބޭކަލުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ.”

އެހެންކަމުން، މި ބާޠިލު ޢަޤީދާގެ ނުރައްކާތެރިކަން ހާމަކޮށްދިނުމުގެ ގޮތުން ތިރީގައި އެވަނީ ﷲ تَعَالَىގެ ޢުލުއްވުގެ މައްޗަށް ޝައިޚުލްއިސްލާމް އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَى ބަޔާންކުރައްވާފައިވާ މުހިންމު ވާހަކަފުޅުތަކެކެވެ.

⬆️ اللَّهِ تَعَالَى އެއިލާހުގެ މަޚްލޫޤުތަކަށް ވުރެ މަތީގައިވޮޑިގެންވާކަން (ޢުލުއްވު ﷲ) ޘާބިތުކުރުމާއި، އެކަމާމެދު ޞާލިޙު ހެޔޮލަފާ ސަލަފުން އިޖުމާޢުވެވަޑައިގެންފައިވާކަން – ޝައިޚުލް އިސްލާމް، އިމާމު، ޢައްލާމާ އިބްނު ތައިމިއްޔާ އައްދިމަޝްޤީ އަލްޙަންބަލީ (661–728 .ހ) رَحِمَهُ اللَّهُ تَعَالَى

ޝެއިޚުލް އިސްލާމްގެ ލަޤަބު ލިބިވަޑައިގެންނެވި މި އިމާމަކީ އަހްލުއްސުންނާ އަދި ޖަމާޢަތުގެ އިމާމުންކުރެ އިމާމެކެވެ. ފިޤުހުގައި އެކަލޭގެފާނަކީ ޙަންބަލީ (އަޙްމަދު ބިން ޙަންބަލްގެ رَحِمَهُ اللَّهُ تَعَالَى) މަޛުހަބުގެ ބޭކަލެކެވެ. އެ އިމާމު އުފަންވެވަޑައިގަތީ ޙައްރާން ކިޔުނު ރަށުގައެވެ. އެއީ މިއަދު ތުރުކީވިލާތުގެ ސަރަޙައްދުގެ ތެރޭގައިވާ ރަށެކެވެ. ދެން އެއަށްފަހު ދިމިޝްޤަށް ބަދަލުވެވަޑައިގެން، އެތާގައި އަވަހާރަވިއެވެ.

1⃣ ފުރަތަމައީ: ﷲ ތަޢާލާ ގެ ޢުލުއްވު (ޚަލްޤުތަކުންގެ މަތީގައި ވޮޑިގެންވުން) ވަނީ ފޮތާއި، ސުންނަތާއި، އަދި އުއްމަތުގެ ސަލަފުންގެ އިޖުމާޢުން ސާބިތުވެގެންނެވެ.

💎 ޝައިޚުލްއިސްލާމް، އަލްއިމާމް، އަލްޢައްލާމާ تَقِيِّ الدِّينِ أَبُو الْعَبَّاس أَحْمَد بْن عَبْدِ الْحَلِيم بْن عَبْدِ السَّلَام بْن عَبْدِ اللَّه بْن أَبِي الْقَاسِم بْن مُحَمَّد ابْن تَيْمِيَّة النُّمَيْرِيّ الْحَرَّانِيّ الدِّمَشْقِيّ الْحَنْبَلِيّ (661–728 .ހ) އެކަލޭގެފާނަށް ﷲ ރަޙުމަތްލައްވާށި، ވިދާޅުވިއެވެ.

«الْقَوْلُ بِأَنَّ اللَّهَ تَعَالَى فَوْقَ الْعَالَمِ مَعْلُومٌ بِالِاضْطِرَارِ مِنَ الْكِتَابِ وَالسُّنَّةِ وَإِجْمَاعِ سَلَفِ الْأُمَّةِ بَعْدَ تَدَبُّرِ ذَلِكَ، كَالْعِلْمِ بِالْأَكْلِ وَالشُّرْبِ فِي الْجَنَّةِ، وَالْعِلْمِ بِإِرْسَالِ الرُّسُلِ وَإِنْزَالِ الْكُتُبِ، وَالْعِلْمِ بِأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ، وَعَلَى كُلِّ شَيْءٍ قَدِيرٌ، وَالْعِلْمِ بِأَنَّهُ خَلَقَ السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا، بَلْ نُصُوصُ الْعُلُوِّ قَدْ قِيلَ إِنَّهَا تَبْلُغُ مِئِينَ مِنَ الْمَوَاضِعِ.»

“ﷲ ތަޢާލާ ޢާލަމްތަކުގެ މަތީގައި (فَوْقَ الْعَالَمِ) ވޮޑިގެންވާކަމަށް ބުނާ ބުނުމަކީ، އެއަށް ވިސްނައި ތަދައްބުރުކުރުމުން، ޤުރުއާނާއި، ސުންނަތާއި، އުއްމަތުގެ ސަލަފުންގެ އިޖުމާޢުން، (ދީނުގައި) ޟަރޫރީގޮތުން (ކޮންމެހެން ވެސް) އެނގިގެންވާ ކަމެކެވެ.

ސުވަރުގޭގައި ކެއުމާއި ބުއިން ވާކަން އެނގިގެންވާ ފަދައިންނެވެ. އަދި ރަސޫލުން ފޮނުއްވުނުކަމާއި ފޮތްތައް ބާވައިލެއްވުނުކަން (މަތިން ތިރިއަށް ބާވައިލައްވައި ތަންޒީލުކުރެއްވިކަން) އެނގިގެންވާ ފަދައިންނެވެ. އަދި ﷲ އީ ކޮންމެ ކަމެއް މޮޅަށް ދެނެވޮޑިގެންވާ، އަދި ކޮންމެ ކަމެއްގެ މައްޗަށް ކުޅަދުންވަންތަ ޤުދުރަތްތެރިވޮޑިގެންވާ އިލާހުކަން އެނގިގެންވާ ފަދައިންނެވެ. އަދި އުޑުތަކާއި ބިމާއި އެ ދެމެދުގައިވާހާ ތަކެއްޗެއް ޚަލްޤުކުރެއްވީ އެކަލާނގެކަން އެނގިގެންވާ ފަދައިންނެވެ. (އެބަހީ އެކަންކަމަކީ އެއްވެސް މުސްލިމަކު ޝައްކު ނުކުރާނެ ކަންތައްތަކެވެ.) އަދި ކިއެއްތަ، (ﷲ ތަޢާލާ) މަތީގައި ވޮޑިގެންވާކަމުގެ ނައްޞުތައް އެތައް ސަތޭކަ ތަނަކުން ފެންނަން ހުރިކަމުގައި ބުނެވިފައިވެއެވެ.“

💎 މަޞްދަރު: درء تعارض العقل والنقل، 7/26

2⃣ ދެވަނައީ: ﷲ ތަޢާލާ މަތީގައި ވެވޮޑިގެންވުމާ ގުޅޭގޮތުން ހުރި ނައްޞުތައް (އެތައް އެތައް މަގަކުން އެތައް ބައެއްގެ ކިބައިން) މުތަވާތިރުވެގެންވުމާއި، އަދި ޞަޙާބީންނާއި ތާބިޢީންގެ މެދުގައި ﷲ ގެ ޢުލުއްވާމެދު ދެބަސްވުމެއް އުފެދިފައި ނުވެއެވެ.

💎 އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَى އިތުރަށް ވިދާޅުވިއެވެ.

«وَالْأَحَادِيثُ عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالصَّحَابَةِ وَالتَّابِعِينَ مُتَوَاتِرَةٌ مُوَافِقَةٌ لِذَلِكَ، فَلَمْ يَكُنْ بِنَا حَاجَةٌ إِلَى نَفْيِ ذَلِكَ مِنْ لَفْظٍ مُعَيَّنٍ، قَدْ يُقَالُ إِنَّهُ يَحْتَمِلُ التَّأْوِيلَ، وَلِهَذَا لَمْ يَكُنْ بَيْنَ الصَّحَابَةِ وَالتَّابِعِينَ نِزَاعٌ فِي ذَلِكَ، كَمَا تَنْطِقُ بِذَلِكَ كُتُبُ الْآثَارِ الْمُسْتَفِيضَةُ الْمُتَوَاتِرَةُ فِي ذَلِكَ.»

“އަދި ނަބިއްޔާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ އަދި ޞަޙާބީންނާއި، ތާބِޢީންގެ ކިބައިން އައިސްފައިވާ ޙަދީޘްތަކާއި އަޘަރުތައް އެކަމުގައިވަނީ މުތަވާތިރު (އެތައް މަގަކުން އެތައް ބައެއްގެ ފަރާތުން ރިވާވެގެން) ވެގެންވެއެވެ. އެހެންކަމުން، ތައުވީލުކުރުމުގެ (މާނަ ބަދަލުކުރުމުގެ) ފުރުޞަތު އޮވެދާނެކަމަށް ބުނެވިދާނެ ވަކި ޚާއްޞަ ލަފުޒަކުން އެކަން ނަފީކުރުމުގެ އެއްވެސް ބޭނުމެއް އަހަރުމެންނަށް ނުވެއެވެ.

މި ސަބަބަށްޓަކައި ޞަޙާބީންނާއި ތާބِޢީންގެ މެދުގައި އެކަމާމެދު (ﷲ ޚަލްޤުތަކުންގެ މަތީގައި ވޮޑިގެންވާކަމާމެދު) އެއްވެސް ދެބަސްވުމެއް ނުވެއެވެ. އެކަމާމެދު އައިސްފައިވާ ގިނަގުނަ މުތަވާތިރު އާޘާރުތަކުގެ ފޮތްތަކުން އެކަން ހާމަކޮށްދޭ ފަދައިންނެވެ.”

💎 މަޞްދަރު: درء تعارض العقل والنقل، 7/26

3⃣ ތިންވަނައީ: ﷲ ތަޢާލާ މަތީގައި ވެވޮޑިގެންވާކަމަށް (ޢުލުއްވު ﷲ) އިންކާރުކުރާ މީހަކާމެދު ސަލަފުން ކުރައްވާފައިވާ ޙުކުމް އަކީ ކުފރުގެ ޙުކުމެވެ.

💎 އިބްނު ތައިމިއްޔާ رَحِمَهُ اللَّهُ تَعَالَى އިތުރަށް ވިދާޅުވިއެވެ.

«وَلِهَذَا كَانَ السَّلَفُ مُطْبِقِينَ عَلَى تَكْفِيرِ مَنْ أَنْكَرَ ذَلِكَ، لِأَنَّهُ عِنْدَهُمْ مَعْلُومٌ بِالِاضْطِرَارِ مِنَ الدِّينِ، وَالْأُمُورُ الْمَعْلُومَةُ بِالضَّرُورَةِ عِنْدَ السَّلَفِ وَالْأَئِمَّةِ وَعُلَمَاءِ الدِّينِ قَدْ لَا تَكُونُ مَعْلُومَةً لِبَعْضِ النَّاسِ: إِمَّا لِإِعْرَاضِهِ عَنْ سَمَاعِ مَا فِي ذَلِكَ مِنَ الْمَنْقُولِ.»

“މިހެންވެ، އެކަމަށް (ﷲ ގެ ޢުލުއްވު، ޚަލްޤުތަކުންގެ މަތީގައިވޮޑިގެންވުން) އިންކާރުކޮށްފި މީހަކު ކާފިރުކުރުމުގެ މައްޗަށް ސަލަފުން ވަނީ އިއްތިފާޤުވެވަޑައިގެންފައެވެ. އެހެނީ އެބޭކަލުންގެ އަރިހުގައި އެކަމަކީ ދީނުގައި ޟަރޫރ ގޮތުން ކޮންމެހެންވެސް އެނގިގެންވާ ކަމެކެވެ. އަދި ސަލަފުންނާއި، އިމާމުންނާއި، ދީނުގެ ޢިލްމުވެރިންގެ އަރިހުގައި ޟަރޫރީކޮށް އެނގިގެންވާ ކަންކަމަކީ، ބައެއް މީހުންނަށް އެނގިގެންވާ ކަންކަމަށް ނުވެދާނެއެވެ. އެއީ އެކަމާ ގުޅޭގޮތުން ނަޤުލުވެގެން އައިސްފައިވާ ރިވާޔަތްތައް އަޑުއެހުމުން އެމީހަކު ފުރަގަސްދީފައިވުމުގެ ސަބަބުންނެވެ.”

💎 މަޞްދަރު: درء تعارض العقل والنقل، 7/27.

💎 دَرْءُ تَعَارُضِ الْعَقْلِ وَالنَّقْلِ، لِشَيْخِ الْإِسْلَامِ تَقِيِّ الدِّينِ أَبِي الْعَبَّاسِ أَحْمَدَ بْنِ عَبْدِ الْحَلِيمِ بْنِ عَبْدِ السَّلَامِ ابْنِ تَيْمِيَّةَ الْحَرَّانِيِّ الدِّمَشْقِيِّ الْحَنْبَلِيِّ (ت ٧٢٨هـ)، تَحْقِيقُ الدُّكْتُورِ مُحَمَّدِ رَشَادِ سَالِمٍ، جَامِعَةُ الْإِمَامِ مُحَمَّدِ بْنِ سُعُودٍ الْإِسْلَامِيَّةِ، الطَّبْعَةُ الثَّانِيَةُ، ١٤١١هـ/١٩٩١م، الْجُزْءُ السَّابِعُ، الصَّفَحَاتُ ٢٦–٣٢. މަރުޖިޢު: ދަރްއު ތަޢާރުޟިލް ޢަޤްލި ވައްނަޤްލި، މުއައްލިފު: ޝައިޚުލްއިސްލާމް ތަޤިއްޔުއްދީން އަބުލްޢައްބާސް އަޙްމަދު ބިން ޢަބްދުލްޙަލީމް ބިން ޢަބްދުއްސަލާމް އިބްނު ތައިމިއްޔާ އަލްޙައްރާނީ އައްދިމަޝްޤީ އަލްޙަންބަލީ (އަވަހާރަވީ 728 ހ.)، ތަޙުޤީޤުކުރެއްވީ: ޑރ. މުޙައްމަދު ރަޝާދު ސާލިމް، ޖާމިޢަތުލް އިމާމް މުޙައްމަދު ބިން ސުޢޫދުލް އިސްލާމިއްޔާ، ދެވަނަ ޗާޕު، 1411 ހ. / 1991 މ. ހަތްވަނަ ޖުޒުއު، ޞަފުޙާ 26-27

ވެރިންނާއި ކަމާބެހޭ ފަރާތްތަކަށް އޮތް ނަޞޭޙަތާއި އިލްތިމާސް

މި ލޮބުވެތި އިސްލާމީ ފަސްގަނޑުގައި ޖަހުމިއްޔާގެ ބާޠިލު، މަގުފުރެދިފައިވާ ޢަޤީދާ ފަތުރަމުންދާ ޙުސައިން ރަޝީދާމެދު ޤާނޫނީ އަދި ޝަރުޢީ ފިޔަވަޅު އެޅުމަކީ ޤައުމުގެ ވެރިންނާއި ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އޮތް އެންމެ ބޮޑު އެއް ވާޖިބެވެ.

ހަމަކަށަވަރުން ﷲ ތަޢާލާއާމެދު ޙައްޤުނޫން ގޮތުގައި ބުހުތާނު ހަދައި، އެކަލާނގެ ޒާތުފުޅާއި ސިފަފުޅުތަކާމެދު ބޭއަދަބީ ބަސްތައް ރައްދުކޮށް ނުބައިވެގެންވާ ޢަޤީދާ ފެތުރުމަކީ އެންމެ ބޮޑުވެގެންވާ ޖަރީމާއެވެ. އެއީ ދުނިޔަވީ ގޮތުން މީހަކު ކުރާ އެހެން ކޮންމެ ކުށަކާއި ޖަރީމާއަކަށްވުރެ މާ ބޮޑު، އަދި މާ ނުރައްކާތެރި ކުށެކެވެ. ސަބަބަކީ މިއީ ސީދާ ޚާލިޤުވަންތަ ﷲ ތަޢާލާގެ ޙައްޤަށް އަރައިގަތުން ކަމުގައިވާތީއެވެ.

އެހެންކަމުން، މި މުޖުތަމަޢުގެ ދީނާއި ޢަޤީދާ ޙިމާޔަތްކުރުމަށްޓަކައި، މިފަދަ ބޮޑުވެގެންވާ މުންކަރާތެއް ހުއްޓުވައި، މިކަން ކުރާ ފަރާތްތަކާމެދު އެކަށީގެންވާ ހަރުކަށި ފިޔަވަޅުތައް އެޅުން އެހެން ހުރިހާ ކަމަކަށްވުރެ އައުލާކަން ބޮޑުވެގެންވެއެވެ. ވެރިން ﷲ އަށް ބިރުވެތިވެ، ރައްޔިތުންގެ ޢަޤީދާ ސަލާމަތްކުރުމަށްޓަކައި މިކަމުގައި އަވަސް ފިޔަވަޅެއް އެޅުމަށް ނަޞޭޙަތްތެރިވަމެވެ.

ލިޔުނީ އިސްމާޢީލް ބިން ރަފީޤު މުޙައްމަދު
Scroll to Top