الإِمَامُ العَلَّامة الشيخُ مُحَمَّدُ بِنْ صَالِحُ العُثَيْمِيْن رَحِمَه الله ވިދާޅުވިއެވެ.”
توحيد الألوهية
ތަޥްޙީދުގެ ދެވަނަ ބަޔަކީ ތަޥްޙީދުލް އުލޫހިއްޔާ އެވެ. (އިލާހުވަންތަކަމުގައި ﷲ އެއްކައުވަންތަ ކުރުމެވެ.) އަދި އެއަށް ތަޥްޙީދުލް ޢިބާދާ (އަޅުކަންކުރުމުގައި ﷲ އެއްކައުވަންތަ ކުރުން) މިނަން ދެވިގެންވެއެވެ. އެއީ ދެގޮތަކުން ބަލާއިރުއެވެ. ފަހެ ﷲ ތަޢާލާ އަށް ނިސްބަތްކުރާއިރު ތަޥްޙީދުލް އުލޫހިއްޔާއޭ ކިޔެއެވެ. އަދި މަޚްލޫޤުތަކުންނަށް ނިސްބަތްކޮށް ބުނާ ހިނދު އެއީ ތަޥްޙީދުލް ޢިބާދާއޭ ކިޔެއެވެ.
ތަޥްޙީދުގެ މިބަޔަކީ އެއީ އަޅުކަންކުރުމުގައި ﷲ تعالى އެއްކައުވަންތަކުރުމެވެ. ފަހެ އަޅުކަންވެވުމަށް ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ ﷲ ތަޢާލާއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ:
{ذَلِكَ بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِنْ دُونِهِ الْبَاطِل} [لقمان: من الآية30] މާނައީ: “އެހެނީ ހަމަކަށަވަރުން، اللَّه އީ، ޙައްޤުވަންތަ ކަލާނގެއެވެ. އަދި ހަމަކަށަވަރުން، އެކަލާނގެ ފިޔަވައި އެބައިމީހުން އަޅުކަންކުރާ ތަކެއްޗަކީ ބާޠިލު ތަކެއްޗެވެ.”
ޢިބާދާ (العبادة/އަޅުކަން) ދެ އެއްޗެއްގެ މައްޗަށް ބޭނުންކުރެވެއެވެ.
ފުރަތަމައީ: އަޅުކަންކުރުން މިމާނައިގައެވެ. އެއީ ﷲ تعالى ދެކެވާ ލޯތްބާއި މާތްކުރުމުގެ ގޮތުން، އެކަލާނގެ އަމުރުކުރެއްވި ކަންތައް ކުރުމާއި ނަހީކުރެއްވި ކަންތަކުން ދުރުހެލިވުމާ ލައިގެން އެކަލާނގެ އަށް ނިކަމެތިވެ އަޅުވެތިވުމެވެ.
ދެވަނައީ: އެކަމެއް އަޅުކަމެއް ގޮތުގައި ކުރެވޭ ކަންތަކެވެ. ފަހެ އޭގެ މާނައަކީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވެފައިވާ ފަދައިންނެވެ.
اِسْمٌ جَامِعٌ لِكُلِّ مَا يُحِبُّهُ اللهُ وَيَرْضَاهُ مِنْ الْأَقْوَالِ وَالْأَعْمَالِ الظَّاهِرَةِ وَالْبَاطِنَةِ (އެއީ އެތެރެފުށާއި ބޭރުފުށުން ކުރާ ޢަމަލުތަކާއި ބުނާ ބަސްތަކުގެ ތެރެއިން ﷲ ލޯބިވެވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވާ ކޮންމެ ކަމަކަށް ކިޔާ ނަމެކެވެ.)
އެކަމުގެ މިސާލެއްގެ ގޮތުން ނަމާދެވެ. ފަހެ އެނަމާދު ކުރުމަކީ އަޅުކަމެކެވެ. އަދި އެ ނަމާދު އޭގެ ޒާތުގައި އެއީ އަޅުކަމެކެވެ. އެއީ އެކަމަކާ ލައިގެން އަޅުކަންކުރެވޭ ކަމެކެވެ.
ފަހެ ތަޥްޙީދުގެ މިބައިގައި ﷲ އެއްކައުވަންތަ ކުރުމަކީ؛ ތިބާ ހަމައެކަނި އެކަލާނގެ އަށް ހުރި އަޅަކަށް ވުމެވެ. އެކަލާނގެއަށް ހުރި ލޯތްބާއި މާތްކުރުމާއެކީ، ނިކަމެތިވެ އަޅުވެތިވުމުގައި އެކަލާނގެ އެއްކައުވަންތަކުރުމެވެ. ޝަރުޢުކުރެއްވި ކަންތައް ކުރުމާ ލައިގެން އެކަލާނގެއަށް އަޅުކަންކުރުމެވެ.
ﷲ ތަޢާލާ ވަޙީކުރެއްވިއެވެ: {لا تَجْعَلْ مَعَ اللَّهِ إِلَهاً آخَرَ فَتَقْعُدَ مَذْمُوماً مَخْذُولاً} [الإسراء:22] . މާނައީ: “اللَّه އާއެކު އެހެން އިލާހަކު ނުލާށެވެ! ފަހެ، އޭރުން މަލާމާތްލިބި، ނިކަމެތިވެގެންވާ ޙާލު ތިބާ އިންނަންޖެހިދާނެތެވެ.”
އަދިވެސް ވަޙީކުރެއްވިއެވެ:
{الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ} [الفاتحة:2] މާނައީ: “ހުރިހާ ޙަމްދެއް ހުރީ ޢާލަމްތަކުގެ ވެރި ރައްބު ﷲ އަށެވެ.”
ފަހެ އެކަލާނގެއަކީ ޢާލަމްތަކުގެ ވެރި ރައްބުކަމުގައި ޞިފަކުރެއްވުން، އެއީ އިލާހުވަންތަކަން އެކަލާނގެއަށް ސާބިތުވެފައިވާ ކަމުގެ މައްޗަށް ހުރި ދަލީލުކުރުމެކެވެ. އެކަލާނގެ އަކީ އަޅުކަންކުރެވޭ الإله، އެހެނީ އެކަލާނގެއަކީ ޢާލަމްތަކުގެ ވެރި ރައްބެވެ. އަދިވެސް ވަޙީކުރެއްވިއެވެ:
{يَا أَيُّهَا النَّاسُ اعْبُدُوا رَبَّكُمُ الَّذِي خَلَقَكُمْ وَالَّذِينَ مِنْ قَبْلِكُمْ} [البقرة: من الآية21] މާނައީ: “އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރައްބަށް ތިޔަބައިމީހުން އަޅުކަންކުރާށެވެ. އެކަލާނގެއީ ތިޔަބައިމީހުންނާއި ތިޔަބައިމީހުންގެ ކުރިން އުޅުނު މީސްތަކުން ހެއްދެވި ކަލާނގެއެވެ.”
ފަހެ އަޅުކަންވުން ޙައްޤުވެގެންވާ ފަރާތަކީ ހެއްދެވުމުގައި އެއްކައުވަންތަވެގެންވާ ފަރާތެވެ. އެހެނީ ހެއްދެވިގެންވާ އަދި ފަނާވެ ނެތިގެންދާނޭ މަޚްލޫޤަކީ އިލާހެއް ގޮތުގައި ހެދުމަކީ މޮޔަކަމެކެވެ. ފަހެ ޙަޤީޤަތުގައި އެ މަޚްލޫޤެއް، ތިބާއަކަށް އެއްވެސް މަންފާއެއް ކޮށް ނުދޭނެއެވެ. އެއްޗެއް އުފައްދާ އީޖާދުކުރުމުގައި ނުވަތަ ތައްޔާރުކުރުމުގައި ނުވަތަ އެއްވެސް ކަމެއް ކުރުމުގައި ތިބާއަށް އެހީއެއް ވެ، ފައިދާއެއް ކޮށް ނުދޭނެއެވެ. ފަހެ ކަށިތައް ފީވެ ހަލާކުވެފައިވާ އިންސާނެއްގެ ޤަބުރު ކައިރިއަށް ގޮސް އޭނާއަށް ދުޢާކޮށް އަޅުކަންކުރުމަކީ މޮޔަކަމެކެވެ. އޭނާވަނީ ތިބާގެ ދުޢާއަށް ޙާޖަތްޖެހިފައިވާ ޙާލުގައެވެ. އެއްވެސް ޙާލެއްގައި އޭނާއަށް ދުޢާކޮށް ކަންކަމުގައި އެދުމަކަށް ތިބާ ޙާޖަތް ޖެހިފައި ނުވެއެވެ. ފަހެ އަމިއްލަ ނަފްސަށް ފައިދާއެއް ނުވަތަ ގެއްލުމެއް ދިނުމުގެ މައްޗަށް އޭނާ ކުޅަދާނަވެގެން ނުވާއިރު، އެހެން މީހަކަށް ކަމެއް ކޮށް ދެވޭނީ ކިހިނަކުން ހެއްޔެވެ؟!
ތަޥްޙީދުގެ މިބަޔަށް މީސްތަކުންގެ ތެރެއިން ގިނަމީހުން ކާފަރުވެ ދެކޮޅު ހެދިއެވެ. އެހެންކަމުން، އެކަމަށްޓަކައި ﷲ ތަޢާލާ ރަސޫލު ބޭކަލުން ފޮނުއްވައި، ފޮތްތައް ބާވާލެއްވެވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
{وَمَا أَرْسَلْنَا مِنْ قَبْلِكَ مِنْ رَسُولٍ إِلاَّ نُوحِي إِلَيْهِ أَنَّهُ لا إِلَهَ إِلاَّ أَنَا فَاعْبُدُونِ} [الأنبياء:25] . މާނައީ: “ހަމަކަށަވަރުން، ތިމަންﷲ މެނުވީ ޙައްޤުވެގެން އަޅުކަންކުރެވޭ އިލާހަކު ނުވާކަމަށް އެބޭކަލަކަށް ވަޙީ ނުކުރައްވާ އެއްވެސް ރަސޫލަކު، ކަލޭގެފާނުގެ ކުރިންވެސް ތިމަންﷲ ނުފޮނުއްވަމެވެ. ފަހެ، ތިޔަބައިމީހުން (ހަމައެކަނި) ތިމަންﷲ އަށް އަޅުކަން ކުރާށެވެ!”
ފަހެ މިއާއެކުވެސް، ރަސޫލު ބޭކަލުންނަށް ތަބާވީ މީހުންނަކީ މަދު ބަޔެކެވެ. ރަސޫލާ ﷺ ޙަދީޘްކުރެއްވިއެވެ. “فَرَأَيْتُ النَّبِيَّ وَمَعَهُ الرَّهْطُ، والنبيَّ ومعه الرَّجُلُ والرجلانِ، والنبيَّ ولَيْسَ معه أَحَدٌ” މާނައީ: “ފަހެ އެނަބިއްޔަކާ އެކު މަދު މީސްކޮޅެއްގެ ޖަމާޢަތެއް ވާ، އަދި އެ ނަބިއްޔަކާއެކު އެކެއް ނުވަތަ ދެމީހުން ވާ، އަދި އެނަބިއްޔަކާއެކު އެއްވެސް މީހަކު ނެތް ނަބީބޭކަލުން ތިމަން ކަލޭގެފާނު ދެކުނީމެވެ.”
ސަމާލުކަން ދިނުން ހުރި ނުކުތާއެއް:
ފަހެ، ފަހުގެ މީސްތަކުންގެ ތެރެއިން ތަޥްޙީދުގެ ޢިލްމާ ބެހޭގޮތުން ލިޔުއްވާ ގިނަ ލިޔުންތެރިން ތަޥްޙީދުއް ރުބޫބިއްޔާގެ މައްޗަށް އަހައްމިއްޔަތުކަން ދީ ސަމާލުކަން ބެހެއްޓުން އެއީ ޢަޖާއިބުހުރި ކަމެކެވެ. ވެރި ރައްބު ވުޖޫދުގައި ވޮޑިގެންނުވާ ބަޔަކާ އެބައިމީހުން މުޚާޠަބުކުރާ ފަދައެވެ. އާނއެކެވެ، ރައްބު ވޮޑިގެންވާކަމަށް އިންކާރުކުރާ ބަޔަކު އުޅުނު ނަމަވެސް، ފަހެ އަޅުކަމުގައި ޝިރުކުގެ ތެރެއަށް ވެއްޓިފައިވާ މުސްލިމުންގެ ގިނަކަމާއެވެ! ވީއިރު ތަޥްޙީދުގެ މިބައި މައްޗަށް ސަމާލުކަންދިނުން މުހިއްމުވެގެން ވެއެވެ. އަހަރެމެންނަކީ މުސްލިމުންނޭ ބުނެ، ނޭނގި ތިބެ ޝިރުކުކޮށް އުޅޭ އެ މުސްލިމު މީސްތަކުން މިކަމުގެ ޙަޤީޤަތުގެ މައްޗަށް ގެންދިއުމަށްޓަކައެވެ.
ލިޔުން ނަގާފައިވަނީ: الشيخ رحمه الله ގެ ފޮތް القول المفيد على كتاب التوحيد އިން



